ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތްކަމަށް ފާހެއްނުވިއެވެ.
އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ 12 މެންބަރުންގެ ސޮޔާއެކު، އިހުސާންގެ އިތުބާރުނެތް މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސައަށް ހުށަހެޅުއްވީ، ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލްއެވެ.
އެމްޑީޕީން ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ ގޮތުން ހޯމްލޭންޑް މިނިސްޓްރީގެ ދަށުގައިވާ ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)ގެ ޑޭޓާބޭސް ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުވާ މައްސަލަ އާއި ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަނަށް ބޭނުންވާ އެކްސްޕެޓް ސިސްޓަމް، ދިވެހި ކުންފުންޏަކުން ހަދައިދީފައި ވަނިކޮށް ބިދޭސީންގެ ހުރިހާ ކަމެއް ބެލެހެއްޓުމަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްކޮށް، ބްލެކް ލިސްޓުކޮށްފައިވާ މެލޭޝިއާގެ ބެސްޓިނެޓް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި މައްސަލައާ ގުޅިގެން ކަމަށެވެ.
އެ މައްސަލައިގެ ބަހުސަށް ކަނޑައަޅާފައިވާ ވަގުތުގައި މެންބަރުންނަށް ފުރުސަތު ދެއްވައި، އަދި މައްސަލައަށް ޖަވާބުދާރީވުމަށް މިނިސްޓަރަށް ފުރުސަތު ދެއްވުމަށްފަހު، ވަނީ އިހުސާންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައިފައެވެ.
މިއަދުގެ ޖަލްސާގައި އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ތިން ފަހަރެއްގެ މަތިން ވޯޓަށް އެއްސެވިއެވެ.
ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ ފުރަތަމަ ވޯޓަށް އެެއްސެވީ 1:30 ގައެވެ. ނަމަވެސް ސިސްޓަމްގައި ޓެކްނިކަލް މައްސަލައެއް އުޅޭ ކަމަށް ވިދާޅުވެ، އިރުކޮޅެއްފަހުން އަނެއްކާވެސް ވޯޓަށް އެއްސެވިއެވެ. ނަމަވެސް ތިންވަނަ ފަހަރަށް ވޯޓަށް އެއްސެވީ ޓެކްނިކަލް މައްސަލަ ހައްލުވަންދެން މަޖިލިސް ޖަލްސާ މެދުކަޑައިލުމަށްފަހު، 1:45 ގައި ޖަލްސާ އަލުން ފެށުމަށްފަހުގައެވެ.
އޭރު މަޖިލިސް ޖަލްސާގައި ތިއްބެވި 78 މެންބަރުންގެ ތެރެއިން، އިހުސާންގެ އިތުބާރު ނެތްކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 11 މެންބަރުންނެވެ. ނަމަވެސް އިތުބާރު ނެތްކަމަށް ފާސްކުރަން ނުފެންނަ ކަމަށް 64 މެންބަރުން ވޯޓު ދެއްވިއެވެ.
ގާނޫނުއަސާސީ ބުނާގޮތުން މިނިސްޓަރުގެ އިތުބާރު ނެތް ކަމަށް ބެލެވޭނީ، މަޖިލިސް މެންބަރުންގެ ޖުމްލަ އަގުލަބިއްޔަތު ކަމަށްވާ 42 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު