ލޯޑް އޮފް ދަ ރިންގްސް: ދަ ރިންގްސް އޮފް ޕަވާގެ ތިންވަނަ ސީޒަން އުފައްދާނެކަން އިއުލާނުކޮށްފިއެވެ. ބުރާސްފަތި ދުވަހު، ޕްރައިމް ވީޑިއޯއިން ކުރި މި އިއުލާނުގައި ބުނީ ތިންވަނަ ސީޒަން ވަނީ "ޕްރީ-ޕްރޮޑަކްޝަން" މަރުހަލާގައި ކަމަށާއި، މާޗުގައި ޝޫޓިން ފަށާނެ ކަމަށެވެ. މި ސީރީޒްގެ އާ ޕްރޮޑަކްޝަން ގެއަކީ އިނގިރޭސިވިލާތުގައި ހުންނަ ޝެޕަރޓަން ސްޓޫޑިއޯސް އެވެ.

ހޮލީވުޑް ހަބަރުތައް ބުނާ ގޮތުގައި ފުރަތަމަ އަދި ދެވަނަ ސީޒަންގައި ކޯ-އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރި އަދި ގިނަ އެޕިސޯޑްތަކެއް ޑައިރެކްޓްކުރި ފަރާތް ކަމުގައިވާ ޝާލޮޓް ބްރޭންޑްސްޓްރޯމް، ތިންވަނަ ސީޒަންގައި އެގްޒެކެޓިވް ޕްރޮޑިއުސަރ އަދި ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާނެއެވެ. ސަނާ ހަމްރީވެސް މި ސީޒަން ޑައިރެކްޓްކުރުމަށް އެނބުރި އަންނާނެއެވެ. ތަޖުރިބާކާރު ޑައިރެކްޓަރެއްކަމުގައިވާ ސްޓެފަން ޝްވާޓްޒްވެސް މި ސީރީޒްއާ ގުޅޭނެއެވެ.

ޝޯ ފުޅާކުރުމާ ބެހޭގޮތުން، އެމެޒޯން އެމްޖީއެމް ސްޓޫޑިއޯސްގެ ޓެލެވިޒަން ޑިޕާޓްމަންޓްގެ ވެރިޔާ ވަރނަން ސޭންޑަރސް ބުނީ ލޯޑް އޮފް ދަ ރިންގްސް: ދަ ރިންގްސް އޮފް ޕަވަރ އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަރާތްތަކުގެ ސަމާލުކަން ލިބެމުންދާކަމަށާއި ތިންވަނަ ސީޒަނެއް ތައްޔާރުވަމުންދާތީ އެކަމާ އުފާވާކަމަަށެވެ.