ރޯދަ މަހު އުޅުމާއި ގުޅުންތަކަށް އަންނަ ހެޔޮ ބަދަލު މުޅި ހަޔާތުގައިވެސް ދެމެހެއްޓުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

މާދަމާ ފަށާ ރޯދަ މަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރައްވައި ރައީސް ފޮނުއްވި ތަހުނިޔާގެ ހިތާބުގައި އެ މަނިކުފާނު ވިދާޅުވީ މި ބަރަކާތްތެރި މަހުގައި ހިފާ ރޯދައާއި އަޅުކަމަށް ދޭ ސަމާލުކަމާއި އަނެކުންނަށް ދޭ މަދަދާއި ކެތްތެރިކަމާއި އިހުސާންތެރިކަމުގައި ދެމިތިބުމަކީ ޖިސްމަށާއި ރޫހަށް ލިބިދޭ އަގުހުރި ތަރުބިއްޔަތެކެވެ.

"އަޅުގަނޑުމެންގެ ދަރީންނަށާއި ދިވެހި ކޮންމެ ކުޑަކުއްޖަކަށާއި ޒުވާނަކަށް ރީތި ނަމޫނާ ދައްކައި، ހަރުދަނާ ސިފަތައް އުނގަންނައިދޭ މަހެއްކަމުގައި މި މަސް ހަދަމާތޯއެވެ؟ ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ އަމިއްލަ ނަފުސަށް ގެއްލުންހުރި ނުކިއްސަރު އާދަތަކާ ދުރުހެލިވުމުގެ ފުރަތަމަ ފިޔަވަޅު މި މަހު އަޅަމާތޯއެވެ؟ ދޮގާއި ފިތުނަ ފަތުރަން މަސައްކަތްކުރާ ކޮންމެ ބަޔަކާ ދުރުހެލިވެ، ހުލްގު ހެޔޮ އިންސާނެއްގެ ގޮތުގައި ކާމިޔާބު ހަޔާތެއް އުޅުމުގެ އަޒުމު މި މަހު އާކުރަމާތޯއެވެ؟ އިސްރާފުކުރުމާއި ވަގުތުގެ ނިއުމަތް ބޭކާރުކުރުން ފަދަ ވަސްވާސްތަކާ ފެޔަށް ޖެހި، ފުދުންތެރި ދިރިއުޅުމެއް ހިޔާރުކޮށް، މާދަމާއަށްޓަކައި ދުނިޔަވީ އަދި އުހުރަވީ ގޮތުން މަންފާހުރި އެތައް އަމަލަކާއި ހެޔޮކަމެއް ގޮވާންކުރުމުގެ އާދަ މިމަހު ހިފަން ފަށާމާތޯއެވެ؟ ކޮންމެ ދިވެއްސަކީވެސް އާއިލާ ދެކެ ލޯބިވާ، އަވަށްޓެރީންނަށް ކަމޭހިތައި، ރަހުމަތްތެރިކަމުގެ ހައްގުތައް އަދާކުރާ އިހުސާންތެރިއަކަށްވުމުގެ މޮޓޯގައި މި މަހުން ފެށިގެން ހިފަހައްޓަމާތޯއެވެ؟،" ރައީސް ވިދާޅުވިއެވެ.

ރައީސް ދިވެހި ރައްޔިތުންނަށް ހިޔާވަހިކަން ކަށަވަރުކޮށްދީ، ދިރިއުޅުމުގެ މުހުތާދުތައް ފުއްދައިދީ، އުފާފާގަތިކަން އިތުރުކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ އިހުލާސްތެރި މަސައްކަތް، ދުވަހަކަށްވުރެ ދުވަހެއް ހަލުވި ކުރައްވާނެ ކަމަށެވެ. އަދި ކޮންމެ ރޯދަ މަހަކުވެސް އޯގާތެރިކަމާއި ކުލުނާއި ދީލަތިކަމުގެ ނަމޫނާ ދައްކައި، ރައްޔިތުންގެ ހިތަށް ތަސައްލީ ލިބިދިނުމުގައި ސަރުކާރުން އިސް ނަގާނެ ކަމަށްވެސް ވިދާޅުވިއެވެ.