މެލޭޝިއާއިން ގެއްލިގެން ހޯދަމުންދާ އަހުމަދު އުސައިދު އިބްރާހިމް އަފީފު ހުރީ ސަލާމަތުން ކަމަށާއި އޭނާ ވަރަށް އަވަހަށް ފެންނާނެ ކަމަށް އުންމީދުކުރާ ކަމަށް އުސައިދުގެ ބައްޕަ އިބްރާހިމް އަފީފު ބުނެފިއެވެ.

ފޮރިން މިނިސްޓްރީން އިއްޔެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މެލޭޝިއާގައި ދިވެއްސަކު ގެއްލިގެން އުޅޭކަމުގެ ރިޕޯޓެއް އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަން މެދުވެރިކޮށް މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ.

އެ ރިޕޯޓާ ގުޅިގެން މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ގެއްލިގެން އުޅޭ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އުސައިދުގެ ބައްޕަ އިބްރާހިމް އަފީފު މިއަދު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ މިދިޔަ އާދިއްތަ ދުވަހުގެ 15:15 ގެ ފަހުން އުސައިން ސަންވޭ ގިއޯއިން ނުކުމެގެން ދިޔަގޮތަށް އެއްވެސް ހަބަރެއް ވެފައިނުވާ ކަމަށެވެ. އެހެންވެ އެ ދުވަހު 22:00 ގައި މެލޭޝިއާގެ ފުލުހަށާއި އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް އެކަން އެންގި ކަމަށް އިބްރާހިމް އަފީފު ބުންޏެވެ. އެ މައްސަލަ ރިޕޯޓު ކުރުމާއެކު ހައިކޮމިޝަނުންނާއި ފުލުހުންނާއިި ހެޔޮއެދޭ އެކިއެކި ފަރާތްތަކުން އުސައިދު ހޯދުމުގެ މަސައްކަތް ފެށި ކަމަށް އިބްރާހިމް އަފީފު ބުންޏެވެ.

"އެގޮތުން ކުރެވުނު މަސައްކަތުން ސީސީ ކެމެރާ ފްޓޭޖުތަކުން ލިބުނު މައުލޫމާތުންނާއި، ބައެއް މީހުންގެ ފަރާތުން ލިބުނު މައުލޫމާތުން، ހަމަ އެ ދުވަހު 16:00 އެހާކަށްހާއިރު، އުސައިދު ރާއްޖޭގެ އެމްބަސީއަށް ދިޔަކަން އެނގުނެވެ. ނަމަވެސް އެ ދުވަހަކީ ބަންދު ދުވަހަކަށްވާތީ އެމްބަސީގެ މީހަކާ ބައްދަލުވާގޮތެއް ނުވުމުން، އެތާގައި ގަޑިއެއްހާއިރު މަޑުކޮށްފައި ނުކުމެގެންދިޔައިރު އުސައިދުގެ ވޮލަޓާއި ސްޓޫޑެންޓް ކާޑު ވަނީ ބޭއްވިފައެވެ. ތިން ވަނަ ދުވަހު އެމްބަސީ ހުޅުވުމާއެކު، އެތަނުގެ ކެމެރާތައް ބަލައި ޗެކްކުރިއިރު އެ ހިސާބުން އުސައިދު ސަލާމަތުން ހުރިކަން ވަނީ އެނގިފައެވެ. މިއަދު 4 ވަނަ ދުވަހު 11 ޖެހިއިރު ހައިކޮމިޝަނުން ވަނީ އުސައިދުގެ ވޮލެޓާއި ސްޓޫޑެންޓް ކާޑު ޕޮލިސް މެދުވެރިކޮށް އަޅުގަނޑުމެންނާ ހަވާލުކޮށްފައެވެ. ނަމަވެސް އުސައިދު އަޅުގަނޑުމެންނާ އަދި ބައްދަލެއް ނުވެއެވެ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އުސައިދުގެ ހަބަރެއް ވާނެއެވެ..،" އިބްރާހިމް އަފީފު ބުންޏެވެ.

އިބްރާހިމް އަފީފު ބުނީ ކެމެރާތަކުން ފެންނަނީ އުސައިދު ރަތްކުލައިގެ ޓީޝާޓެއް ލައިގެން ހުރި މަންޒަރު ކަމަށެވެ.

އުސައިދު، މެލޭޝިއާގެ ދިރިއުޅެނީ ސަންވޭ ޖިއޯގައެވެ. އޭނާއަކީ މެލޭޝިއާއިން މަތީ ތައުލީމު ހޯދަމުންދާ މީހެކެވެ.