ޖުމުލަ 15 ރަށެއްގެ ބައިވެރިވުމާއެކު ރަށު އެކްސްޕޯ 2025 ފަށައިފިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި އެކަމަށްޓަކައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރަށު އެކްސްޕޯ 2025 ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

އެ އެކްސްޕޯގެ ތައާރަފެއް ދެއްވަމުން ދަ ޓްރެވަލް ގައިޑްސްގެ ޑިރެކްޓަރު ޑރ. ހުސެއިން ސަނީ އުމަރު ވިދާޅުވީ 2015 ވަނަ އަހަރުން ފެށިގެން ވަރަށް ގިނަ ރަށްރަށަށް އަދި ވަރަށް ގިނަ އަތޮޅުތަކަށް ކުރި ދަތުރުތަކުން އެނގުނުގޮތުގައި، އަތޮޅުތެރޭގެ ގިނަ ރައްޔިތުން ބޭނުންވަނީ ރަށްތައް އިސްތިހާރުކުރުމާއި އެ ރަށްތަކުން ލިބެން ހުންނަ ހިދުމަތްތައް މާކެޓުކުރުމަށް ގިނަ ފުރުސަތުތަކެއް ކަމަށެވެ.

"މިއީ ފުރަތަމަ އެކްސްޕޯ. މީގައި އިތުރަށް ފާހަގަކުރެވޭ ކަމަކީ ރަށްރަށުގެ ސަގާފަތް. ރަށްރަށާ ބެހޭ އެކިއެކި މައުލޫމާތު، އަދި މިފަހަރު އެބައުޅޭ އެތަންތަނުގެ އިންވެސްޓްމަންޓްސްތައް ވެސް ގެނެސްފައި. އެހެންވީމަ މީގައި ވަރަށް ގިނަ ފުރުސަތުތައް އެބަ ލިބޭ. އެލްޖީއޭއަށް ވަރަށް ބޮޑު ޝުކުރެއް އަދާކޮށްލަން. އެލްޖީއޭ އިން އަޅުގަނޑުމެންނާ ކަނެކްޓުކޮށްލަދިނީ ރާއްޖޭގެ 187 ރަށާ،" ސަނީ ވިދާޅުވިއެވެ.

ސަނީ "ވަން" އަށް މިއަދު ވިދާޅުވީ ރަށު އެކްސްޕޯގައި ޖުމުލަ ނުވަ އަތޮޅަކުން ބައިވެރިވި ކަމަށެވެ. އެއީ ފުވައްމުލަކު ސިޓީ، ހދ. ނޮޅިވަރަންފަރު، އދ. އޮމަދޫ، އދ. ފެންފުށި، ލ. ގަން، އދ. މާމިގިލި، ޅ. ނައިފަރު، ޅ. ހިންނަވަރު، ލ. މާބައިދޫ، ނ. ވެލިދޫ، ހއ. އުތީމު، ކ. މާފުށި، ކ. ދިއްފުށި، ކ. ހިންމަފުށި އަދި ގއ. ކޮލަމާފުއްޓެވެ.

އެ ރަސްމިއްޔާތުގައި ދިރާގުގެ ޑިރެކްޓަރު އަދި ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ވިދާޅުވީ ދިރާގު އުފެދުނީއްސުރެ މަސައްކަތްކުރަމުންދަނީ ރާއްޖޭގެ ތަރައްގީއަށާއި ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ވަރަށް ގިނަ މަސައްކަތްތަކެއް އެކުލެވޭ ގޮތަށް ހިމެނޭ ސްޓްރެޓެޖީއެއްގެ ދަށުން ކަމަށެވެ.

"ދިރާގަކީ މާކުރީއްސުރެވެސް ލާމަރުކަޒީ ސްޓްރަކްޗާއެއްގެ ތެރެއިން، ހިދުމަތްތައް ރަށްރަށުގައި ފޯރުކޮށްދިނުމަށް ރަނގަޅުކުރުމަށް ރަށްރަށުގައި އޮޕަރޭޝަންސް ސެންޓަރުތައް ގާއިމުކުރެވި، އޮޕްރޭޝަންސްތައް ބެހި، އެ ރަށަކުން އެ ރަށެއްގެ މުވައްޒަފުން ނަގައިގެން އެ ބައެއް އެ ރަށުގައި ތަމްރީނުކޮށްގެން އެބޭފުޅުންލައްވައި އެތަނެއް ހިންގުމުގެ ނިޒާމު ގާއިމުކޮށްފައި މިއޮތީ،" ރިޔާޒް ވިދާޅުވިއެވެ.

އެހެންވީމަ މި ކުރެވޭ މަސައްކަތަކަކީ މެންޑޭޓުގެ ތެރެއިން ދާއިރާގެ ތެރެއިން ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމާއި އަދި ނުސީދާ ގޮތްތަކުންވެސް ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދޭވޭނެ ނިޒާމެއް ގާއިމުކޮށް ފަރުމާކޮށްފައިވާ ހިދުމަތެއް ކަމަށް ރިޔާޒް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ ރަށު އެކްސްޕޯއަކީ ކުރިއަށްދާނެ އަދި ކުރިއަށްގެންދަންޖެހޭނެ އިވެންޓެއް ކަމަށާއި މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ އެކްސްޕޯއެއް ކަމަށެވެ. އަދި ރާއްޖޭގައި މިހާރު ވަރަށް ގިނަ އަދަދެއްގެ ބޭރުގެ އެމްބަސީތައް އެބަހުރި ކަމަށާއި ވަރަށް ގިނަ އަދަދެއްގެ އިންވެސްޓަރުންވެސް ތިބި ކަމަށް ސައީދު ވިދާޅުވިއެވެ.

"ހަގީގަތުގައި އިންޓަގްރޭޓެޑް ޓުއަރިޒަމްގެ ވަރަށް ތަފްސީލު ވާހަކަތަކެއް މިއަދު އަޅުގަނޑުމެންނަށް ފެނިގެންދާނެ. މިކަންކަން އެކްޒެބިޓްކޮށް މިކަންކަން ޝޯކޭސް ކުރުމުގެ ބޭނުމަކީ ތިބޭފުޅުން ރަށްތަކުގައި، އަތޮޅުތެރޭގައި ކުރާ ވަރަށް ބުރަ މަސައްކަތްތަކެއް ސްޓާޓްއަަޕްތަކެއްގެ ގޮތުގައި ކުރާ މަސައްކަތްތަކެއް މިގޮތްގޮތަށް ޝޯކޭސް ނުކުރެވޭ ކަމަށް ވެއްޖެއްޔާ މި ކަންކަމަށް ދޭންވާ އަހަންމިއްޔަތުކަން ނުދެވި އޮތުމުގެ ސަބަބުން މާކެޓިން އަށްވެސް އޭގެ އަސަރުކުރޭ،" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއަށް ގިނަ އަދަދެއްގެ އިންވެސްޓަރުން ވެސް ޒިޔާރަތްކުރާކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ ސަރުކާރުން ރާއްޖޭގެ މާކެޓް އެކްސެސް ހޯދައިދިނުމަށާއި މެދުފަންތީގެ މާކެޓިންއަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވީ ރަށު އެކްސްޕޯތައް އިތުރަށް ކުރިއަށްގެންދެވޭނީ ހުރިހާ ރަށު ކައުންސިލުތަކުން ސަރުކާރާއި މިނިސްޓްރީތަކާ ގުޅިގެން މަސައްކަތްކުރުމުން ކަމަށެވެ.

ރަށު އެކްސްޕޯގެ ޓައިޓަލް ސްޕޮންސަރަކީ ދިރާގެވެ. ގޯލްޑް ޕާޓްނަރަކީ ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެވެ. އަދި ޑެސްޓިނޭޝަން އައިލެންޑަކީ ފުވައްމުލަކު ސިޓީއެވެ.

އޭގެ އިތުރުން އައިލެންޑް އޭވިއޭޝަނާއި ސްޓެލްކޯ ވެސް ވަނީ މި އެކްސްޕޯގައި ބައިވެރިވެފައެވެ.