ބޮޑުތަކުރުފާނު މަގުގައި ތާރުނާޅައި އޮތް ސަރަހައްދު ފުޅާކޮށް، ތާރު އަޅައި ތަރައްގީކުރުމުގެ މަސައްކަތް ރަމަޟާން މަހަށްފަހު ފެށިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މަރާމާތަށްފަހު މިރޭ އިއްޒުއްދީން ފާލަން އަލުން ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށާއި އެމްޓީސީސީ ފެރީ ޓާމިނަލުން ފެށިގެން އެމްއެމްއޭގެ އިމާރާތް ނިމޭ ހިސާބަށް ބޮޑުތަކުރުފާނު މަގު ތަރައްގީކުރާނެ ކަމަށެވެ. އަދި ލޯކަލް މާރުކޭޓާ ހަމައަށް މަސް މާރުކޭޓު ބޮޑުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"މި މަގު، ކޮޅަކަށް ދެ ލޭނު އޮންނަ ގޮތަށް، މޫދުން ވެސް ބައެއް ނަގައި ޝީޓްޕައިލް ކުރެވި، މަގު ފުޅާކުރެވި، ހުރިހާ ނިޒާމުތަކެއް އަޑީގައި ހުންނަން ޖެހޭ ހުރިހާ ކަމެއް ހިމެނޭގޮތަށް ތަރައްގީކުރެވި، ތާރު އެޅި، ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ރަމަޟާން މަސް ނިމޭތަނުން ފެށި، މިއަހަރު ނިމެންވާއިރަށް އިރާދަކުރެއްވިއްޔާ ނިންމައި ހުޅުވާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވަކި މަގެއްގެ ގޮތުގައި އެމްޓީސީސީން ތަރައްގީކުރާނީ ހަމައެކަނި ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ކަމަށާއި މާލެ އާއި ވިލިމާލޭގައި ހިމެނޭ އެހެން ހުރިހާ މަގެއް ތަރައްގީކުރާނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކަމަށެވެ.
"އެ މަޝްރޫއުގައި މި ބައި، މި މަގު ނުހިމެނޭނެ. މި މަސައްކަތް ވަކިން މިއޮތީ، އަޅުގަނޑުމެން އެހެންވީމާ ސަރުކާރުގެ ބަޖެޓުގެ ތެރެއިން ކުރަން ނިންމާފައި. އިރާދަކުރެއްވީތީ މިއަހަރުގެ ތެރޭގައި ފެނިގެންދާނީ މާލޭގެ، މާލޭ ސިޓީގެ މަގުތައް، ދެންމެ މި ދެންނެވި ފަދައިން ހެދުމުގެ މަސައްކަތް ވެސް އަމަލީ މަރުހަލާއަށް ދާ ތަން. މިހާރު އޭގެ ފީސިބިލިޓީއާ އެކީގައި ދެން އޮންނަ މަރުހަލާތައް އުސޫލުގެ ތެރެއިން އެބަ ކުރިއަށްދޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމުގެ މަސައްކަތުގެ ހުރިހާ ކަމެއް ނިމުމުން، ބަޔަކު ހޯދައި އަމަލީ މަސައްކަތް ފެށުމާ ހަމައަށްދާނެ ކަމަށާއި މިހާރު ކުރިއަށްދަނީ އަމަލީ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކަމަށެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް މަގުތަކަށް ކުރިމަތިވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރެއްވުމަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅެކެވެ.
އެ މަޝްރޫއުގެ މަގުސަދަކީ މާލެ ވިލިމާލޭގެ މަގުތަކުގެ ހާލަތު ގޯސްވަމުންދާ މިންވަރު ޒަމާނީ ފެންވަރަށް އަޕްގްރޭޑްކޮށް ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ހޯދައިދިނުމެވެ.
ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ދެއްވި މީޑިއާ ސްޓޭޓްމެންޓްގައި ރައީސް ވިދާޅުވެފައިވަނީ، ޗައިނާ އިން ދޭ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ މަގު ހެދުމުގެ މަޝްރޫއަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު