ލޭ ހަދިޔާކޮށްގެން 2.4 މިލިއަން ކުދީންގެ ފުރާނަ ސަލާމަތްކުރި މީހާ މަރުވެއްޖެއެވެ.

ދުނިޔޭގައި ލޭ ހަދިޔާ ކުރާ މީހުންގެ ތެރެއިން ލޭގެ ޕްލަސްމާގެ ސަބަބުން ލޭ ދިނުމަށް އިސްކަންދޭ މީހުންގެ ތެރޭގައި ހިމެނޭ އޮސްޓްރޭލިއާ އަށް ނިސްބަތްވާ ޖޭމްސް ހެރިސަން މަރުވީ މިދިޔަ ހޯމަ ދުވަހު ކަމަށް އާއިލާއިން ބުނެއެވެ.

އުމުރުން 88 އަހަރުގެ ޖޭމްސް ވަނީ އޭނާގެ އުމުރުން 18 އަހަރުން ފެށިގެން ލޭ ދޭން ފަށައިފައެވެ.

ޖޭމްސްގެ ލޭގައި ވަރަށް މަދު އެންޓިބޮޑީއެއް ހުރިކަން ފާހަގަ ވެ އޭނާގެ ލޭ ވަނީ މާބަނޑު އަންހެނުންނަށް ވެސް ދޭން ފަށައިފައެވެ. ޖޭމްސްގެ ލޭގެ ސަބަބުން މިހާތަނަށް ދެ މިލިއަނަށްވުރެ ގިނަ ކުޑަކުދީން ސަލާމަތްވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

2005 ވަނަ އަހަރު ވޯލްޑް ރެކޯޑްސް އިން ވަނީ ޖޭމްސްގެ މަސައްކަތް ފާހަގަކޮށް އެންމެ ގިނަ ޕްލަސްމާ ޑޮނޭޓް ކުރި ރެކޯޑު ދީފައެވެ. ނަމަވެސް އެރެކޯޑު 2022 ވަނަ އަހަރު އެމެރިކާގެ ރައްޔިތަކު ވަނީ މުގުރާލައިފައެވެ.