ރަޝްމިކާ މަންދާނާ ވަނީ ކައިރި ކައިރީގައި ކާމިޔާބު ފިލްމުތަކެއް ކުޅެ، ބޮކްސް އޮފީހުގައި ފާހަގަކޮށްލެވޭ ކުރިއެރުމެއް ހޯދައިފައެވެ. 'ނޭޝަނަލް ކްރަޝް' ގެ ލަގަބު ހޯދާފައިވާ ރަޝްމިކާ އަދާކުރާ ރޯލުތަކާއި ސްކްރީނުގައި ފެންނަ ގޮތާއި ހުނަރުވެރިކަމުން ފޭނުންގެ ތަރުހީބު އޭނާއަށް ވަރަށް ބޮޑެވެ. އޭގެ ހެއްކަކީ އެންމެ 16 މަސްދުވަހުގެ ތެރޭގައި ރަޝްމިކާ ކުޅުނު 'އެނިމަލް'، 'ޕުޝްޕާ 2: ދަ ރޫލް'، އަދި 'ޗާވާ' އަށް ޖުމުލަ 3,300 ކްރޯޑު ރުޕީސް ލިބިފައިވުމެކެވެ.

ރަޝްމިކާއަކީ މިހާރު އިންޑިއަން ސިނަމާގައި އެންމެ ގިނަ އާމްދަނީ ހޯދާ އަންހެން ތަރިންގެ ތެރެއިން އެކަކެވެ. 'އެނިމަލް' ފިލްމުގައި އޭނާ އަދާކުރި މޮޅު ރޯލުގެ ސަބަބުން އެ ފިލްމަށް 502.98 ކްރޯޑު ރުޕީސް ލިބިފައިވެއެވެ. 'ޕުޝްޕާ 2: ދަ ރޫލް' އަށް 812 ކްރޯޑު ރުޕީސްގެ ސާފު ފައިދާއެއް ލިބިފައިވާއިރު، 'ޗާވާ' ވެސް ދަނީ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދަމުންނެވެ. މިހާތަނަށް އެ ފިލްމަށް 700 ކްރޯޑު ރުޕީސް ލިބިފައިވެއެވެ.

ރަޝްމިކާގެ މި ކާމިޔާބީތަކަށް ވިޔަފާރީގެ ދާއިރާގެ މާހިރެއް ކަމަށްވާ ތަރަން އަދަރްޝް ވަނީ ތައުރީފުކޮށްފައެވެ. އޭނާ ވަނީ ރަޝްމިކާގެ ބްލޮކްބަސްޓާ ތިން ފިލްމާއެކު އޭނާ 'ހެޓްރިކް' ހަދާފައިވާ ކަމަށް ބުނެފައެވެ. އަދި ބޮލީވުޑްގައި ކުރިން އާލިޔާ ބަޓް އާއި ދީޕިކާ ޕަދުކޯންގެ މަގުބޫލުކަމާމެދު ވާހަކަދެކެވުނު ނަމަވެސް އެ އެންމެން ފަހަނައަޅައި ރަޝްމިކާ އެންމެ މަތީ ފަންތީގައި ވާދަކުރަމުން އަންނަ ކަމަށްވެސް އޭނާ ބުންޏެވެ.

ރަޝްމިކާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ސަލްމާން ހާން އާއެކު 'ސިކަންދަރު' އިންނެވެ. ކުރިއަށް އޮތް އީދުގައި އަޅުވަން ހަމަޖެހިފައިވާ އެ ފިލްމަށްވެސް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ބެލެވެއެވެ.