ވިލް ސްމިތު އަންނަނީ މިއުޒިކް މަސައްކަތްތަކަށް އެނބުރި އައުމަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. ވިހި އަހަރު ފަހުން އޭނާގެ ފުރަތަމަ ފުރިހަމަ އަލްބަމް 'ބޭސްޑް އޮން އަ ޓްރޫ ސްޓޯރީ' ނެރެން ނިންމާފައިވަނީ މިމަހު 28 ގައެވެ.

މި 14 ޓްރެކުގެ އަލްބަމުގައި މަޝްހޫރު އާޓިސްޓުންނާއެކު ކޮލަބޮރޭޝަންތައް ހިމެނެއެވެ. އޭގެ ތެރޭގައި އޭނާގެ ގާތް ރަހުމަތްތެރިޔާ އަދި މިއުޒިކްގައި އެއްބާރުލުން ދެމުން އަންނަ ޑީޖޭ ޖެޒީ ޖެފްވެސް ހިމެނެ އެވެ. ސްމިތު މިއުޒިކަށް އެނބުރި އައުމުގެ ފުރަތަމަ އިޝާރާތެއް ކުރީ ޖެނުއަރީ މަހު ބިގް ސީން އަދި އޮބަންގާއާއެކު ކޮލަބޮރޭޓްކޮށް 'ބިއުޓިފުލް ސްކާސް' ސިންގަލް ނެރުމުންނެވެ.

ސްމިތު ވަނީ ޓަޓިޔާނާ އަލީ އަދި ޑޯޗީއާއެކު ވައިރަލް ވެފައިވާ 'އެންޒައިޓީ' ޑާންސް ޗެލެންޖުގައި ބައިވެރިވެފައެވެ. މި ޗެލެންޖަކީ އޭނާ މަޝްހޫރު ސިޓްކޮމް 'ދަ ފްރެޝް ޕްރިންސް އޮފް ބެލް-އެއަރ' ގައި ކުރި ޑާންސް މޫވްމަންޓްތަކަށް އިޝާރާތްކޮށްފައިވާ އެއްޗެކެވެ.

އަލްބަމް ހެދުމުގެ މަސައްކަތަށް ބަލާއިރު، ސްމިތް ކުރިން ބުނެފައިވަނީ މިއީ އޭނާގެ އަމިއްލަ އަދި އެންމެ ވަރުގަދަ މަސައްކަތް ކަމަށެވެ. މިދިޔަ އަހަރުގެ މޭ މަހު ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ މި މަސައްކަތް ކުރުމަށް އެއް އަހަރާއި ހަ މަހަށްވުރެ ގިނަ ދުވަސް ހޭދަވި ކަމަށެވެ. މީގެ ނަތީޖާއަކީ ނެރެވޭ އަލްބަމަކީ އޭނާގެ އަމިއްލަ ދަތުރާއި ތަޖުރިބާތަކާ ވަރަށް ބޮޑަށް ގުޅޭ މިއުޒިކެއްގެ މައްޗަށް އުފެދިފައިވާ އެއްޗަކަށް ވުމެވެ.

ސްމިތުގެ އެންމެ ފަހުގެ އަލްބަމް 'ލޮސްޓް އެންޑް ފައުންޑް' ނެރެފައިވަނީ 2005 ވަނަ އަހަރުގެ މާޗު މަހުގައެވެ.

'ބޭސްޑް އޮން އަ ޓްރޫ ސްޓޯރީ' އަލްބަމުގައި ޓެޔާނާ ޓެއިލަރ، އޭނާގެ ދަރިފުޅު ޖޭޑަން ސްމިތް، އަދި ޖެކް ރޮސް ފަދަ އާޓިސްޓުންވެސް ހިމެނެއެވެ. މި އަލްބަމުގެ ބައެއް ޓްރެކްތަކުގެ ތެރޭގައި 'ފަސްޓް ލަވް'، 'މޭކް އިޓް ލުކް އީޒީ'، 'ބިއުޓިފުލް ސްކާރސް'، 'ޓޭންޓްރަމް'، 'ބުލެޓްޕްރޫފް'، 'ވަރކް އޮފް އާޓް'، 'ޔޫ ކޭން މޭކް އިޓް' އަދި އިތުރު ޓްރެކްތައް ހިމެނެއެވެ.