ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އުމުރު ދުވަހުގެ ހުކުމެއްގައި ހުރި ކާފަ ވެސް ޖަލުގައި މަރުވެއްޖެއެވެ.
ދެ އަހަރުގެ ކުއްޖަކަށް 2020 ވަނަ އަހަރު ޖިންސީ ގޯނާކުރި މައްސަލައިގައި އުމުރަށް ޖަލަށްލާފައިވަނީ އެ ކުއްޖާގެ މުނިކާފަ، ކަނޑުހުޅުދޫ، އަންނާރުމާގެ، ހަސަން މޫސާ ދީދީ އާއި ރިހިވެލި، އިބްރާހިމް ދީދީއެވެ. އެ މައްސަލައިގައި 2022 ވަނަ އަހަރު ކްރިމިނަލް ކޯޓުން އުމުރަށް ޖަލަށްލާން ހުކުމްކުރި އެ ދެ މީހުންގެ ތެރެއިން މުނިކާފަ ވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މަރުވެފައެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނީ، ހުޅުމާލޭ ޖަލުގައި 25 އަހަރުގެ ހުކުމެއް ތަންފީޒުކުރަމުންދިޔަ ގއ. ކަނޑުހުޅުދޫ، ރިހިވެލި، އިބްރާހިމް ދީދީ (67 އަހަރު) ރޭ ދަންވަރު ކުއްލި ގޮތަކަށް މަރުވެފައިވާ ކަމަށެވެ.
އިބްރާހިމް ދީދީ ރޭ ހޭލާ އުޅެނިކޮށް ކުއްލިއަކަށް ވެއްޓުމާ ގުޅިގެން މެޑިކަލް ޓީމުން ބަލައި، އަވަސް ފަރުވާދިނުމުންވެސް ހަރަކާތް ނުކުރާތީ، އޭނާ ވަނީ އެމަޖެންސީ ހާލަތުގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައި ކަމަށާއި ފަރުވާ ދިނުމަށްފަހުވެސް ހަރަކާތެއް ނެތުމުން، އޭނާ މަރުވެފައިވާ ކަމަށް ކަނޑައަޅާފައިވަނީ 2:40 ހާއިރު ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
ކަރެކްޝަންސް އިން ބުނީ އޭނާއަކީ ހައި ބަލްޑް ޕްރެޝަރު، ކޮލެސްޓްރޯލް އަދި ޓްރެމާސް ފަދަ ބަލިތަކަށް ބޭސްކުރަމުން އައި މީހެއް ކަމަށެވެ. އަދި އޭނާ މަރުވުމުން ވަގުތުން އެކަން އޭނާގެ އާއިލާ އާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އާއި ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައިވާނެ ކަމަށް ކަރެކްޝަަންސް އިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު