މާލެ ސަރަހައްދަށް އިއްޔެ ހަވީރުން ފެށިގެން ރޭ ފަތިސް ވަންދެން މެދުނުކެނޑި ބޯކޮށް ވެހުނު ވާރޭގެ ސަބަބުން މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ޕަންޕްތައް ބޭނުންކޮށްގެން 16911 ޓަނުގެ ފެން ހިންދައިފިއެވެ.

އެމްއެންޑީއެފްއިން މިއަދު ބުނީ އެ ސާވިސްއިން ކުރިއަށްގެންދާ އޮޕަރޭޝަނުގައި މާލޭގެ 131 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީ، 976 ވެލި ބަސްތާ ޖަހައިދީފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މާލޭގެ ފަސް ސަރަހައްދެއްގައި 13 ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

"މާލޭ ސިޓީގެ ފެންބޮޑުވެފައިވާ ސަރަހައްދުތައް އާންމު ހާލަތަށް ގެނެވިފައިވާތީ، ފެން ހިންދުމުގެ މަސައްކަތް ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފައި. މި އޮޕަރޭޝަންގައި 16911 ޓަނުގެ ފެންވަނީ ހިންދާފައި،" އެމްއެންޑީއެފްއިން ބުންޏެވެ.

މާލެ ސިޓީގެ އިތުރުން އިއްޔެ ރާއްޖެއަށް ކުރި ވިއްސާރައިގައި އެމްއެންޑީއެފްއިން ކުރިޔަށްގެންދިޔަ އޮޕަރޭޝަންތަކުގައި ކ. ހުރާ، ކ. ގުރައިދޫ، ކ. ހިންމަފުށި، ކ. ތުލުސްދޫ ކ. މާފުށި، އދ. މާމިގިލި، ދ. މީދޫ އަދި ފ. ނިލަންދޫގައި ފެން ހިންދުމުގައި ސިފައިން ހަރަކާތްތެރި ވެފައިވާ ކަމަށް ބުންޏެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެގެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް އެންމެ ބޯކޮށް ވާރޭވެހުނީ ކ. ދިއްފުއްޓަށެވެ. އެރަށަށް ވަނީ 296.1 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.

މެޓް އޮފީހުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މިއަދު ވެސް މޫސުން ގޯސްވާނެ ކަމަށެވެ. ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޮފިޝަލު ވިދާޅުވީ، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށެވެ. އަދި ބޯކޮށް ވާރޭ ވެހި، ކަނޑުތައްވެސް ގަދަވާނެ ކަމަށް ވިދާޅުވިއެވެ.

އޮފިޝަލު ވިދާޅުވީ، މިއަދު މޫސުން ގޯސްވި ނަމަވެސް މާދަމާ މޫސުން ރަނގަޅު ކަމަށެވެ. އެގޮތުން މެދުރާއްޖެތެރެ އާއި ދެކުނަށް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރުކުރި ނަމަވެސް ބޯކޮށް ވާރޭ ނުވެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.