ރ. އަތޮޅު ކައުންސިލުގެ އިދާރާއަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

އެ އަތަޅުގެ ކައުންސިލް އިދާރާ ހުންނަނީ ރ. އުނގޫފާރުގައެވެ.

ފުލުހުން "ވަން" އަށް މިއަދު ބުނީ ކައުންސިލް އިދާރާއަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ރ. އުނގޫފާރު، ރިވެލި، މުހައްމަދު އަމްޖަދު (61އ) އަދި ރ. އުނގޫފާރު، ނަސީމީހިޔާ މުހައްމަދު ވަހީދު (67އ) ކަމަށެވެ. ދެ މީހުން ވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށާއި އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދުގައި ބޭއްތިބުމަށް އަމުރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

ކައުންސިލު އިމާރާތަށް ސިހުރު ހަދާ ކަމަށް ބުނާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަނީ ކައުންސިލު އިދާރާގެ ތެރެއަށް މީހަކު ގޮސް ފެން އަޅާ މަންޒަރެވެ.