އެއްވެސް މީހަކަށް ލިބުނު އެއްވެސް ފުލެޓެއް އަތުނުލައްވާނެ ކަމަށާއި އެ މަނިކުފާނު އަދިވެސް އަދި ކުރިއަށް އޮތްތަނުގައިވެސް ހުންނަވާނީ އެ ވައުދުގެ މަތީގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވަނީ މިދިޔަ ސަރުކާރުގައި ހިންގި ބިންވެރިޔާއާއި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ނުވަތަ ގޯތި ލިބުނުކަމުގެ ރަސްމީ ލިޔުން ލިބިފައި ނެތް ނަމަވެސް، ގޯއްޗާއި ފްލެޓް ލިބޭނެ ކަމަށް ލިސްޓުގައި އޮތް އެންމެނަށް އެ ތަންތަން ލިބޭނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.

އިއްޒުއްދީން ފާލަން މަރާމާތު ކުރުމަށްފަހު އަލުން ހުޅުވުމަށް އެ ސަރަހައްދުގައި މިރޭ ބޭއްވި ހަފުލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މިއަދު އާންމުކުރި ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ މީހުންގެ ލިސްޓަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފާހަގަކުރި ކަންކަން ބަލައި، ކުރީ ސަރުކާރުން އިއުލާން ކުރި ޝަރުތުތަކާއި ޕޮއިންޓް ދޭނެ އުސޫލުތަކަށް ބަލައިގެން ނެރެފައިވާ ލިސްޓެއް ކަމަށެވެ.

"އަޅުގަނޑު ވައުދުވިން އެ ރައްޔިތަކަށް ލިބިފައި އޮތް ގޯއްޗެއް، ފްލެޓެއް އަތުނުލާނަމޭ. އެ ވައުދުގެ މަތީގައި އެ ދުވަހުވެސް މިއަދުވެސް އަދި މާދަންވެސް އަޅުގަނޑު ހުންނާނީ. ލިސްޓު ނުކުތްއިރުގައި ކުރީ ސަރުކާރުން ނެރުނު ލިސްޓުން މަދުވެއްޖެ ބަޔަކު. އޭގެ ސަބަބުތައް އެ ލިސްޓު އިއުލާން ކުރި އިރު، އެ މީހެއްގެ މައުލޫމާތުތަކުގެ ތެރޭގައި ހިމެނިފައިވާނެ،" ރައީސް ވިދާޅުވިއެވެ.