ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިގުތިސޯދީ އަދި މާލީ ހާލަތުން އަރައިގަތުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސަބްސިޑަރީ ކުންފުނިތަކުން ހަރަދުތައް ކުޑަކުރުމުގެ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ކުންފުނިތަކަށް އަންގައިފިއެވެ.
ޕީސީބީން މިއަދު ކުންފުނިތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ ދައުލަތުގެ ހަރަދުތައް ހަމަމަގަށް އެޅުވުމަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ. ސަރުކާރު ކުންފުނިތަކުގެ ސަބްސިޑަރީ ކުންފުނިތަކުން ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަނީ އެ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށް ޕީސީބީން ބުންޏެވެ.
އެސްއޯއީތަކުން ހަރަދު ކުޑަކުރުމުގެ ގޮތުން އަޅަންވީ ފިޔަވަޅުތައް ޕީސީބީން ވަނީ ސާކިއުލާގައި ބަޔާންކޮށްފައެވެ.
- ރާއްޖެއިން ބޭރަށާއި އަތޮޅުތެރެއަށް ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ކުރުން މިވަގުތަށް ހުއްޓާލުން
- ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް މަދުކޮށް ބައިނަލްއަގުވާމީ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާ އޮންލައިންކޮށް ބައްދަލުކުރެއްވުން
- ރާއްޖެއިން ބޭރަށް ކޮންމެހެން ކުރާ ރަސްމީ ދަތުރުތަކުގެ ދިގުމިން ހަ ގަޑިއިރަށްވުރެ ދިގުނުވާނަމަ ފަސްޓް ކްލާހުގައި ދަތުރު ނުކުރުން
- ދަތުރުގެ ހުރިހާ ހަރަދެއް ބޭރުގެ ފަރާތްތަކުން ދޭ ދަތުރުތަކުގައި ކުންފުނިން ކުރާ ހަރަދު ވީހާވެސް ކުޑަކުރުން
- ފެރީގެ ހިދުމަތް ލިބޭ ސަރަހައްދުތަކުގައި ކުރަންޖެހޭ ދަތުރުތައް ފެރީ މެދުވެރިކޮށް ކުރުން
- އަތޮޅުތެރެއަށް ކުރާ ރަސްމީ ދަތުރުތަކުގައި ކެއުމާއި ހުރުމުގެ ހަރަދު އެންމެ ކުޑަވާނެ ގޮތަކަށް ދަތުރުގެ އިންތިޒާމުތައް ހަމަޖެއްސުން
- ކުންފުންޏަށް ސީދާ ގޮތުން ފައިދާވާ މަހާސިންތާތަކާއި ފެއާތަކުގައި ނޫނީ ބައިވެރިނުވުން
- ކުންފުނިން މިހާރު ފާސްކޮށްފައިވާ އިދާރީ އޮނިގަނޑުގައި ހިމެނޭ މަގާމެއް ކަމުގައިވީ ނަމަވެސް ކުންފުނީގެ އޮޕަރޭޝަންސް ހިންގުމަށް ކޮންމެހެން ނަގަންޖެހޭ މުވައްޒަފުން ފިޔަވައި އިތުރު މުވައްޒަފުން ނުނެގުން
- ޕީސީބީގެ ހުއްދައާ އެކުގައި ނޫނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ބަދަލު ނުގެނައުން
- ރަސްމީގަޑީގައި މަސައްކަތްތައް ނިންމޭނެ ގޮތަކަށް ކުންފުނީގެ މަސައްކަތްތައް ރޭވުމާއި ރަސްމީގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ނޫނީ އިތުރުގަޑީގައި މަސައްކަތް ނުކުރުން
- ދައުލަތުގެ ވިޔަފާރި ތަންތަނުގެ ޑޮލަރުން އާމްދަނީ ލިބޭ ތަންތަނުން ޑޮލަރުން މުސާރަ އާއި އިނާޔަތް ދިނުން ހުއްޓާލުން
- ތަމްރީނުތައް ހިންގުމުގައި ކުންފުނީގެ ކަމާ ގުޅޭ މުވައްޒަފުން ބޭނުން ކުރުމާއި ރާއްޖޭގެ ލިބެން ހުރި ވަސީލަތްތައް ބޭނުންކުރުން
- ކޮންމެހެން މިވަގުތަށް ކުރަންޖެހޭ މަސައްކަތެއް ނޫނީ އެހެން މަސައްކަތްތައް އައުޓްސޯސްކޮށްގެން ނުކުރުން
- ޑިޕާޓްމެންޓުތަކުގެ މަސައްކަތްތައް ބަލައި މުވައްޒަފުން އިތުރުވާނަމަ ނުވަތަ އައިޑަލްޓައިމް ގިނަނަމަ އެފަދަ މުވައްޒަފުން ކުންފުނިން ކޮންމެހެން ފަށަންޖެހޭ ޕްރޮޖެކްޓުތަކާއި ކުރިއަށްދާ ޕްރޮޖެކްޓްތަކުގައި ބޭނުންކުރުން
- - ކުންފުނި ހިންގުމުގައި އިއާދަ ކުރަނިވި ހަކަތަ ބޭނުން ކުރެވެން ހުރިނަމަ ވީ އެންމެ ފުޅާކޮށް އެކަންކުރުން އަދި ކަރަންޓުގެ ހަރަދު ކުޑަކުރުން
- - ކަރުދާހާއި ސްޓޭޝަނަރީސްއަށް ކުރާ ހަރަދު ކުޑަކޮށް މުއާމަލާތްތައް ޑިޖިޓަލްކޮށް ކުރުން
- - އިވެންޓުތައް ބޭއްވުމުގައި ވަސީލަތްތައް ހުރި ކުންފުނިތަކުން އެހެން ކުންފުނިތަކަށް ވަސީލަތްތައް ހިއްސާކުރުން
- - އިވެންޓުތަކުގެ ރިފްރެޝްމެންޓްތަކަށް ކުރާ ހަރަދު ވީހާވެސް ކުޑަކުރުން
- - ކުންފުނީގެ އެނުއަލް ޕްރޮކިއުމެންޓް ޕްލޭނާއި ބަޖެޓާއި އެއްގޮތަށް ޕްރިކިއުމެންޓުތައް ހިންގުން
- - ކޮންސިއުމަބަލް ގަތުމުގައި ކޮންމެހެން ބޭނުންވާ ވަރަށް ގަތުން
- - ސީއެސްއާރު އަދި ސްޕްންސާޝިޕްއަށް ކުރާ ހަރަދު މަދުކުރުން
- - ޕާސްކޮށްފައިވާ އަހަރީ ބެޖެޓުގައި ހިމަނާފައިވާ ކަންކަމުގެ ތެރެއިން ވެސް ކޮންމެހެން ކުރަންޖެހޭ ކަންކަން ފިޔަވައި އިތުރު ހަރަދުތައް މިވަގުތައް ނުކުރުމާއި އިސްރާފު ކުޑަކުރެވޭނެހެން މަސައްކަތްތައް ރޭވުން
ޚަބަރު
ޚަބަރު
ޚަބަރު