ރައްޔިތުންގެ މަޖިލިސް މެންބަރުން ޕާޓީން ކަނޑާލައި، އަދި ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހަކީ ގާނޫނުއަސީއާ ހިލާފު އިސްލާހެއް ކަމަށް ބުނެ އެ އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައަށް ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން، އެ ކޯޓުގެ އެއްވެސް ފަނޑިޔާރެއްގެ މައްސަލައެއް ބަލައި ފިޔަވަޅު އެޅުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް މިއަދު އެދިއްޖެއެވެ.

ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށް އަންގާ އަމުރެއްގެ ގޮތުގައި، ދައުލަތުގެ އެންމެހައި ފަރާތްތަކުގެ މައްޗަށް މި އަމުރު ނެރެދިނުމަށް ހުށަހަޅާފައިވަނީ، ގޮނޑީގެ މައްސަލަވެސް ހުށަހެޅުއްވި، މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު، އަދި ގާނޫނީ ވަކީލު އަލީ ހުސައިނެވެ.

މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ސަރުކާރުން ހުށަހަޅައިގެން މިހާރުއޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން އަލީ ހުސެއިން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ، އަންނަ ހޯމަ ދުވަހު ފެށުމަށް ސުޕްރޯމް ކޯޓުގައި ވަނީ އެޖެންޑާ ކޮށްފައެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ބޭނުންކޮށްގެން، އެ މައްސަލައަށް ސަރުކާރުން ނުފޫޒު ފޯރުވުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކަކަށް ފިޔަވަޅު އަޅައި އެބޭފުޅުން މަގާމުން ދުރުކުރުމަށް މަސައްކަތްކުރަމުންދާ އަޑުތަކެއް ވަނީ ފެތުރިފައެވެ.

އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން ނެރެދިނުމަށް އަލީ ހުސެއިން އެދިވަޑައިގެންވާ ވަގުތީ އަމުރުގައި ވަނީ، ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައަކީ އާންމު މަސްލަހަތާ ގުޅިފައިވާ މައްސަލައަކަށް ވާއިރު، އެ މައްސަލަ ބަލަން ތިބި ފަނޑިޔާރުންގެ މައްސަލަތައް ބަލައި މަގާމުން ވަކިކުރުމުގެ ނުސީދާ އިންޒާރުތަކެއް ލިބެމުންދާ ނަމަ، މައްސަލައިގެ ނިންމުމަށް އަސަރުކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. އެކަން އެހެންވާ ނަމަ، ޖެހިލުމެއްނެތި މިނިވަންކަމާއެކު މަސައްކަތްކުރުމުގެ ފުރުސަތު ފަނޑިޔާރުންނަށް ގެއްލިގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެހެންކަމުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބެލުން ކުރިއަށް ނުގެންދިއުމަށާއި، ޖިނާއީ ތަހުގީގުތައް ހިންގުމާއި ފަނޑިޔާރުން މަގާމުން ވަކިކުރުމަށް މަސައްކަތް ނުކުރުމަށާއި، އެފަދަ ފިޔަވަޅުތައް އަޅާނެ ކަމަށް ދޭހަވާ އެއްވެސް އަމަލެއް ނުހިންގުމަށް ދައުލަތުގެ އެންމެހައި ފަރާތްތަކުގެ މައްޗަށް އަމުރު ކޮށްދިނުމަށް އަލީ ހުސެއިން ވަނީ އެދިވަޑައިގެންފައެވެ.

ސުޕްރީމް ކޯޓުން ބުނެފައިވަނީ، ގޮނޑި ގެއްލޭ މައްސަލަ ބަލާނީ، އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުން (ފުލް ބެންޗުން) ކަމަށެވެ.

ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބަވާ ހަތް ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއްތަސިމް އަދުނާންގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު ޑރ. އިބްރާހިމް ދީދީ، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ.