މިއަހަރުގެ ރަމަޟާން މަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ތަރާވީސް ނަމާދުކުރުމަށް ހަމަޖެހިފައިވަނީ ޒުވާން ހަތަރު ހާފިޒުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އެ މިނިސްޓްރީގެ މީޑިއާ ގްރޫޕުގައި އިއްޔެ ވިދާޅުވީ އިސްލާމީ މަރުކަޒުގައި މި ރޯދަމަހު އިމާމުވެ ތަރާވީސްކުރަން ހަމަޖެހިފައިވާ ޒުވާން ހާފިޒުންނަކީ އައްޝައިހު ހާފިޒު ސަލްމާން މުހައްމަދު ލަތީފް، ހާފިޒް އުވައިސް ބިން އިނާޒް، ހާފިޒް ގާދިރު ބިން އިމާދުގެ އިތުރުން ޝައިހު ހާފިޒް ސުލްތާން މުހައްމަދު ލަތީފު ކަމަށެވެ.
"އިމާމު ސުލްތާން ތަރާވީހު ނަމާދުކުރަން ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ ފަހު ދިހައިގައި. ދަމު ނަމާދު އިމާމުވެ ކުރާނީ ޝައިހު ހާފިޒު ސަލްމާނާއި ޝައިހު ހާފިޒު ސުލްތާން،" ޝަހީމް ވިދާލުވިއެވެ.
ޝައިހު ހާފިޒު ސަލްމާނާއި ޝައިހު ހާފިޒު ސުލްތާނަކީ އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިހު މުހައްމަދު ލަތީފުގެ ދެ ދަރިކަލުންނެވެ.
ރާއްޖޭގެ 11 ސަރަހައްދަކަށް ބަހާލައިގެން ދާއިމީ އިމާމުން ތަމްރީނުކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދިޔަ ޕްރޮގްރާމުގެ ދަށުން ނިމިދިޔަ އަހަރުގެ ޑިސެމްބަރު 19 ވަނަ ދުވަހާ ހަމައަށް 818 އިމާމުން ވަނީ ތަމްރީނުކޮށްފައެވެ.
އެ ޕްރޮގްރާމުގައި ޖުމުލަ ނުވަ މާއްދާއެއް ކިޔަވާދީފައިވެއެވެ. އެއީ ގުރުއާނާއި ތަޖުވީދުގެ އިލްމާއި ތަފްސީރާއި ފިގުހާއި ހަދީސްގެ އިތުރުން އަގީދާއެވެ. އޭގެ އިތުރުން އިލްމުގެ ދާއިރާއިން އިމާމުންނަށް ބޭނުންވާ މުހިންމު ކަންކަން އުނގަންނައިދީފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވެފައިވާ ގޮތުގައި، އިސްލާމިކް މިނިސްޓްރީގެ އަމާޒަކީ މުސްތަގުބަލަށް ރާއްޖެ ފަހުރުވެރިވާ ފަދަ އިމާމުން ތަމްރީނުކޮށް ނެރުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު