މި އަހަރުގެ ފިތުރު އީދަށް ރަށްތައް ޒީނަތްތެރި ކުރުމަށް އިތުރު 36 ރަށެއް ދިއްލުމަށް ގެންނަ ލައިޓްތަކަށް 28 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ބެލެވޭ ކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ ގުޅޭ މައުލޫމާތު ނޫސްވެރިންނަށް ހިއްސާ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރު ކުރިއަށް ގެންދިޔަ އީދު ބޮކި ދިއްލުމުގެ ހަރަކާތްތައް މިފަހަރު ވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި މިދިޔަ އަހަރާ ހިލާފަށް މިފަހަރު ކޮންމެ އަތޮޅަކުން ދެ ރަށަކަށް އީދު ބޮކި ފޯރުކޮށްދޭނެ ކަމަށެވެ.

"ސްޓެލްކޯ އަދި ފިނޭންސް މިނިސްޓްރީއާ ވާހަކަ ދެކެވި އެކަމަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ވަނީ ފެށިފައި. އެ ކަމަށް ބޭނުންވާ ލިޔެކިޔުންތައް ވަނީ ހުށަހެޅިފައި. އައްޑޫ އަދި ފުވައްމުލަކުގައި ކުރިން އެ ވަސީލަތްތައް ފޯރުކޮށްދީފައި ވަނީ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

"މިފަހަރު ދެ ރަށް އިހުތިޔާރު ކުރީ ރަށެއްގެ އާބާދީ އެންމެ ގިނަ އަދަދަށް ބަލައިގެން. ލައިޓުތަކަކީ ވެސް ކުރިއަށް އޮތް ތަނުގައި ބޭނުން ކުރެވޭނެ އެއްޗެހި. މާލެއަކަށް ނުގެންނަން. ކުރިން ގެނައި ރަށްރަށަށް ނުގެންނަން. އެހެންވީމާ މި އަހަރު 36 ރަށަށް، އެކަމަށް އެންމެ ގިނަވެގެން ވެސް ހޭދަވާނެ ކަމަށް ބެލެވެނީ 28 މިލިއަން،" ޝަރީފު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާ އެއްގޮތަށް އީދަށް މާލެ ސަރަހައްދުގެ ރަށްތައް ދިއްލާލުމަށް ކުރިއަށްގެންދާ މިހަރަކާތުގައި މިދިޔަ އަހަރު މާލޭގެ އިތުރުން ކުރިއަށްގެން ދިޔައީ ކޮންމެ އަތޮޅެއްގެ ވެސް ވެރިކަންކުރާ ރަށުގައެވެ. ސިޓީތަކާއި އަތޮޅު ވެރިކަން ކުރާ ރަށްތައް ގިޑިގެތަކާއި ކުލަބޮކިތަކުން ދިއްލާލައިފައެވެ.

އީދު އަލިން މާލެ ސަރަހައްދު އެންމެ ފުރަތަމަ ދިއްލާލީ ރައީސް މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުސްވަރުގައެވެ. އޭގެ ފަހުން ވެރިކަމާ ހަވާލުވެވަޑައިގެން ރައީސް ވަނީ އީދު ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތެއްގެ ގޮތުގައި "އީދު އަލި" މާލޭގެ އިތުރުން އެހެން ބައެއް ރަށްތަކުގައި ވެސް ކުރިއަށް ގެންދަވައިފައެވެ.