އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ގާޒާ ޕްލޭނަކީ ދުނިޔޭގައި މިހާރު އެންމެ ބޮޑަށް ބަހުސްކުރެވެމުންދާ މައުޟޫއެވެ. ހަގުރާމަޔާއި ވީރާނާކަމުގެ ބިރުވެރިކަމުން މިންޖުވުމަށް ގާޒާއިން ފޭބި ފަލަސްތީނުގެ ހަމައެކަކުވެސް އެނބުރި ގާޒާއަށް ދިއުމަކީ ޓްރަމްޕުގެ ޕްލޭނުގައި ހިމެނޭ ކަމެއް ނޫނެވެ. އޭނާގެ ޕްލޭނުގައި ހިމެނެނީ ފަލަސްތީނުގެ އެންމެން ގާޒާއިން ބާލައި މުޅި އެސަރަހައްދު ހުސްކުރުމަށެވެ. އެއަށްފަހު އެމެރިކާއިން ގާޒާ މިލްކުކޮށް ވިޔަފާރީގެ އުސޫލުން ތަރައްގީކޮށް އެމެރިކާގެ މުއްސަނދީންގެ ސުވަރުގެޔަކަށް ހެދުމަށެވެ. އެމެރިކާއިން ގާޒާ މިލްކު ކުރާނީ ކިހިނަކުން ބާވައެވެ. އެމެރިކާގެ ތަނެއްވެސް ނޫނެވެ. އެމެރިކާއާ ބެހުންހުރި ތަނެެއްވެސް ނޫނެވެ. ޓްރަމްޕު ވިދާޅުވާގޮތުން އެމެރިކާއިން ގާޒާ ގަންނާނީއެވެ. ފައިސާދީފައެވެ. އެކަން ނުކުރެވެންޏާ ބާރުގެ ބޭނުންކޮށްގެން ގަދަކަމުން ގާޒާ ހިފާނީއެވެ. މި ދެގޮތުންކުރެ ކޮންމެވެސް އެއްގޮތަކުން ގާޒާ އަތުލެވޭނެއެވެ. އެމެރިކާގެ މިލްކަކަށް ހެދޭނެއެވެ.
ޓްރަމްޕު މިހެން ވިދާޅުވިއަސް އެއީ ގާނޫނީގޮތުން ކުރެވޭނެ ކަމެއް ނޫނެވެ. އެކަން ކުރަން އެމެރިކާގެ ކުރިމަތީގައިއޮތް ހަމައެކަނި ގޮތަކީ ބާރުގެ ބޭނުންކޮށްގެން ފޭރިގަތުމެވެ. ގާޒާއަކީ އެއްވެސް އިރެއްގައި އެމެރިކާއިން ދައުވާކުރި ތަނެއް ނޫނެވެ. ދައުވާ ކުރެވެންއޮތް ތަނެއްވެސް ނޫނެވެ. ބާރުގެ ބޭނުންކޮށްގެން ބިންތައް ފޭރުމަކީ އދ.ގެ ޗާޓަރު ހުއްދަކުރާ ކަމެއް ނޫނެވެ. ކަނޑައެޅިގެން މަނާކަމެކެވެ. ފަލަސްތީނުގެ ރައްޔިތުން ތިބީ ގާޒާއިން ފައިބާގޮތަކަށް ނޫނެވެ. ފައިސާކޮޅަކަށް ވަޒަން ވިއްކާލާ ގޮތަކަށްވެސް ނޫނެވެ. އެހެންވީމާ ގަދަކަމުން އެމީހުން ބޭލުމަކީ ނަސްލެއް ނައްތައިލުމެކެވެ. އެއީ އަނެއްކާވެސް ދުނިޔޭގެ ގާނޫނުތަކުން މަނާކުރާ ކަމެކެވެ. އދ.ގެ ޗާޓަރު ހުއްދަކުރާ ކަމެއް ނޫނެވެ. ގާޒާއަކީ އިޒްރޭލުގެ ތަނެއް ނޫނެވެ. އިޒްރޭލަށް މިލްކުވެގެންވާ ތަނެއްވެސް ނޫނެވެ. އެއީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގެކެވެ. އެހެންވީމާ އިޒްރޭލަކަށްވެސް ގާޒާ ވިއްކައެއް ނުލެވޭނެއެވެ. އެހެންބަޔަކަށްވެސް އެކަމެއް ނުކުރެވޭނެއެވެ.
ޓްރަމްޕުގެ ޕްލޭނުގައި ހިމެނޭގޮތުން ގާޒާގެ ރައްޔިތުން ވަޒަންވެރި ކުރުވާނީ މިސްރާއި ޖޯޑަންގައެވެ. ފަލަސްތީނުގެ ރައްޔިތުންނަަށް ސުލްހަވެރިކަމާއި އުފާވެރިކަމުގައި ދިރިއުޅެވޭނީ އެގޮތުންނެވެ. ގާޒާގެ މަތިން އެމީހުން ދެންޖެހޭނީ ހަނދާން ނައްތައިލާށެވެ. ގާޒާއަކީ ފަލަސްތީނު މީހުންގެ މާޒީއެވެ. މުސްތަގުބަލެއް ނޫނެވެ. ޓްރަމްޕުގެ މި ވިދާޅުވުމަށް މިސްރު ދެކޮޅެވެ. ޖޯޑަން ދެކޮޅެވެ. އެންމެހައި އަރަބީންވެސް ދެކޮޅެވެ. އެކަމަކު މިއީ ޓްރަމްޕު މިވަގުތު ކަންބޮޑުވާ މައްސަލައެއް ނޫނެވެ. އޭނާ ވިދާޅުވިއެވެ. މިސްރާއި ޖޯޑަން ރުއްސާނެ ގޮތް އޭނާއަށް ވަރަށް ރަގަޅަށް އެނގެއެވެ. އެ ގައުމުތަކަށް ކޮންމެ އަހަރަކުވެސް އެތައް ބިލިޔަން ޑޮލަރެއްގެ އެހީ އެމެރިކާއިން އަންނަނީ ދެމުންނެވެ. އެހީތައް ކަނޑާލާނެކަން އެނގުނީމާ ދެން ކުރެވޭނެ މާކަބޮޑުކަމެއް ނޯންނާނެއެވެ. ހިތާދެކޮޅަށްވިޔަސް ޖެހޭނީ އެއްބަސްވާށެވެ. ކަމަކަށް ކަމެކެވެ. އެމެރިކާގެ އެހީ ބޭނުމިއްޔާ މިސްރާއި ޖޯޑަނަށްވެސް ޖެހޭނީ އެމެރިކާ ބުނާގޮތަކަށް އަމަލު ކުރާށެވެ.
އިޒްރޭލް ސިފައިން ފާއިތުވި ފަނަރަމަސް ދުވަހުގެ ތެރޭގައި ގާޒާއަށް ދިން ވަރުގަދަ ހަމަލާތަކުގައި މުޅި ގާޒާ އެއްކޮށްހެން ވަނީ ސުންނާފަތިވެފައެވެ. ފުނޑުފުނޑުވެފައެވެ. މި ހަމަލާތަކުގައި ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން ބައިލައްކައަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އަދިވެސް އެތަނުގައި ދެމިލިޔަނެއްހައި މީހުން އެބަތިއްބެވެ. ވަރަށް ހާލުގައެވެ. އެހީގެ މަސައްކަތް އިޒްރޭލުން ވަނީ ހުއްޓުވައިފައެވެ. ބޭނުމަކީ ގާޒާދޫކޮށް ފައިބަން މީސްތަކުންނަށް ބާރުއެޅުމެވެ. އެގޮތަށް ފައިބާ މީހުންނަށް އެހީއާއި ހަމްދަރުދީގެ ދަޅަ ދައްކައިގެންނެވެ. ގާޒާ އާރާސްތު ކުރެވުނީމާ އަލުން ވަޒަނަށް ރުޖޫއަވެވިދާނެ ކަމުގެ ހުވަފެން ދައްކައިގެންނެވެ. އިޒްރޭލުގެ މަކަރުވެރިކަން ފަލަސްތީނުގެ ރައްޔިތުންނަށް އެނގެއެވެ. އެހެންވެ މި ދަންތުރައިގައި ޖެހޭކަށް ގިނަބަޔަކު ބޭނުމެއް ނުވެއެވެ. ފަލަސްތީނުގެ ރައްޔިތުން އެދެނީ ވަގުތީ ފޭލިގެތައް ޖަހައިގެންވިޔަސް ގާޒާގައި ދެމިތިބުމަށެވެ. މިކަމާ ޓްރަމްޕު އަރަނީ އަމަށަކު ރުޅިއެއް ނޫނެވެ.
މި ނިމުނު ހަފުތާގައިވެސް ޓްރަމްޕު ވިދާޅުވިއެވެ. ހަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމާ އެއްގޮތަށް ހަމާސް ޖަމާއަތުން އަމަލުކުރަނީއެއްވެސް ނޫނެވެ. އެހެންވީމާ އިޒްރޭލުން އަވަހަށް އަލުން ހަމަލާތައް ފަށަންވީއެވެ. މިއީ ގާޒާގެ ރައްޔިތުން އިތުރަށް ބިރުގެންނެވުމުގެ އުކުޅެކެވެ. ފަލަސްތީނުގެ ރައްޔިތުން ބަނޑަށް ޖައްސައި މަޖުބޫރީ ހާލަތަކަށް ވައްޓާލައި އެކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ވަޒަނުން ބޭރުކޮށްލުމަށް އިޒްރޭލާއި އެމެރިކާ ގުޅިގެން ހިންގާ މި ޖަރީމާއަށް ހުޅަނގުގެ ދުނިޔެއިން އެންމެ ބޮޑަށް ދެކޮޅު ހަދައި އަޑު އުފުލަމުންދާ ކަމަށް ފެންނަނީ އެމްނެސްޓީ އިންޓަރނޭޝަނަލުންނެވެ. އެޖަމާއަތުން މި ހަފުތާގައި ބުންޏެވެ. ހެޔޮނުވާނެއެވެ. އިންސާނީ އެހީއާއި އާރާސްތުކުރުމުގެ ހުވަފެން ދައްކައިގެން ބަޔަކު ވަޒަނުން ނެރެ ބޭރުކޮށްނުލާށެވެ. އެއީ ޖަރީމާއެކެވެ. އެއީ ނަސްލު ނައްތައިލުމެކެވެ. އެއީ އިންސާނިއްޔަތާ ޚިލާފު އަމަލެކެވެ. ބައެއްގެ ނިކަމެތިކަމާއި ކެކުޅުންތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން އަމިއްލަ އެދުމެއް ފުއްދުމުގެ ނިޔަތް ދޫކޮށްލާށެވެ.
ރައީސް ޓްރަމްޕުގެ ބަސްމަގުހުރީ ކިހިނެއްކަން އިސްވެ ބަޔާން ކުރެވިއްޖެއެވެ. ޓްރަމްޕު އެއްވެސް އެއްޗެއް ވަންހަނާ ނުކުރައްވައެވެ. ޑިޕްލޮމްސީއެއް ގާނޫނަކަށް ބެއްލެވުމެއް ނެތެވެ. އެކަމަކު އެމެރިކާގެ ޚާރިޖީވަޒީރާއި ވައިޓްހައުސްގެ ތަރުޖަމާނާއި ދެންވެސް މިކަމާމެދު ވާހަކަ ދައްކަވާ އޮފިޝަލުންގެ ބަސްމަގު ހިސާބަކަށް ތަފާތެވެ. ކޮންމެވެސް މިންވަރަކަށް މަކަރުވެރިކަމުގެ ފަރުދާއަކުން ހަގީގަތް ފޮރުވޭތޯ އެބޭފުޅުން މަސައްކަތް ކުރައްވައެވެ. ޓްރަމްޕު ފިޔަވައި އެހެން ބޭފުޅުން ވިދާޅުވަނީ ގާޒާއިން މީހުން ބާލަނީ ވަގުތީގޮތުން ކަމުގައެވެ. ގާޒާ އާރާސްތުކޮށް ނިމުނީމާ އަލުން އާދެވޭނެ ކަމުގައެވެ. އެބޭފުޅުން މިގޮތަށް ވިދާޅުވިޔަސް އެބޭފުޅުންގެ ވެރިޔަކީ ޓްރަމްޕެވެ. އެބޭފުޅުން ތަންފީޒު ކުރައްވަން މަސައްކަތް ކުރައްވަނީ ޓްރަމްޕުގެ ސިޔާސަތެވެ. ޓްރަމްޕުގެ ޕްލޭނެވެ. ޓްރަމްޕު ވިދާޅުވަނީ ގާޒާއިން ފައިބާ ހަމައެކަކުވެސް އެނބުރި ގާޒާއަށް ރުޖޫއަވުމަކީ އޭނާގެ ޕްލޭނުގައި ހިމެނޭކަމެއް ނޫންކަމުގައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ