ސަލްމާން ޚާންގެ އެކްޝަން ޑްރާމާ ފިލްމު "ސިކަންދަރު" އަންނަނީ ފިލްމުގެ ނެރުމުގެ ކުރީންވެސް ބޮޑު ސަމާލުކަމެއް ހޯދަމުންނެވެ. އޭއާރް މުރުގަދޯސް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ލީޑް އެކްޓްރެސްގެ ގޮތުގައި ރަޝްމިކާ މަންދަންނާ ފެނިގެންދެއެވެ.
ފަހުގެ ހަބަރުތައް ބުނާ ގޮތުގައި މި ފިލްމަށް ވަނީ ތިއޭޓަރު ނޫން އެހެނިހެން ގޮތްގޮތުން 165 ކްރޯޑު ރުޕީސްގެ ބޮޑު ޑީލެއް ލިބިފައެވެ.
އެގޮތުން "ސިކަންދަރް" ވަނީ ނެޓްފްލިކްސްއާއެކު ފިލްމު ތިއޭޓަރުތަކުން ދެއްކުމަށްފަހު ސްޓްރީމްކުރުމުގެ ފައިދާހުރި އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން 85 ކްރޯޑު ރުޕީސް ލިބޭނެއެވެ. އަދި ފިލްމު ބޮކްސް އޮފީހުން 350 ކްރޯޑު ރުޕީސްއަށްވުރެ މަތިވެއްޖެ ނަމަ، މި އަދަދު 100 ކްރޯޑު ރުޕީސް އަށް އިތުރުވާނެ އެވެ. ފިލްމުގެ ސެޓެލައިޓް ރައިޓްސް ޒީ އަށް ވިއްކާލާފައިވަނީ 50 ކްރޯޑު ރުޕީސް އަށެވެ. އަދި ފިލްމުގެ މިޔުޒިކްގެ ރައިޓްސް ޒީ މިޔުޒިކް ކޮމްޕެނީ އަށް ވިއްކައިގެން އިތުރު 30 ކްރޯޑު ރުޕީސް ލިބިފައިވެއެވެ. އެހެންކަމުން ފިލްމަށް ތިއޭޓަރު ނޫން އެހެނިހެން ގޮތްގޮތުން ލިބޭ ޖުމްލަ އާމްދަނީ 180 ކްރޯޑު ރުޕީސް އަށް އަރާނެކަމަށް ރިޕޯޓުތައް ބުނެއެވެ.
"ސިކަންދަރް" އުފެއްދުމުގެ ބަޖެޓަކީ 180 ކްރޯޑު ރުޕީސް އެވެ. އެހެން ނަމަވެސް މި އަދަދުގައި ސަލްމާންގެ އުޖޫރަ ހިމެނިފައެއް ނުވެއެވެ. ޕްރޮމޯޝަން އަދި އިޝްތިހާރުކުރުމުގެ ހަރަދުތައް ގާތްގަނޑަކަށް 20 ކްރޯޑު ރުޕީސް އަށް އަރާނެކަމަށް ރިޕޯޓުތައް ބުނެއެވެ. މިއިން ދޭހަވަނީ ފިލްމު ތިއޭޓަރުތަކަށް ދޫކުރުމުގެ ކުރީންވެސް އޭގެ އިންވެސްޓްމަންޓްގެ 80 އިންސައްތައަށްވުރެ ގިނަ އާމްދަނީ ލިބިފައިވާކަމެވެ. މިއީ ފިލްމު އުފައްދާ ފަރާތްތަކަށް މާލީ ރިސްކު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމެކެވެ.
މީގެ އިތުރުން، "ސިކަންދަރް" އަކީ ސަލްމާނާއި ރަޝްމިކާ ފުރަތަމަ ފަހަރަށް އެކުގައި ސްކްރީނުން ފެންނަ ފިލްމު ކަމަށް ވާތީ، ސަޕޯޓަރުންގެ އިންތިޒާރު މި ދެތަރީންގެ ކެމިސްޓްރީއަށް ވެސް ވަނީ ހުއްޓިފައެވެ.
ފިލްމުގައި ކާޖަލް އަގަރްވާލް، ސަތިޔަރާޖް، ޕްރަތީކް ބައްބަރު، ޝަރްމަން ޖޯޝީ އަދި އިތުރު ގިނަ ތަރީންތަކެއް ފެނިގެންދެއެވެ. މި މަހުގެ 30 ގައި ބޮޑު ރިލީސްއަކަށް ތާވަލުކޮށްފައިވާ މި ފިލްމު އީދު މޫސުމުގައި ބޮކްސް އޮފީހުގައި އެންމެ މަތީ ސަފުގައި ފިޔަޖަހާނެކަމަށް ބޮލީވުޑް ހަބަރުތައް ބުނެއެވެ.
"ސިކަންދަރް" ގެ ޝައުގުވެރިކަން އިތުރަށް އުފުލިފައިވަނީ އޭގެ މިޔުޒިކްގެ ސަބަބުންނެވެ. ފުރަތަމަ ލަވަ "ޒޮހްރާ ޖަބީން" ވަނީ މިހާރު ވެސް ސޯޝަލް މީޑިއާގައި ވައިގައި ހިފައިފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން