ސްރީދޭވީގެ އެންމެ ފަހު ފިލްމު "މަމް" ގެ ދެވަނަ ބައި އޭނާގެ ދަރިފުޅު ޚުޝީ ކަޕޫރާއެކު ހެދުމަށް ރާވަމުން އަންނަ ކަމަށް ޕްރޮޑިއުސަރު، ބޯނީ ކަޕޫރު ބުނެފިއެވެ. ބޯނީ ކަޕޫރު، މިކަން އާންމުކުރީ އިއްޔެ ބޭއްވި އައިއައިއެފްއޭ 2025 ގެ ސިލްވަ ޖުބުލީ ފާހަގަކުރުމުގެ ހަފްލާގައެވެ.

އޭނާގެ ދަރީން، ޚުޝީ އަދި ޖާންވީ ކަޕޫރަށް އޮންނަ ލޯބި ފާޅުކޮށް ބޯނީ ކަޕޫރު ބުނީ، އެ ދެ ކުދީން ފިލްމު އިންޑަސްޓްރީތަކުގައި އެ ކުދީންގެ މަންމަ ސްރީދޭވީ ހާސިލުކުރި ފަދަ ފުރިހަމަކަމެއް ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ބުންޏެވެ.

ބޯނީ ބުނީ، ޚުޝީގެ ހުރިހާ ފިލްމުތަކެއް ބަލައިފި ކަމަށެވެ. އެއީ 'އާޗީސް'، 'ލަވްޔައްޕާ' އަދި 'ނާދާނިޔާން' އެވެ. 'ނޯ އެންޓްރީ' އަށްފަހު ޚުޝީއާއެކު ފިލްމެއް ހެދުމަށް ރާވަމުން އަންނަކަން ފާހަގަކޮށް ބޯނީ ބުނީ އެއީ 'މަމް 2' އަށް ވެސް ވެދާނެކަމަަށެވެ. އޭނާ މަސައްކަތް ކުރަނީ މަންމަގެ ފިޔަވަޅުމަތީގައި ހިނގާން ކަމަށާއި މަންމައަކީ އޭނާ މަސައްކަތްކުރި ހުރިހާ ބަހެއްގައި ވެސް އެންމެ މަތީ ފަންތީގެ ތަރިއެއްކަމަށް ބޯނީ ބުންޏެވެ. ޚުޝީ އަދި ޖާންވީ ވެސް އެ ފެންވަރުގެ ފުރިހަމަކަމެއް ހޯދާނެ ކަމަށް އުއްމީދުކުރާ ކަމަށް ބޯނީ ބުންޏެވެ.

2017 ވަނަ އަހަރު ރިލީޒްކުރި "މަމް" ގައި ސްރީދޭވީ ތަމްސީލުކުރިއެވެ. އެ ފިލްމު ޑައިރެކްޓްކުރީ ރަވީ އުދްޔާވަރެވެ. އެ ފިލްމުގައި ސްރީދޭވީގެ ރޯލަށް، އެންމެ މޮޅު އެކްޓްރެސްގެ ގައުމީ އިނާމު ވެސް ލިބުނެވެ.