ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު އެ ރަށު ނިއުލައިފް، ޒަކިއްޔާ މޫސާގެ އޮޓޯޕްސީ ނުހެދުމަކީ ހެދުނު ގޯހެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެއެވެ.

ޒަކިއްޔާއަށް އިންސާފު ހޯދައިދޭން ގޮވާލައި ހޮޅުދޫގައި ކުރަން ފެށި ސިލްސިލާ މުޒާހަރާތަކާ ގުޅިގެން އިހުސާނާއި ފުލުހުންގެ އިސްވެރިން ވަނީ އެ ރަށަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި ޒަކިއްޔާގެ ޕޯސްޓްމޯޓަމެއް ނުހެދީ ކީއްވެތޯ މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ ޒަކިއްޔާގެ ހަށިގަނޑު ބެއްލެވި ޕެތޮލޮޖިސްޓް ޑޮކްޓަރަކީ ރާއްޖޭގައި އެ ވަގުތު ލިބެންހުރި، އެހެން މަސައްކަތެއްގައި އައިސް ހުރި ޑޮކްޓަރެއް ކަމަށާއި އޭނާއަކީ މީގެ ކުރިން އެތައް ޕޯސްޓްމޯޓަމެއް ހަދާފައި ހުރި ޑޮކްޓަރެއް ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލެއް ނުކުރަން އޮޓޮޕްސީ އޭރު ނަހަދާ ދޫކޮށްލި ދޫކޮށްލުން އެއީ އެންމެ ރަނގަޅު ކަމެއް ކަމަކަށް. އަޅުގަނޑު ގަބޫލުކުރަނީ އެއީ ހެދުނު ގޯހެއް ކަމަށް،" އިހުސާން ވިދާޅުވިއެވެ.

އިހުސާން އިތުރަށް ވިދާޅުވީ، ޒަކިއްޔާގެ ހަށިގަނޑުގެ އޮޓޮޕްސީ ނަހަދަން ނިންމި ޓެކްނިކަލް ސަބަބު ސާފުކުރެއްވުމަށްފަހު އެކަން ހާމަކުރައްވާނެ ކަމަށެވެ.

އުމުރުން 50 އަހަރުގެ ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ 10 ސެޕްޓެމްބަރު 2024ގައި އޭނާ ދިރިއުޅޭ ގޭ ތެރެއިންނެވެ. އޭނާގެ ހަށިގަނޑުގެ ތަހުލީލުތަކެއް ހެދުމަށް މާލެ ގެނައި ނަމަވެސް ޕޯސްޓްމޯޓަމް ހަދަން ނިންމާފައި ނުވާތީ ސެޕްޓެމްބަރު 12 ވަނަ ދުވަހު ހޮޅުދުއަށް ގެންގޮސް ޒަކިއްޔާގެ ހަށިގަނޑު ވަޅުލިއެވެ.

އޭގެ ތިން މަސް ފަހުން ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވަނީ ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނެސް ޕެތޮލޮޖިސްޓް ޑޮކްޓަރަކަށް ދެއްކި ކަމަށާއި ޑޮކްޓަރު ބެލި ބެލުމުން އެހެން މީހެއްގެ ފުށުން ލިބޭ ޒާތުގެ އަނިޔާއެއް ނުފެންނަ ކަމަށް ލަފާ ދިން ކަމަށް ވިދާޅުވެފައެވެ.