މިއަދުވެސް ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން ބުނެފިއެވެ.
މެޓް އޮފީހުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މިއަދު ވެސް މޫސުން ގޯސްވާނެ ކަމަށެވެ. ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޮފިޝަލު ވިދާޅުވީ، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށެވެ. އަދި ބޯކޮށް ވާރޭ ވެހި، ކަނޑުތައްވެސް ގަދަވާނެ ކަމަށް ވިދާޅުވިއެވެ.
"އުދަ އަރާނެކަމަށް އަދި ފޯކާސްޓެއް ނުކުރެވޭ." އޮފިޝަލު ވިދާޅުވިއެވެ.
އޮފިޝަލު ވިދާޅުވީ، މިއަދު މޫސުން ގޯސްވި ނަމަވެސް މާދަމާ މޫސުން ރަނގަޅު ކަމަށެވެ. އެގޮތުން މެދުރާއްޖެތެރެ އާއި ދެކުނަށް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރުކުރި ނަމަވެސް ބޯކޮށް ވާރޭ ނުވެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފާއިތުވި 24 ގަޑިއިރު، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ވަރަށް ގޯހެކެވެ. މާލެ ހިމެނޭހެން ބައެއް ރަށްރަށުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ވަނީ ގެއްލުންތަކެއް ވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު