ސާރާ އަލީ ޚާން ލީޑް ރޯލުގައި ފެންނަ 'މެޓްރޯ އިން ޑިނޯ'، މި އަހަރުގެ ތެރޭގައި ނެރޭނެ ކަމަށް ބުނެފިއެވެ. ކުރީން ރިޕޯޯޓުތައް ބުނެފައިވާ ގޮތުގައި، މި ފިލްމު ނެރޭނެ ވަކި ދުވަސްވަރެއް ވަނީ ޔަގީން ނުވެފައެވެ.

ފިލްމު އުފެއްދުންތެރީންގެ ފަރާތުން ނެރުނު ރަސްމީ ބަޔާނެއްގައި ބުނީ "މެޓްރޯ އިން ޑިނޯ" ރިލީޒްކުރުން ލަސްވާނެކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރާފައިވަނީ ދޮގު ހަބަރެއް ކަމަށެވެ. ފިލްމު ރިލީޒްކުރުމުގައި އެއްވެސް ލަސްވުމެއް ނާންނާނެކަން ވެސް ފިލްމުގެ ޓީމުން ވަނީ ޔަގީންކޮށްދީފައެވެ.

މި ފިލްމުގައި އަދިތިޔާ ރޯއި ކަޕޫރު ވެސް ލީޑް ރޯލުން ފެނިގެންދާނެއެވެ. އޭނާ ވަނީ 2023 ވަނަ އަހަރު މުންބާއީގެ ގޯރެގާއޮން ސަރަހައްދުގައި ހުންނަ ފިލްމް ސިޓީގައި ފިލްމުގެ ޝޫޓިން ފަށައިފައެވެ.

‘މެޓްރޯ... އިން ޑީނޯ' ޑައިރެކްޓްކޮށްފައި ވަނީ އަނޫރާގް ބަސޫ އެވެ. އޭނާއަކީ 'ގޭންގްސްޓަރ'، 'ބަރްފީ'، 'މަރޑަރ'، 'ޖައްގާ ޖާސޫސް' އަދި 'ލުޑޯ' ފަދަ ފިލްމުތަކުން މަޝްހޫރުކަން ހޯދާފައިވާ ޑައިރެކްޓަރެކެވެ. މި ފިލްމަކީ އަނޫރާގް އާއި މިޔުޒިކް ކޮމްޕޯޒަރު ޕްރީތަމް އެކުގައި މަސައްކަތްކުރާ ފިލްމެކެވެ.

އަނޫޕަމް ކޭރު، ނީނާ ގުޕްތާ، ޕަންކާޖް ތްރިޕާތީ، ކޮންކަނާ ސެންޝަރްމާ، އަލީ ފަޒަލް އަދި ފާތިމާ ސަނާ ޝައިޚް ވެސް މުހިންމު ރޯލުތަކެއްގައި މި ފިލްމުގައި ފެންނާނެ އެވެ. މި ފިލްމަކީ އަނޫރާގް ޑައިރެކްޓްކުރި 'ލައިފް އިން އަ މެޓްރޯ' ގެ ސީކުއަލްއެއް ކަމަށް ބުނެވެއެވެ. އެ ފިލްމަކީ 2007 ވަނަ އަހަރު ބޮލީވުޑްގެ ފުރަތަމަ ފުރިހަމަ ރޮކް އަލްބަމް ކަމުގައި ފާހަގަކުރެވުނު ފިލްމެކެވެ.