ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު އަދި ވިލާ ގްރޫޕުގެ ޗެއާމަން ގާސިމް އިބްރާހިމްގެ ހަރަދުގައި އދ. މާމިގިލީގައި ޕޮލިސް ސްޓޭޝަނެއް ހެދުމަށް ހުށަހަޅުއްވައިފިއެވެ.

ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއަށް ގާސިމް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން މާމިގިލިއަކީ، އދ. އަތޮޅުގައި ހިމެނޭ ރަށްތަކުގެ ތެރެއިން އެންމެ ކުށް ގިނަ ރަށް ކަމަށެވެ.

މާމިގިއްޔަކީ، ކ، އއ، އދ އަދި ވ. އަތޮޅުގައި ހިމެނޭ ރަށްތަކުގެ ތެރެއިން އެންމެ އާބާދީ އަދި ބިން ބޮޑު ރަށްކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ ފުލުހުންގެ ހިދުމަތް ދިނުމަށް ސަރަހައްދީ ފެންވަރުގެ ޕޮލިސް ސްޓޭޝަނެއް މާމިގިލީގައި ހުންނަންޖެހޭ ކަމަށް އެކި ފަހަރުމަތިން ވާހަކަ ދެކެވިފައިވާ ކަމަށެވެ.

މާމިގިލީގައި ޕޮލިސް ސްޓޭޝަނެއް ހެދުމަށް ފާއިތުވި ފަސް އަހަރު ދުވަހު ބަޖެޓުގައި ހިމަނާފައިވީ ނަމަވެސް މިއަދާ ހަމައަށް ވެސް އެ މަސައްކަތް ފެށިފައިނުވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

"ކޮމިޝަނާ އޮފް ޕޮލިސް ހުއްދަ ދެއްވައިފިނަމަ މާމިގިލީގައި އެޅުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒު، ވިލާ ފައުންޑޭޝަންގެ ސްޕޮންޝާޝިޕްގެ ދަށުން އިމާރަތް ހެދުމަށް ނިންމާފައިވާ ވާހަކަ ދެންނެވީމެވެ. ވީމާ އިމާރަތް ކުރުމަށް ބޭނުންވާ ކުރެހުމާއި، އިމާރަތް ހެދުމަށް ސްޕޮންޝާޝިޕް ގަބޫލުކުރިކަމުގެ ލިޔުން ލިބޭނެގޮތް ހަމަޖައްސަވައި ދެއްވުން އެދެމެވެ،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މާމިގިލި އަކީ ބައިނަލްއަގުވާމީ އެއާޕޯޓެއް ވެސް އޮންނަ ރަށެއްގެ އިތުރުން ވަށައިގެން ރިސޯޓުތައް ވެސް ހުންނަ ރަށެއް ކަމަށެވެ. އަދި މާމިގިލިއަކީ އެކިއެކި ހިދުމަތް ހޯދުމަށް މީހުން އަންނަ ރަށެއް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވަނީ އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް 27 ރަށެއްގައި ޕޮލިސް ސްޓޭޝަން ގާއިމް ކޮށްދީފައިވާ ކަމަށެވެ. ފުލުހުންގެ ހިދުމަތް ގާއިމްނުކޮށް އޮތް 39 ރަށުގައި މި އަހަރު އެ ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.