މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ 29 އޮފިސަރެއްގެ އެކައުޓްތަކުގައި އެތައް ސަތޭކަ މިލިޔަން ރުފިޔާއެއް ދައުރުވެފައިވާ މައްސަލައިގައި، އޭގެ ތެރެއިން ފަސް އޮފިސަރަކަށް ދައުވާކުރުމުގެ މަރުހަލާ ކުރިއަށްދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241ކޮމިޓީ)ގެ މިއަދުގެ ބައްދަލުވުމުގައި ނާޒިމް މިހެން ވިދާޅުވީ، ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަތައް ބެލުން ލަސްވާ މައްސަލައިގައި، އެ ކޮމިޓީގެ މެންބަރު ހުޅުދޫ ދާއިރާގެ މުހައްމަދު ޝާހިދު ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
ކޮމިޓީގެ މަސައްކަތް ލަސްވަމުންދާކަން ފާހަގަ ކުރައްވައި، ޝާހިދު ވިދާޅުވީ 241 ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކަކީ ވަރަށް ސީރިއަސް މައްސަލަތަކެއްް ކަމަށެވެ. އެ މައްސަލަތުގައި ސީރިއަސްކޮށް ބަހުސްކޮށް، ކޮމިޓީއަށް ހާޒިރު ކުރަންޖެހޭ ފަރާތްތައް ހާޒިރުކޮށްގެން އެކަންކަން ބަލަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ޝާހިދު ވިދާޅުވީ، ހިތާމައަކީ ފަހަކަށް އައިސް ކޮމިޓީ މަސައްކަތުގައި ސިޔަސީ ކުލަޖެހިގެން ކަންތައް ކުރިއަށްދާކަން ކަމަށްވެސް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް ނާޒިމް ވިދާޅުވީ، ކޮމިޓީގައި ޝާހިދު ދެއްކެވި ވާހަތަކުގެ ތެރޭގައި ކަސްޓަމްސްގެ 29 މުވައްޒިފުންގެ އެކައުންޓްގައި އެތައްސަކޭ މިލިއަން ރުފިޔާއެއް ދައުރުކުރި މައްސަލައަށް އިޝާރާތް ކުރައްވާފައިވާ ކަމަށެވެ.
ނާޒިމް ވިދާޅުވީ، އެ މައްސަލައިގައި ފަސް އޮފިސަރުންގެ މައްޗަަށް ދައުވާކުރުމުގެ މަރުހަލާ ކުރިއަށްދާ ކަމަށެވެ.
އެ މައްސަލައިގައި، ކަސްޓަމްސްގެ މުވައްޒަފުންތަކެއްގެ އެކައުންޓްތަކުގައި 400 މިލިއަން ރުފިޔާ ދައުރުވެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު