ގާޒާގައި ހިގަމުންދިޔަ ފަނަރަމަސްވީ ހަގުރާމަ ހުއްޓާލައި މައިތިރިވެގަތުމުގެ އެއްބަސްވުމެއް ގާއިމުކޮށް އިޒްރޭލާއި ހަމާސްއިން ހަތިޔާރުތައް ހިމޭންކުރިތާ ގިނަދުވަސްތަކެއް އަދިނުވެއެވެ. ގަތަރާއި މިސްރާއި އެމެރިކާ މެދުވެރިވެގެން އެއްބަސްވުމެއް ގާއިމުކުރީ ޖެނުއަރީ މަހުގެ ފަނަރަވަނަ ދުވަހުއެވެ. ތަންފީޒުކުރަންފެށީ ޖެނުއަރީ ނަވާރަވަނަ ދުވަހުއެވެ. ހަމަލަތައް ހުއްޓާލައިގެން ތިބޭތިބުމަށް އަދި އެއްމަސްވެސް ނުވެއެވެ. އެކަމަކު މިހާރު އަނެއްކާވެސް ބިރުވެރިކަން ވަނީ ފެތުރެން ފަށައިފައެވެ. ހަގުރާމަ ފެށުމުގެ ނުރައްކާ ވަނީ ބޮޑުވެފައެވެ. ހަގުރާމައިގެ ބެރުގެ އަޑު ގަދަވާން ފަށައިފިއެވެ. ބޮޑުވަޒީރު ނަތަންޔާހޫ އެބަބުނެއެވެ. ހަމާސްއިން އެއްބަސްވުމާ ޚިލާފުވެއްޖެއެވެ. އަސީރުންގެ ތެރެއިން ބަޔަކު އަދިވެސް ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ. ދުލެއް ނުކުރެއެވެ. ކުރިއަށް މިއޮތް ހަފުތާގެ ހޮނިހިރު ދުވަހު އިރުއޮއްސުމުގެ ކުރިން އެންމެން މިނިވަންކޮަށް ދޫކޮށްނުލައިފިއްޔާ ހަގުރާމަ އަލުން ފަށާނަމެވެ.

އިޒްރޭލުގެ ދިފާއީ ވަޒީރު އިޒްރާއީލް ކާޒް އެބަބުނެއެވެ. ދެންފަށާ ހަގުރާމަ ކުރިއަށްވުރެވެސް ވަރުގަދަވެފައި ނުރައްކާވާނެއެވެ. އިޒްރޭލުގެ ހަމަލަތައް މާގިނަވެފައި ބިރުވެރިކަންވެސް ބޮޑުވާނެއެވެ. އިޒްރޭލަށް އެންމެ ބޮޑަށް މަދަދުކުރާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އެބަވިދާޅުވެއެވެ. ހަމާސްއިން އެއްބަސްވުމާ ޚިލާފުވެއްޖެއެވެ. އަސީރުން މިނިވަންނުކޮށް ބަހަނާ ދައްކަން ފަށައިފިއެވެ. އެހެންވީމާ އަލުން ހަގުރާމަ ފަށަން އިޒްރޭލަށް ލާޒިމުވެއްޖެއެވެ. އެކުވެރީންނޭވެ. ލަސްކުރާނޭ ކަމެއްވެސް ނެތެވެ. އަވަހަށް ހަމަލާތައް ފަށާށެވެ. ނަތަންޔާހޫ އާއި ޓްރަމްޕުގެ މިވާހަކަތަކާ ގުޅިގެން ހަމާސް ޖަމާއަތުން އެބަބުނެއެވެ. ތިޔައީ ބިރުދެއްކުމެކެވެ. ތިޔަހެން ދައްކާ ބިރަކަަށް ސިހުމެއް ނެތެވެ. މިތިބީ ބިރުފަހަނަޅައިފައެވެ. މިވަނީ ކީއްބާވައެވެ. ވެގެން މިއުޅެނީ ކީއްބާވައެވެ. ހަމަލަތައް ހުއްޓައިލުމުގެ އެއްބަސްވުން މަންސޫޚުވީ ހެއްޔެވެ. ކެންސަލްވީ ހެއްޔެވެ. އެހެންވިއްޔާ ސަބަބުތަކަކީ ކޮބައިހެއްޔެވެ. ބަލައިލަމާ ބަހީއެވެ.

އެއްބަސްވުމާ ޚިލާފުވިކަމުގެ ނުވަތަ ވަމުންދާ ކަމުގެ އިލްޒާމު އިޒްރޭލާއި އެމެރިކާއިން އަޅުވަމުން މިގެންދަނީ ހަމާސް ޖަމާއަތުގެ ބޮލުގައެވެ. ފަލަސްތީނުގެ ރައްޔިތުންގެ ބޮލުގައެވެ. އަސީރުން މިނިވަންނުކޮށް ހިފަހައްޓާކަމުގެ ތުހުމަތެވެ. އެއީ ތެދެއްހެއްޔެވެ. ކަންކަން ހިނގަނީ މިމަގުން ހެއްޔެވެ. އަސީރުންގެ ތެރެއިން ވަރަށް ގިނަބަޔަކު ފާއިތުވި ތިން ހަފުތާ ތެރޭގައި ވަނީ ދޫކޮށްލެވިފައެވެ. އެކަމަކު ބާކީ އަދި ތިން މީހަކު އެބަތިއްބެވެ. އެމީހުން ދޫނުކޮށް ހަމާސްއިން ލަސްކުރަނީ ސަބަބުތަކެއް ހުރެގެންނެވެ. އެކަމަކު އެސަބަބުތަކުގެ ވާހަކަ އެއްވެސް ބަޔަކު ނުދައްކައެވެ. އެއްބަސްވުމުގައި ކަންތަކެއް ކުރަން ލާޒިމުކުރެވިފައިވަނީ ހަމައެކަނި ހަމާސްއަކަށް ނޫނެވެ. އިޒްރޭލަށްވެސް ކަންކަންކުރަން ލާޒިމުކުރެއެވެ. އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ރަހީނުންގެ ތެރެއިން ގިނައަދަދެއްގެ ބަޔަކު މިނިވަންކުރަން ޖެހެއެވެ. ގާޒާ މުޅިން ހުޅުވާލައި އެހީގެ ސާމާނުތައް ގާޒާއަށް ވައްދަން ޖެހެއެވެ.

ބޭހާއި ކާނާޔާއި އަންއުނާއި މިހެންގޮސް ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތި ހުއްޓުވައި ގާޒާ ފަނާކުރުމަށް އިޒްރޭލުން އަޅާފައިވާ އެންމެހައި ފިޔަވަޅުތައް އުވާލަންވެސް އިޒްރޭލަށް ލާޒިމުކުރެއެވެ. އެކަންކަން އިޒްރޭލުން ބަރާބަރަށް އެބަކުރޭ ބާވައެވެ. ނުކުރެއެވެ. އެހީގެ ގާފިލާތަކަށް އަދިވެސް ހުރަސްއަޅަނީއެވެ. ގާޒާއަށް ތަކެތި ވެއްދުމުގައި އިޒްރޭލުގެ ހުރަސްތައް އަދިވެސް ގިނަގުނައެވެ. އެއްވެސް ބަޔަކު އެވާހަކައެއް ނުދައްކައެވެ. އެންމެންވެސް ދައްކަނީ ތިން އަސީރަކު މިނިވަންނުކޮށް ހަމާސްއިން ހިފަހައްޓާ ވާހަކައެވެ. ކަމުގެ ހަގީގަތަަށް ބަލާއިރު އެއްބަސްވުމާ އެންމެ ބޮޑަށް ޚިލާފުވަމުންދަނީ އިޒްރޭލުންނެވެ. އިޒްރޭލުގެ އަމަލުތައް އެބީދައިން ހުރީމާ އަތުގައިހުރި ހުރިހާ ކާޑުތަކެއް ކުޅެ ހުސްކޮށްލާކަަށް ހަމާސްއިންވެސް ބޭނުމެއް ނުވެއެވެ. ހުސްކޮށްލެވޭކަށްވެސް ނެތެވެ. ވެގެންއުޅޭގޮތަކީ އެއީއެވެ. އެބުނާ އެއްބަސްވުމަކީ ފިޔަވަހިތަކަކަށް ބަހައިލެވިފައިވާ އެއްބަސްވުމެކެވެ. ކޮންމެ ފިޔަވައްސެއްގައިވެސް ދެބައިމީހުންނަށްމެ ކަންތައްތަކެއް ލާޒިމުވެފައިވެއެވެ.

އެއްބަސްވުން ބަހާލެވިފައިވަނީ ޖުމްލަ ތިން ފިޔަވައްސަކަށެވެ. ފުރަތަމަ ފިޔަވަހީގެ މުއްދަތަކީ ޖުމްލަ ހަ ހަފުތާއެވެ. މިމުއްދަތުގެ ތެރޭގައި އިޒްރޭލް ސިފައިންނާއި ހަތިޔާރު ބާލާނެއެވެ. ހަމާސްއިން ހިފަހައްޓާފައިވާ އިޒްރޭލުގެ ރައްޔިތުންގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނާއި ޒަޚަމްވެފައިވާ މީހުންނާއި އަންހެނުން މިނިވަންކޮށް ދޫކޮށްލާނެއެވެ. އިޒްރޭލުގެ ޖަލުތަކުގައި ހައްޔަރު ކުރެވިފައިވާ ފަލަސްތީނުގެ ރަހީނުންގެ ތެރެއިން އެތައްސަތޭކަ ބަޔަކުވެސް މިނިވަން ކުރެވޭނެއެވެ. ގާޒާއަށް ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު ގެންގޮސް ފަލަސްތީނުގެ ރައްޔިތުންނަށް ބެހުމުގެ މަސައްކަތްވެސް ފެށޭނެއެވެ. ދެންއޮތީ ދެވަނަ ފިޔަވައްސެވެ. މިފިޔަވަހީގައި އޮތީ ހަމާސްއިން ހިފަހައްޓާފައިވާ މީހުންގެ ތެރެއިން އިޒްރޭލުގެ އަސްކަރިއްޔާއަށް ނިސްބަތްވާ ފިރިހެނުން މިނިވަންކުރުމެވެ. ހަގުރާމަ ހުއްޓައިލުމުގެ އެއްބަސްވުން ދާއިމީ އެއްޗަކަށް ބަދަލުވާނީ މިފިޔަވަހީގައި މިކަންކަން ފުރިހަމަ ކުރުމުންނެވެ.

ގާޒާ އަލުން އާރާސްތުކުރުން ނުވަތަ އިމާރާތް ކުރުމުގެ ޕްލޭން ހިމެނެނީ ތިންވަނަ އަދި އެންމެފަހު ފިޔަވަހީގައެވެ. މިފިޔަވަހީގެ ފެށުމަކީ އިޒްރޭލުގެ އަސީރުންގެ ތެރެއިން ފާއިތުވި ފަނަރަމަސް ދުވަހުގެ ތެރޭގައި އެކިގޮތްގޮތުން މަރުވެފައިވާ މީހުންގެ ކަށިތައް އިޒްރޭލަށް ގެންގޮސް އެމީހުންގެ އާއިލާތަކާ ހަވާލުކުރުމެވެ. އެއްބަސްވުމުގެ އެންމެ މައިގަޑު ކަމަކީ އަސީރުން ބަދަލު ކުރުންކަމަަށްވާއިރު ހަމާސްގެ އަތްދަށުގައި ތިބީ ކޮން އަސީރުންނެއް ހެއްޔެވެ. ހަމާސްގެ ކޮމާންޑޯއިން އިޒްރޭލުގެ ތެރެއަށްވަދެ ހިންގި ކުއްލި އޮޕަރޭޝަނެއްގައި އިޒްރޭލުގެ 251 މީހަކު ރަހީނުކޮށްގެން ގާޒާއަށް ގެންގޮސްފައިވެއެވެ. އަސީރުންނަކީ އެއީއެވެ. އޭގެތެރެއިން 34 މީހުން މަރުވެފައިވާ ކަމަށް ވަނީ ގަބޫލު ކުރެވިފައެވެ. އެއްބަސްވުމުގައި އިޝާރާތް ކުރެވޭ އިޒްރޭލުގެ އަސީރުންނަކީ ދިރިތިބިކަމަށް ބެލެވޭ 60 މީހުންނާއި މަރުވިކަމަށް ބެލެވޭ 34 މީހުންނެވެ. މަރުވި މީހުން އިޒްރޭލަަށް ރުޖޫއަކުރުމަކީ އެމީހުންގެ ކަށިތައް ހަވާލުކުރުމެވެ.