ޒަމާނީ މަސައްކަތު މާހައުލު ބަދަލުވެއްޖެ އެވެ. މަސައްކަތު މާހައުލެއްގައި ހުންނާން ޖެހޭ ޝަރުތުތަކާއި ސިފަތަކާ މެދު މީހުން ވިސްނާ ގޮތާއި ގަބޫލުކުރާ ގޮތްވެސް ބަދަލުވެއްޖެއެވެ. މި ފަދަ ހުރިހާ ބަދަލު ތަކަކީ ވެސް އިންސާނުން ދިރިއުޅުމާއި ދިރިއުޅޭ މާހައުލަށް އަންނަ ތަރައްގީ އާއި އަދިވެސް އެފަދަ އެތައް ކަމަކާ ގުޅި ލާމެހިފައި ހުންނަ ކަންކަމެވެ. މި ހަގީގަތް މިއަދުގެ ހުރިޔާ ދިރާސާތަކަކުންވެސް އަންނަނީ ބޮޑުތަނުން ކަށަވަރުވަމުންނެވެ.

މި ހަގީގަތާއެކު، ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުން ފެންނާން ހުރީ ފުރިހަމަ މިސާލުތަކެކެވެ. ވަޒީފާގެ މާހައުލަށް ގެނެވޭ، "ސްޓްރެސް ފްރީ" ބަދަލު ތަކާއި "މޯޓިވޭޝަނަލް ފެކްޓާ" ތަކަކީ ލާޒިމް ކަންތައްތައްކަން މިރާއްޖޭގެ އެންމެންވެސް ގަބޫލުކޮށް މިއަދު ވަނީ އެކަންކަން ބަލައިގަނެ، ތަންފީޒުވެސް ކުރާން ފަށައިފައެވެ.

އެންމެ މުހިންމު ކަންކަމަކީ، މުވައްޒަފުންނަށް ހިތްގައިމު މަސައްކަތު މާހައުލެއް ހޯދައިދިނުމެވެ. ސިކުނޑިއަށް، އެކަށީގެންވާ ވަރަށްވުރެ ގިނަ ވަގުތު، މަސައްކަތުގައި ހޭދަ ނުކުރުމެވެ. މަސައްކަތުގެ ތެރެއިން ހުސްވަގުތު ދިނުމެވެ. މަސައްކަތުގެ މާހައުލުގައި އަރާމު ކުރެވޭނެ އިންތިޒާމު ހުރުމެވެ. މަސައްކަތުގެ މާހައުލަކީ، އުފާވެރި އިހުސާސް ލިއްބައިދޭ ތަނެއްކަން ކަށަވަރު ކުރުމެވެ. ޓީމް ރޫހު ރަނގަޅުކޮށް ކުރިއެރުވުމަށް ބޭނުންވާ، ސިކުނޑީގެ ތަރައްގީ ގެނެސްދީ، ޓީމުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން ހިންގޭ އެކި ކަހަލަ ހަރަކާތްތައް އިތުރުކޮށް ފުޅާކުރުމެވެ. މިއިން ކޮންމެ ކަމަކުންވެސް އާޚިރުގައި ލިބޭ ނަތީޖާއަކީ، މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިވުމެވެ. ވަޒީފާގެ ޔަގީންކަން ބޮޑުވުމެވެ. ޓީމު ރޫހު ވަރުގަދަ ވުމުގެ ނަތީޖާއެއްގެ ގޮތުން، މުޅި ކުންފުނީގެ ހިންގުން ރަނގަޅުވެ، ލަނޑުދަނޑިތައް ހާސިލުކުރުމަށް ބާރުލިބިގެން ދިއުމެވެ.

ސޯޝިއަލް މީޑިއާގައި ރީޖަނަލް އެއާޕޯޓްސް ކުންފުންޏާއި އެކުންފުނީގެ އެމްޑީ، އަދި ބައެއް މުވައްޒަފުން ބަދުނާމުކޮށް، ދައުރުކުރަމުންދާ ފޮޓޯތައް ގިނަ ބަޔަކު ބަލައިނުގަތީ މި ސަބަބުތަކަށް ޓަކައެވެ. އެއީ އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅުވައިގެން ކުރިޔާލައި ރޭވިގެން، ހިންގި ޓީމް ބިލްޑިން ހަރަކާތްތަކެއް ކަމަށް ވާތީ އެވެ.

"މިއީ މިއަދު ދުނިޔޭގެ ކޮންމެ ގައުމަކަށް ބަލައިލިޔަސް ފެންނަ، މުވައްޒަފުންގެ ސިކުނޑީގެ ތަރައްގީއާ ގުޅިފައިވާ މުހިންމު ކަމެއް. މުވައްޒަފުންނަށް އަރާމު ބޭނުންވާނެ. މުވައްޒަފުން ކުޅިވަރުވެސް ކުޅޭން ޖެހޭނެ. އަދި މިފަދަ ހަރަކާތްތައް ވެރިންގެ ބައިވެރިވުމާއެކު، އެމީހުން ހިމެނިގެން ހިންގުމަކީ ބަދަހި ޓީމެއް ބިނާކުރުމުގައި މުހިންމުކަމެއްކަން މިއަދު ދިރާސާތަކުން ވަނީ މާ ބޮޑަށް ވެސް ސާބިތުވެފައި." މެނޭޖްމެންޓް ދާއިރާގެ ބޭފުޅަކު "ވަން" އަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ފަދަ ހަރަކާތްތައް ހިންގުމުން، އެއަށް ފާޑުކިޔުމުން ދައްކުވައިދެނީ ނާރަހުޒީބުކަން ކަމަށާއި، އެ ވިސްނުން ދޫކޮށްލައިގެން މެނެވީ ތަހުޒީބުވެފައިވާ މަސައްކަތު މާހައިލެއް ނުފެންނާނެ ކަމަށެވެ.

"އަޅުގަނޑުމެން ކޮންމެ މީހަކުވެސް ބޭނުން މިވަނީ ސިންގަޕޫރު ނުވަތަ އެފަދަ ކޮންމެވެސް ގައުމެއްގަ އޮންނަ ފަދަ ކޮލިޓީ ވޯކް ފޯހެއް. އެކަމަކު މުވައްޒަފުންނާ މެދު ބައެއް މީހުންގެ ވިސްނުން މިހުންނަނީ ކިރުފެލާން ގެންގުޅޭ ގެރިއެކޭ އެއްގޮތަށް. ކުރިއަރާފަ ހުރި ގައުމުތަކުގެ ވާހަކަދައްކާ މީހުން އެންމެ ފުރަތަމަ ކުރާން ޖެހޭ ކަމަކީ، ވަޒީފާގެ މާހައުލުގައި މުވައްޒަފުން ގެންގުޅޭން ޖެހޭ ގޮތް ބަދަލުވެއްޖެ ކަމުގެ ހަގީގަތް ގަބޫލުކުރުން." ކުރީން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.

އާރްއޭސީއެލް އަށް މި ފާޑުކިޔުންތައް އަމާޒުކޮށް، ކުންފުނި ބަދުނާމުކުރާން ބަޔަކު ދިމާކުރިއިރު، އެ ކުންފުނިން ވަނީ އަަރީ ދުވަހާ ގުޅޭ ބަޔާނެއްވެސް ކުރިން ނެރެފައެވެ. އެ ކުންފުންޏަށް ހަތަރު އަހަރު ފުރުން ފާހަގަކުރުމަށް އެކި ކަހަލަ ހަރަކާތްތައް ހިންގާނެކަން އެ ބަޔާނުގައިވެސް އޮތީ ބަޔާން ކޮށްފައެވެ. އާރްއޭސީއެލްގެ އެމްޑީ އަހުމަދު މުބީން އާއި ސީނިއަރ އެހެން ބައެއް ބޭފުޅުން، އޮފީހުގައި ތާސް ކުޅުއްވާ ފޮޓޯތަކެއް ސޯޝިއަލް މީޑިއާއަށް އެޅީ މި ހަގީގަތް ނޭނގިތިބެ ނޫން ކަމަށް ގަބޫލުކުރާ މީހުންވެސް މަދެއް ނޫނެވެ.

އެއް ބަޔަކު ދެކެނީ މިއީ ސިޔާސީ ގޮތުން ކުރި އެޓޭކެއް ކަމަށެވެ. އެކަމަކު ޕޮޒިޓިވް ވިސްނުމުގެ މީހުންގެ ކޮމެންޓުތަކުން އެނގެނީ، މި ފަދަ ބަދުނާމުކުރުންތައް އެއްވެސް ހާލެއްގައި ބަލަައިނުގަންނާނެ ކަމެވެ. މިއީ ސިޔާސީ ކަމެއް ނޫން ކަމާއި މިގޮތަށް ކަންކަން ކުރުމުން އެ އުފެއްދެނީ ވަރަށް ނުބައި ހާލަތެއް ކަމަށާއު މުޖުތަމައަށް އެ ދެވެނީ ނުބައި މެސެޖެއް ކަމަށްވެސް އެފަދަ މީހުން ގަބޫލު ކުރެއެވެ.

"ކޮންމެ ނިޔަތެއްގައި ކުރިޔަސް، މިފަދަ ކަންކަން ބަލައެއް ނުގަނެވޭނެ. ޒާތީވިޔަސް، ސިޔާސީ ވިޔަސް، އަދި އެހެން ސަބަބެއް އޮތަސް، މުޖުތަމައަށް އަހަރެމެން ދައްކާން ޖެހޭނީ ރަނގަޅު ނަމޫނާ. އެއިން އަންނާން އޮތް ޖީލު ކަންކަން ދަސްކުރާނެކަން އެނގެން ޖެހޭނެ. އާރްއޭސީއެލްގެ މި އެކްޓިވިޓީ ތަކުގައި އެއްވެސް ގޯހެއް ނެތް. އެއީ ކުންފުންޏެއްގެ ހިންގުމުގައި ފާހަގަކުރާން ޖެހޭ މުނާސަބަތަކާ ގުޅިފައިވާ މުހިންމު ހަރަކާތްތަކެއް. އެއިން ކުންފުންޏަށްވެސް އަދި ކުންފުނީގެ މުވައްޒަފުންނަށްވެސް ކުރާނީ ހެޔޮ ފައިދާ." ރާއްޖޭގެ އަމިއްލަ ކުންފުންޏެއްގެ ސީއީއޯއަކު ވިދާޅުވެފައިވެއެވެ.

އެއީ ރަނގަޅު ވާހަކައެވެ. މިއަދު ހަގީގަތް ގަބޫލުކުރާން ޖެހެއެވެ. މިއަދު، ވަޒީފާގެ މާހައުލެއްގައި ފުރިހަމަ ވެފައިވާ ޝަރުތުތައް ހުންނަނީ ވަރަށް ގިނަ ކަންކަމާ ގުޅިލާމެހިފައެވެ. އެއީ އިޖުތިމާއީ ގުޅުންތެރިކަމާއި ޓީމުގެ ރޫހު އާލާކުރުމާއި މިފަދަ އެތައް އެތައް ކަމަކާ ގުޅިފައި ހުންނަ ކަމެއްކަން އެންމެންވެސް ގަބޫލުކުރާން ޖެހެ އެވެ. ކުންފުނިތަކުގެ ލަނޑުދަނޑުތައް ހާސިލުކުރުމަށް މުވައްޒަފުންގެ ހަގީގީ ބޭނުން ހިފެނީ، މި ފަދަ ހަރަކާތްތަކުގެ ތެރެއިން، ރަނގަޅު، ވަރުގަދަ ޓީމެއް އުފެއްދިފައި އޮވެގެންނެވެ.