ޝާހުރުކް ޚާން އަކީ ބޮލީވުޑް އެންމެ މަޝްހޫރު ތަރީންގެ ތެރެއިން އެކެކެވެ. ފިލްމު އުފައްދާ ދުނިޔޭގެ ނަން މަޝްހޫރު އެތައް ކުންފުންޏަކުން ޝާހުއާ އެކު މަސައްކަތް ކުރާން އެދޭކަން ފާޅުކޮށްފައިވެއެވެ.

ކެޕްޓަން އެމެރިކާ: ބްރޭވް ނިއު ވޯލްޑް ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނައިރު ދެން އަންނަ އެވެންޖާގެ ގޮތުގައި ޝާހު ރެކްރޫޓްކުރަން ބޭނުން ކަމަށް ފިލްމުގެ ލީޑް ތަރި އެންތޮނީ މެކީ ދާދި ފަހުން ވަނީ ބުނެފައެވެ.

އޭނާ އެކަން ހިއްސާކުރީ އިންސްޓަގްރާމްގައި، އިންފްލުއެންސާ ކެވިން ޒިންގްޚާއީއާ އެކު ދިން އިންޓަވިއުއެއްގައެވެ. އެންތޮނީ ބުނެފައިވާ ގޮތުގައި ޝާހު އަކީ ބޮލީވުޑްގެ އެންމެ މޮޅު ތަރިއެވެ.

ކެޕްޓަން އެމެރިކާ: ބްރޭވް ނިއު ވޯލްޑް އަކީ މާވެލް ސިނެމެޓިކް ޔުނިވާސްގެ ދެން އަންނަ ބައެވެ. މިއީ ކެޕްޓަން އެމެރިކާ ފިލްމު ސިލްސިލާގެ ހަތަރުވަނަ ބައެވެ. އެންތޯނީ ލީޑު ރޯލުގައި ފެންނަ މި ފިލްމުގައި ޑެނީ ރަމިރެޒް، ޝީރާ ހާސް، ހެރިސަން ފޯޑް، އަދި އިތުރު ފަންނާނުން ބައިވެރިވެއެވެ. މި ސުޕަހީރޯ ފިލްމު ޑައިރެކްޓްކުރަނީ ޖޫލިއަސް އޯނާ އެވެ. މި ފިލްމު ސިނަމާތަކުގައި ދައްކަން ހަމަޖެހިފައިވަނީ 14 ފެބްރުއަރީ 2025 ގައެވެ.

މިދިޔަ އަހަރު، ޑެޑްޕޫލް އެންޑް ވޯލްވަރިން ޕްރޮމޯޓްކުރުމުގެ ތެރޭގައި، ހިއު ޖެކްމަންއާ ވެސް ބޮލީވުޑްގައި މަސައްކަތްކުރަން ބޭނުންވާ މީހަކާ ބެހޭ ގޮތުން ސުވާލު ކުރެވުނެވެ. މިއީ މާވެލް އިންޑިއާގެ އިންސްޓަގްރާމްގައި ހިއްސާކުރި އިންޓަވިއުއެކެވެ. އެ ހޮލީވުޑް ތަރީގެ ޖަވާބަކީވެސް ޝާހުއެވެ. އަދި އަހަރުތަކެއް ވާންދެން ޝާހުއާ ވާހަކަދައްކާފައިވާނެ ކަމަށާއި ކޮންމެވެސް ދުވަހަކުން އެކަން ވެދާނެ ކަމުގެ އުންމީދު އެބައޮތްކަމަށް ބުނެފައިވެއެވެ.