އަލަށް ގެދޮރު ހަދަން ބޭނުންވާ މީހުންނަށް ނުވަތަ ހަދަން ފަށާފައި ހުރި ގެ ނިންމުމަށް، ފަސް ޕަސަންޓް އިންޓްރެސްޓް ރޭޓުގައި ހައުސިން ލޯނު ލިބޭ ސްކީމް، 'ހިޔާވެހި' އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ އަންނަ އޭޕްރީލް މަހުގެ 8ގެ ނިޔަލަށް ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު 8 ގައި ފުރަތަމަ އެ ލޯނު ސްކީމަށް ފުރުސަތު ހުޅުވާލި އިރު، ލޯން ސްކީމަށް ކުރިމަތިލެވޭނެ ސުންގަޑިއެއް އިއުލާންކޮށްފައެއް ނުވެއެވެ.
ހައުސިން މިނިސްޓްރީން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެ ސްކީމަށް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޭޕްރީލް 8 ވާ އަންގާރަ ދުވަހުގެ ރޭ 11:59 ކަމަށެވެ.
ހިޔާވެހި ފައިނޭންސިން ސްކީމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވައުދުފުޅުގެ ދަށުން، ބޭންކުތަކުން ފަސް ޕަސަންޓު އިންޓަރެސްޓް ނެގޭނެ އުސޫލުގެ ދަށުން ދޫކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ފެސިލިޓީއެކެވެ.
ހިޔާވެހި ސްކީމަށް އެދި ހުށަހަޅަން ޖެހޭނީ އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް، hiyaavehi.housing.gov.mv މެދުވެރިކޮށެވެ. އެ ޕޯޓަލްއަށް ލޮގިން ކުރެވޭނީ އީފާސް އިންނެވެ.
"ހިޔާވެހި ފައިނޭންސިން ސްކީމް"ގެ ބައިވެރީންނަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އެވެ. އެ ސްކީމްގެ ދަށުން ބޯހިޔާވަހިކަމަށް ގެދޮރު އިމާރާތްކުރަން ލޯނު ދޫކުރާނީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ.
- އަތޮޅު ތެރެއަށް: މި ގިންތީގެ ރަށްރަށުގައި ގެދޮރު އަޅަން އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ. މި ލޯނަށް އެއްވެސް އިކުއިޓީއެއް ދައްކާކަށް ނުޖެހޭނެ. މި ލޯނު ދޫކުރާނީ އެޗްޑީއެފްސީ މެދުވެރިކޮށް.
- އާބަން ސެންޓަރުތަކަށް: ތިން މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ. މި ލޯނު ދޫކުރާނީ ބީއެމްއެލާއި އެމްއައިބީ މެދުވެރިކޮށް.
- ފުރަމާލެއަށް: މާލެ ސަރަހައްދުގައި ގެއަޅަން ހަ މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ. މި ސްކީމްގެ ބޭނުމަކީ ގެދޮރު ހަދަން ބޭނުންވެ ހަދަން ނުފެށިފައިވާ ފަރާތްތަކަށް ލޯނު ދޫކުރުމާއި، ހަދަން ފަށައި ނުނިމި ހުރި އިމާރާތްތައް ނިންމަން އެހީވުމާއި، މާލޭގައި ހިމެނޭ ކުދި ބިންތައް އެއްކޮށްލައިގެން ގެ ހަދަން މަގުފަހިކޮށްދިނުން.
ފުރަމާލެ ކެޓަގަރީގައިވާ ގޮތުން އެ ކެޓަގަރީގެ ދަށުން ދޫކުރާ ލޯނުގެ ދަށުން 600 އަކަފޫޓަށްވުރެ ކުޑަ ދެ ބިން ނުވަތަ އެއަށްވުރެ ގިނަ ބިން އެއްކޮށްލައިގެން ލޯނަށް ހުށަހަޅާ ކޮންމެ ފަރާތަކަށް ކޮންމެ ބިމަކަށް އިތުރު އެއް މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ހިމަނަން ފުރުސަތު ލިބޭނެއެވެ.
ބޯހިޔާވަހިކަމަށް އިސްކަންދިނުމުގެ ގޮތުން މިއަހަރަށް ފާސްކޮށްފައިވަނީ އެކަމަށް ހާއްސަ ބަޖެޓެކެވެ. ގެދޮރުވެރިކަމުގެ ލޯނު ސްކީމާއި ގެދޮރު އެޅުމަށް ހިމެނި 1.5 ބިލިއަން ރުފިޔާއާއެކު ޖުމުލަ 2.5 ބިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފައެވެ.
މިދިޔަ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ، ހިޔާވެހި ސްކީމަށް ކޮންމެ އަހަރެއްގެ ބަޖެޓުގައި ވެސް އެއް ބިލިއަން ރުފިޔާ ހާއްސަކުރައްވާނެ ކަމަށާއި ކުޑަ އާބާދީއަކަށް ވިޔަސް، ބޮޑު އާބާދީއަކަށް ވިޔަސް ކަނޑައެޅިފައި އޮންނަ އުސޫލުން، ކަނޑައެޅިފައި އޮންނަ ލެވެލްއަކަށް ލޯނު ނެގޭނެ ކަމަށެވެ. އަދި އެއް ބިލިއަން ރުފިޔާ ހިމަނާފައިވިޔަސް، އެ ސްކީމުގެ ދަށުން ދެ ބިލިއަން ރުފިޔާގެ ލޯނު ދޫކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު