ދިރާސީ އަހަރުގެ ކިޔެވުން ނިންމައި ސްކޫލްތަކުގެ ބޮޑު ޗުއްޓީ މިއަދު ފަށައިފިއެވެ.
ރާއްޖޭގެ 216 ސްކޫލެއްގައި މިއަދު ކުދިންނަށް ރިޕޯޓް ފޮތް ދީ، އަހަރީ ޗުއްޓީ ފަށައިފައެވެ.
އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ދިރާސީ އާ އަހަރު ފަށާނީ އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހުއެވެ. އެހެންކަމުން ރޯދަ މަސް އެއްކޮށް ސްކޫލު ކުދިންނަށް ކިޔެވުން ބަންދުވާނެއެވެ.
ދިރާސީ އަހަރު ފަށާފައިވަނީ 96،000 ދަރިވަރުންނާ އެކުއެވެ. އޭގެ ތެރެއިން 40،300 ދަރިވަރުންނަކީ އަންހެން ދަރިވަރުންނެވެ. 42،700 ދަރިވަރުންނަކީ ފިރިހެން ދަރިވަރުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި 96،000 ދަރިވަރުންގެ ތެރެއިން 17،000 އެއްހާ ދަރިވަރުންނަކީ މާލޭ ސަރަހައްދުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނެވެ. ޕްރައިވެޓް ސްކޫލްތަކުގައި އެލްކޭޖީ އިން ފެށިގެން ގްރޭޑް 12 އާ ހަމައަށް 13،000 ދަރިވަރުން ތައުލީމު ހާސިލުކުރާއިރު އޭގެ ތެރެއިން 9،000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލު ކޮށްފައިވަނީ މާލޭ ސަރަހައްދުގައި ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުން ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމުގެ ޗުއްޓީ ފަށާނީ ޖުލައި 24 ގައެވެ. ފުރަތަމަ ޓާމުގެ ޗުއްޓީގެ ގޮތުގައި 16 ދުވަސް ލިބޭނެއެވެ. އަދި ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އޮގަސްޓު މަހުގެ ދިހަ ވަނަ ދުވަހުއެވެ. ދެ ވަނަ ޓާމު ނިމި ބޮޑު ބަންދު ވާނީ ޑިސެމްބަރު 28 ވަނަ ދުވަހުއެވެ. ބޮޑު ޗުއްޓީގެ ގޮތުގައި މަހެއްހާ ދުވަސް ލިބޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު