ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު، "ގެދޮރުވެރިޔާ" ސްކީމުގެ ފުލެޓު ލިސްޓު ހެދުމުގައި އެއްވެސް ފަރާތަކުން ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށާއި މިއީ ނުފޫޒެއް ނެތި ފުލެޓު ލިސްޓެއް ނެރުނު ފުރަތަމަ ފަހަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިއްޒުއްދީން ފާލަން މަރާމާތު ކުރުމަށްފަހު އަލުން ހުޅުވުމަށް އެ ސަރަހައްދުގައި މިރޭ ބޭއްވި ހަފުލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މިއަދު އާންމުކުރި ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ މީހުންގެ ލިސްޓަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފާހަގަކުރި ކަންކަން ބަލައި، ކުރީ ސަރުކާރުން އިއުލާން ކުރި ޝަރުތުތަކާއި އުސޫލުތަކަށް ބަލައިގެން ނެރެފައިވާ ލިސްޓެއް ކަމަށެވެ.
އަދި ލިސްޓު މިއަދު އާންމުކުރި އިރު، ކުރީ ސަރުކާރުން ނެރުނު ލިސްޓުން ބަޔަކު މަދުވެފައިވާއިރު، މަދުވި ސަބަބުތައް ކޮންމެ މީހެއްގެ މައުލޫމާތުތަކުގެ ތެރޭގައި އެނގެން ހުންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ދޭނެ ޔަގީންކަމަކީ، ހަމަ ޔަގީންކަމާއެކު ދޭ ޔަގީންކަމެއް މިއީ އެންމެ ބޮޑު ޔަގީންކަމަކީ މި ލިސްޓު ހެދުމުގައި ޒައްރެއްގެ މިންވަރުގެވެސް ނުފޫޒެއް އެއްވެސް ފަރާތަކުން ފޯރުވާފައި ނުވާނެކަން. މިއީ ނުފޫޒުން އެއްކިބާވެގެން ނެރެފައިވާ ލިސްޓެއް. މިއީ ރާއްޖޭގައި އަޅުގަނޑު ހިތުން އަޅުގަނޑަށް ހަމަ ޔަގީނުންވެސް ގެދޮރުވެރިކަމުގެ ދާއިރާގައި ކަންކަމުގެ މައުލޫމާތު އެނގެންފެށި ހިސާބުން އަދި އެކިއެކި ހައިސިއްޔަތުތަކުން، އެންމެ ޖޫނިއާ ލެވަލްއިން ފެށިގެން ސަރުކާރުގެ މިކަމާބެހޭ ދާއިރާތަކުގައި އުޅެންފެށި ހިސާބުން ބެލިޔަސް ނުފޫޒެއް ނުފޯރުވައި ގެދޮރުލިބޭނެ މީހުންގެ ލިސްޓެއް ނުކުތް ފުރަތަމަ ފަހަރު. ނުފޫޒެއް ނޯންނާނެ މި ލިސްޓަކު،" ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު