ސޮނާކްޝީ ސިންހާ ވަނީ "ޖަޓަދާރާ" ފިލްމާއެކު ތެލިނގު ސިނަމާގައި ފުރަތަމަ ފަހަރަށް ތަމްސީލުކުރާނެކަން ރަސްމީކޮށް އިއުލާނުކޮށްފައެވެ. މި މުނާސަބާ ފާހަގަކުރުމުގެ ގޮތުން، ފިލްމު އުފައްދާ ފަރާތްތަކުން ވަނީ އަންހެނުންގެ ދުވަހު އޭނާގެ ފުރަތަމަ ލުކް ދައްކާލައިފައެވެ.

ޝައުގުވެރިކަން އުފެއްދުމަށް ހާމަކުރި ފުރަތަމަ ލުކް ހިއްސާކުރަމުން އެފަރާތްތަކުން ލިޔެފައިވަނީ، "މި އަންހެނުންގެ ދުވަހު، ޖަޓަދާރާގައި ބާރުވެރިކަމާއި ހިތްވަރުގެ ނަމޫނާއެއް އުފެދިއްޖެ! މަރުހަބާ #ސޮނާކްޝީސިންހާ."

ސުދީީރު ބާބޫ ލީޑް ރޯލުގައި ފީޗަރ ކުރާ މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ ވެންކަޓް ކަލްޔާން އެވެ. މި ފިލްމަކީ ޖިންނިއާ ގުޅުންހުރި ތްރިލަރ ފިލްމެއް ކަމަށް ހަބަރުތައް ބުނެއެވެ.

ކުރީގެ ރިޕޯޓުތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި މި ފިލްމުގައި ލީޑް އަންހެން ތަރީގެ ރޯލުން ފެނިގެންދާނީ ބޮލީވުޑްގެ އެކްޓްރެސްއެކެވެ. އަދި މީގެ އިތުރުން ބާރުގަދަ އެންޓަގޮނިސްޓެއް (ނުބައި ކެރެކްޓަރެއް) ވެސް ތައާރަފުކުރާނެ ކަމަށް ބުނެފައިވެއެވެ.