ކުރީގެ ފިރިމީހާގެ ގަޔަށް ވަޅި ހަރައި މަރާލި ކަމުގެ ކުށް ސާބިތުވެ, އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ހ. ބައިކަނޑިގޭ، މަރިޔަމް ނަޒާހާގެ މައްޗަށް ގަސްދުގައި އޭނާގެ ކުރީގެ ފިރިމީހާ މަރާލިކަމުގެ ދައުވާ ސާބިތުވާ ކަމަށް ހައިކޯޓުން ކޮށްފައިވާ ހުކުމަށް ތާއީދުކޮށް ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފިއެވެ.
ނަޒާހާ، އޭނާގެ ކުރީގެ ފިރިމީހާ ހަސަން ޝާހިދު (ޝާޑު) މއ. އެދުރުގޭ، ބުރަކަށްޓަށް ފަސް އިންޗީގެ ތިލައެއް ހުރި ވަޅިއެއް ހެރައި މަރައިލި ކަމުގެ ކުށް ސާބިތު ވަނީ އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. އެ ކުށް ކުރިކަމަށް ނަޒާހާ ވަނީ ކްރިމިނަލް ކޯޓު އަދި ހައިކޯޓުގައި ވެސް އިއުތިރާފު ވެފައެވެ. އެ ކުށަށް އިއުތިރާފު ވަމުން ނަޒާހާ ހައިކޯޓުގައި ބުނެފައި ވަނީ، ފިރިމީހާއަށް ހަމަލާ ދެވުނީ އޭރު ތަހައްމަލު ކުރަން ޖެހިފައިވާ އަނިޔާގެ ސަބަބުން ނަފުސާނީ ހާލަތެއްގައި ހުރެގެން ކަމަށެވެ. އަދި އަމިއްލަ ދިފާއުގައި ކަމަށެވެ. ނަމަވެސް ނަފުސާނީ އަނިޔާއެއް ލިބިފައިވާ ކަމުގެ ހެކި ނަޒާހާގެ ފަރާތުން ޝަރީއަތަށް ހުށަނާޅާތީ ނަޒާހާގެ އެ ވާހަކަތަކަށް ހައި ކޯޓުން ރިއާޔަތް ނުކުރެއެވެ.
ބުރަކަށްޓަށް ވަޅި ހެރުމުގެ ސަބަބުން ހަސަން ޝާހިދު ވަނީ މަރުވެފައެވެ. ނަޒާހާގެ މައްޗަށް މަރުގެ ހުކުމް ޝަރީއަތުން އިއްވާފައި ނުވަނީ ހަސަން ޝާހިދުގެ ވާރިސުންގެ ތެރެއިން އެންމެ މީހަކު ފިޔަވައި އެހެން މީހުން އެކަމަށް އިއުތިރާޒު ކުރުމުންނެވެ. މަރަށް މަރު ހިފަން ވެސް އަދި ނަޒާހާގެ ފަރާތުން މަރުގެ ދިޔަ ވެސް ބޭނުން ނުވާ ކަމަށް ވާރިސުން ބުނުމުން ތައުޒީރީ އަދަބެއްގެ ގޮތުން އުމުރު ދުވަހުގެ ޖަލު ހުކުމެއް ނަޒާހާ އަށް އިއްވިއެވެ.
ހައި ކޯޓުން ނަޒާހައަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ 2015 ވަނަ އަހަރުއެވެ. އެކޯޓުގެ ހުކުމެއް އިސްތިއުނާފު ކުރަން ބޭނުންވާ ނަމަ, 60 ދުވަހުގެ ތެރޭ އެކަމަށް ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭނެއެވެ. ނަމަވެސް, ނަޒާހާގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ 2021 ވަނަ އަހަރުގެ ޖުލައި މަހުއެވެ. އިސްތިއުނާފު ކުރުމުގެ މުއްދަތު ފަހަނަ އަޅައި ދިޔަ ފަހުން ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރަން ހުށަހެޅުމުން، ސުޕްރީމް ކޯޓުން ނިންމީ އެ މައްސަލަ ބަލައި ނުގަތުމަށެވެ. ނަމަވެސް ފަހުން މައްސަލަ ބަލައިގަތުމަށް ނިންމިއެވެ. ނަޒާހާ ސުޕްރީމް ކޯޓުގައި އެދިފައިވަނީ އޭނާގެ މައްޗަށް ގަސްދު މަރުގެ ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ސުޕްރީމް ކޯޓުން މިއަދު ވަނީ އެ މައްސަލައިގެ ހުކުމް އިއްވައިފައެވެ. އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މައްސަލައިގެ ރައުޔުގައި ވިދާޅުވީ ހަސަން ޝަހީދުގެ ބުރަކަށްޓަށް ވަޅިއަކުން ހަމަލާދިނީ އަމިއްލަ ފުރާނައިގެ ދިފާއުގައި ކަމަށް ނަޒާހާގެ ފަރާތުން ބުންޏަސް އެކަމަށް ބާރުދޭނެ އެއްވެސް ހެއްކެއް ހުށަހަޅައިފައިނުވާ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ނަޒާހާގެ މައްޗަށް ގަސްދު މަރު ސާބިތުވެ އޭނާ އުމުރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ގާނޫނުލްއުގޫބާތުގެ ދަށުން ކަމަށެވެ. ފަހުން އެ ގާނޫނު އިސްލާހު ކޮށްފައިވާ އިރު، ގާނޫނުގެ ދަށުން ނަޒާހާ އެދޭގޮތަށް އޭނާގެ މައްޗަށް ސާބިތުވެފައިވާ ގަސްދު މަރުގެ ހުކުމް ބަދަލުކޮށް، އެއީ އަމިއްލަ ދިފާއުގައި ކުރެވުނު ކަމެއް ކަމަށް ކަނޑައަޅައި ޖަލު ހުކުމް މާފުކޮށްދެވެން ނެތް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ޝަހީދަށް ހަމަލާދީފައިވަނީ އޭނާގެ ފަރާތުން ލިބެމުންދިޔަ ގެވެށި އަނިޔާގެ ސަބަބުން ""ބެޑާޓް ވުމަން ސިންޑްރޯމް" އަށް ހުށަހެޅިފައިވުމުގެ ސަބަބުން ކަަމަށް ނަޒާހާގެ ފަރާތުން ފާހަގަ ކުރިޔަސް، އެކަމާ ގުޅޭ އެއްވެސް މެޑިކަލް ލިޔުމެއް ނުވަތަ އެހެން ހެއްކެއް ހުށަހަޅައިފައިނުވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އެހެންކަމުން އަމިއްލަ ދިފާއުގައި މީހަކު މަރާލަންޖެހޭ ފަދަ މަޖުބޫރު ކަމެއް ނަޒާހާއަށް ކުރިމަތިވެފައިވާ ކަމަށް ނުބެލެވޭ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އިތުރަށް އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކިތަންމެ ބޮޑު މަޖޫބުރު ކަމެއް ކުރިމަތިވިޔަސް، މީހަކު މަރާލުމަށް އިސްލާމީ ޝަރީއަތް ޖާގަނުދޭ ކަމަށެވެ.
އުއްތަމަ ފަނޑިޔާރުގެ އެ ރައުޔަށް ބެންޗުގައި ތިއްބެވި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. އިބްރާހިމް ދީދީ ވަނީ ތާއީދު ކުރައްވައިފައެވެ. އުއްތަމަ ފަނޑިޔާރުގެ ރައުޔަށް ތާއީދުކުރައްވައި ފަނޑިޔާރު އަޒްމިރަލްދާގެ ރައުޔުގައި ވިދާޅުވީ އަމިއްލަ ދިފާއުގެ ހައްގު އުފަންވަނީ މީހަކު ހަމަލާދޭ ވަގުތު ކަމަށެވެ.
ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ވިދާޅުވީ ހަމަލާދޭތާ ގިނަ އިރުތަކެއް ފަހުން ހަމަލާ އަމާޒުވި މީހާ، ހަމަލާދިން މީހާއަށް ދޭ ހަމަލާއަކީ އަމިއްލަ ދިފާއުގައި ދިން ހަމަލާއެއް ކަމަށް ބެލެވިގެންނުވާނެ ކަމަށާއި އެކަމުގެ ޖިނާއީ ބުރަ އުފުލަން ޖެހޭނެ ކަމަށެވެ.
ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވީ "ބެޑާޓް ވުމަން ސިންޑްރޯމް" އަކީ އަމިއްލަ ދިފާއުގައި ބޭނުންކުރެވިދާނެ ކަމެއް ކަމަށެވެ. އަމިއްލަ ދިފާއުގެ އިތުރުން ބުއްދިއަށް އުނިކަން އައިސްފައިވާކަން ސާބިތުކޮށް ދިނުމުގެ ގޮތުން ވެސް "ބެޑާޓް ވުމަން ސިންޑްރޯމް" ބޭނުން ކުރެވިދާނެ ކަމަށް ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވިއެވެ.
ނަމަވެސް ނަޒާހާގެ ފަރާތުން "ބެޑާޓް ވުމަން ސިންޑްރޯމް" ހާލަތަށް ހުށަހެޅިފައިވާކަން އަންގައިދޭނެ އެއްވެސް ހެއްކެއް ހުށަހަޅައިފައިނުވާކަން ފަނޑިޔާރު އަޒްމިރަލްދާ ވެސް ފާހަގަކުރެއްވިއެވެ. ނަޒާހާގެ ފަރާތުން އޭނާއަކީ ނަފުސާނީ ބަލިމަޑު ކަމަކަށް ހުށަހެޅިފައިވާ މީހެއް ކަމަށް ފާހަގަ ކުރި ނަމަވެސް ހެއްކެއް ނެތުމުގެ ސަބަބުން އެކަން އޭނާއަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވިއެވެ.
މި މައްސަލައިގައި ރައުޔު ތަފާތުވީ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދެވެ. ތަފާތުވި ރައުޔުގައި ފަނޑިޔާރު ޝުޖޫން ވިދާޅުވީ ހަސަން ޝަހީދަށް ހަމަލާދިން ކަމަށް ނަޒާހާ ދަށު ދެ މަރުހަލާގައި ވެސް އިއުތިރާފުވެފައިވާ ކަމަށާއި ނަޒާހާ ފާހަގަކުރާ ކަމަކީ ހަސަން ޝަހީދަށް ހަމަލާދީފައިވަނީ މަރާލުމުގެ ނިޔަތުގައި ނޫން ކަމަށެވެ.
ފަނޑިޔާރު ޝުޖޫން ވިދާޅުވީ ހަސަން ޝަހީދުގެ ފަރާތުން ނަޒާހާއަށް ތަކުރާރުކޮށް ގެވެށި އަނިޔާ އާއި އެހެނިހެން އަނިޔާ ލިބެމުންދިޔަ އިރު، އެ އަނިޔާއިން ރައްކާތެރިވުމުގެ ފުރުސަތު ނަޒާހާއަށް ލިބިފައިނުވާ ކަމަށެވެ. ހަސަން ޝަހީދަށް ހަމަލާދީފައިވަނީ މަރާލުމުގެ ނިޔަތުގައި ނޫން ކަމަށް ނަޒާހާގެ ފަރާތުން ބުނުމުގެ ސަބަބުން މިއީ ގަސްދު މަރެއްތޯ ބެލުމުގައި ހިލާފު އުފެދިފައިވާ ކަމަށެވެ. ނަޒާހާ، ހަސަން ޝަހީދަށް ހަމަލާދިން ގޮތަށް ބަލާއިރުގައާއި މައްސަލައިގެ ކަން ހިނގައިފައިވާ ގޮތަށް ބަލާއިރު، މި މަރާލުމުގެ ގަސްދު އޮވެގެން ދިން ހަމަލާއެއް ކަމަށް ނުބެލެވޭ ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ.
ފަނޑިޔާރު ޝުޖޫން ވިދާޅުވީ ނަޒާހާ، ހަސަން ޝަހީދަށް ހަމަލާދީފައިވަނީ ހަސަން ޝަހީދު، އޭނާއަށް ހަމަލާދޭން އުޅޭ ކަމަށް ބެލެވިގެން އެ ހަމަލާއިން ދިފާއުވުމަށް ކަމަށެވެ. މި މައްސަލައާ ގުޅިގެން ނަޒާހާ ހައްޔަރުކުރި އިރު، އޭނާއަށް ތުހުމުތުވާ ކުށް ފުލުހުން ސާފުކޮށްދީފައިނުވާތީ ނަޒާހާ ތަހުގީގަށް ދިން ބަޔާނަކީ އޭނާގެ މައްޗަށް ގަސްދު މަރު ސާބިތުކުރުމަށް ބޭނުންކުރެވިދާނެ ވަސީލަތެއް ނޫން ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ. ނަޒާހާގެ ފަރާތުން ދީފައިވާ އެ ބަޔާނަށް ބަލާއިރު ވެސް ހަސަން ޝަހީދަށް ހަމަލާދީފައިވަނީ މަރާލުމުގެ ގަސްދު އޮވެގެން ކަމަށް ނުބެލެވޭ ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ.
ޝާހިދަށް ހަމަލާދިން ދުވަހު، އޭނާ، ނަޒާހާ ދިރިއުޅޭގެއަށް ވަދެފައިވަނީ ހުއްދަ ނެތި ކަމަށާއި އެ ގެއަށް ވަނުމަށްފަހު އިތުރު މީހަކަށް ވެސް ގޮވައި ގެއަށް ވަނުމަށް ހަސަން ޝަހީދު އެންގިކަން ސާފުވާ ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ. ހަސަން ޝާހިދު، ނަޒާހާ ދިރިއުޅޭ ގެއަށް ހުއްދަ ނުހޯދައި ވެދެފައިވަނީ ގަދަބާރުން ކަމަށާއި ޝަހީދަކީ ތަފާތު އެކިފަހަރު މަތިން އަނިޔާކުރާ މީހެއްކަން ނަޒާހާ ބުނެފައިވާ ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ. އެހެންކަމުން އެ ދުވަހު އެކަން ހިނގައިދިޔަ ގޮތް ބަލާއިރު، މިއީ މަރާލުމުގެ ގަސްދު އޮވެގެން ދިން ހަމަލާއެއް ކަމަށް ނުބެލެވޭ ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ.
އެކަން ފާހަގަކުރައްވައި ފަނޑިޔާރު ޝުޖޫން ރައުޔު ކަނޑައެޅުއްވީ މި މައްސަލަ އަލުން ބެލުމަށް ކުރިމިނަލް ކޯޓަށް ތަހުވީލު ކުރުމަށެވެ.
ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުގެ ރައުޔު އިއްވައި ނިމުމުން އުއްތަމަ ފަނޑިޔާރު ވަނީ މި މައްސަލައިގެ ހުކުމް އިއްވައިފައެވެ. މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އައުލަބިއްޔަތުން ކުރެއްވި ހުކުމުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ނަޒާހާގެ މައްޗަށް ކޮށްފައިވާ ގަސްދު މަރުގެ ދައުވާއާ ގުޅިގެން ހައިކޯޓުން ކުރި ހުކުމަށް ބަދަލެއް ގެންނަންޖެހޭ ގާނޫނީ އަދި ޝަރުއީ ސަބަބެއް ނެތުމުން އެ ހުކުމަށް ތާއީދުކުރައްވާ ކަމަށެވެ.
ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ކުރިން ނަޒާހާ ވަނީ ކްލެމެންސީ ބޯޑަށް ހުށަހަޅައިގެން ހުކުމަށް ލުޔެއް ހޯދުމަށް މަސައްކަތް ކޮށްފައެވެ. ހައިކޯޓުން ވަނީ ނަޒާހާ އެދިއްޖެ ނަމަ އޭނާގެ ހުކުމް ލުއިކޮށްދެވިދާނެ ކަމަށް ވެސް ކަނޑައަޅައިފައެވެ. ހައި ކޯޓުގެ ނިންމުމާ އެއްގޮތަށް ކްލެމެންސީ ބޯޑުން ވަނީ ނަޒާހާގެ ޖަލު ހުކުމުން ފަސް އަހަރު އުނިކޮށްދީފައެވެ.
އުމުރުން 21 އަހަރުގައި ނަޒާހާގެ މައްޗަށް އުމުރު ދުވަހުގެ އަހަރުގެ ހުކުމެއް އައި އިރު, މިހާރު އޭނާ ވަނީ ޖަލުގައި 13 ވަރަކަށް އަހަރު ހޭދަކޮށްފައެވެ. އޭނާގެ 25 އަހަރުގެ ޖަލު ހުކުމުން ފަސް އަހަރުގެ މާފުކޮށްދީފައިވާ އިރު، ދެން އޭނާ ތަންފީޒު ކުރަންޖެހޭނީ ހަތް އަހަރުގެ ޖަލު ހުކުމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު