"ގޭމް ޗޭންޖާ" އަކީ ފިލްމުގެ ނަމާ އެއްގޮތަށް ބޮޑު ބަދަލެއް ގެނެސްދޭނެ ކަމަށް އުންމީދުކުރެވުނު ފިލްމެކެވެ. މިއީ ޝަންކަރުގެ ބޮޑު ތެލިނގު ޑެބިއުޓް އަދި ދިލް ރާޖު އުފައްދާފައިވާ، އަދި އާރްއާރްއާރް އަށްފަހު ރާމް ޗަރަންގެ ފުރަތަމަ އަމިއްލަ މަސައްކަތެވެ. ބޮކްސް އޮފީހުގައި ކާމިޔާބުވުމަށް ބޭނުންވާ ހުރިހާ ބައިތަކެއް މި ފިލްމުގައި ހިމެނިފައިވެއެވެ. ނަމަވެސް، ނަތީޖާ ނުކުތީ ހިތްހަމަޖެހޭ ވަރަށްވުރެ ދަށްކޮށެވެ. "ގޭމް ޗޭންޖާ" ވަނީ ނާކާމިޔާބުވެފައެވެ. މިއީ ޝަންކަރަށް ވިދިވިދިގެން ދެވަނަ ފަހަރަށް ބޮކްސް އޮފީހުގައި ބޮޑު ގެއްލުމެއް ލިބުނު ފިލްމެވެ.
"ގޭމް ޗޭންޖާ" ފެށުނީ ވަރަށް ފޯރިގަދަކޮށެވެ. ފުރަތަމަ ދުވަހު ހުރިހާ ބަހަކުން ޖުމްލަ 51 ކްރޯޑު ރުޕީސް ސާފު އާމްދަނީއެއް ލިބުނެވެ. މުޅި އިންޑިއާގައި ޕްރޮމޯޝަން ހިންގައި، އިންޑިއާގެ ހުރިހާ ސަރަހައްދަކަށް އަމާޒުކޮށްގެން މާކެޓް ކުރި ނަމަވެސް، ފިލްމުގެ އާމްދަނީގެ ބޮޑު ބައެއް ލިބުނީ އަސްލު ތެލިނގު ބަހުން ނެރުނު ފިލްމަށެވެ.
ނަމަވެސް، ދެވަނަ ދުވަހު ފިލްމުގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވެ، ލިބުނީ އެންމެ 21 ކްރޯޑު ރުޕީސް އެވެ. އޭގެ ފަހުން އާދީއްތަ ދުވަހު އާމްދަނީ އިތުރަށް ދަށްވެ، 16 ކްރޯޑު ރުޕީސްއަށްވުރެ ދަށަށް ވެއްޓުނެވެ. ފިލްމުގެ ދައުރު ނިމުނުއިރު، "ގޭމް ޗޭންޖާ" އަށް އިންޑިއާގައި ލިބުނީ އެންމެ 131 ކްރޯޑު ރުޕީސްގެ ސާފު އާމްދަނީއެކެވެ. މީގެ ތެރެއިން 89 ކްރޯޑު ރުޕީސް ލިބުނީ ތެލިނގު ބަހުން ނެރުނު ފިލްމަށެވެ.
ދިއްލީ އާއި މުންބާއީގައި ކުރެވުނު ހުރިހާ ޕްރޮމޯޝަނަކާ އެކުވެސް، "ގޭމް ޗޭންޖާ" ގެ ހިންދީ ފިލްމަށް މުޅި އިންޑިއާއިން ލިބުނީ އެންމެ 32 ކްރޯޑު ރުޕީސްއެވެ. ޑައިރެކްޓަރު ޝަންކަރުގެ އަމިއްލަ ސަރަހައްދު ކަމުގައިވާ ޓެމިލް ސަރަހައްދުތަކުގައިވެސް ފިލްމު ދިޔައީ ވަރަށް ނާކާމިޔާބުކޮށެވެ. "ގޭމް ޗޭންޖަރ" ގެ ޓެމިލް ވާޝަނަށް އިންޑިއާގައި ލިބުނީ އެންމެ 8.30 ކްރޯޑު ރުޕީސްއެވެ.
"ގޭމް ޗޭންޖާ" ގެ ބޭރު ގައުމުތަކުގެ އާމްދަނީވެސް ހުރީ ވަރަށް ދަށްކޮށެވެ. ލިބުނީ އެންމެ 3.5 މިލިއަން ޑޮލަރެވެ.
"ގޭމް ޗޭންޖާ" އުފެއްދުމަށް 400 ކްރޯޑު ރުޕީސްގެ ބަޖެޓެއް ކަނޑައެޅުނު ކަމަށް ރިޕޯޓުކުރެވުނެވެ. ބައެއް ރިޕޯޓުތަކުގައި މި އަދަދު މިއަށްވުރެ ބޮޑުކަމަށް ބުނެ، 500 ކްރޯޑު ރުޕީސް ގެ ވާހަކަވެސް ދެކެވުނެވެ.
"ގޭމް ޗޭންޖާ" ގައި މަންޒަރުތަކުގެ ރީތިކަމަށް ދީފައިވާ އިސްކަމުގެ ސަބަބުން ފިލްމުގެ މައިގަނޑު މައުލޫ ގެއްލިގެން ދިޔަކަމަށް ގިނަ ބަޔަކު ދެކެއެވެ. ބޮޑެތި މަންޒަރުތަކާއި ވަރުގަދަ ވާހަކަ ކިޔުމުގެ ހުނަރު އެއްކޮށްލުމަށް މަޝްހޫރު ޝަންކަރު، މި ފަހަރު ވާހަކަ ކިޔުމުގެ ދާއިރާއިން ފެއިލިވީ ކަމަށް އެއް ބަޔަކު އަންނަނީ ބުނަމުންނެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން