ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނުގެ ދަށުން މަނާކޮށްފައިވާ ވޭޕްގެ އާލަތްތައް އަތުލައި، ނައްތާލުމުގެ ބާރު ފުލުހުންނަށް ދީފިއެވެ.

ރާއްޖެއަށް ވޭޕް އެތެރެ ކުރުމާއި ވޭޕް ބޭނުންކުރުން މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވަނީ މަނާކޮށްފައެވެ. ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން އެ ތާރީހުން ފެށިގެން ވޭޕް ބޯ މީހުންނާއި ވިއްކާ މިީހުން ޖޫރިމަނާ ކުރެވުނު ނަމަވެސް އޭގެކުރިން އެތެރެކޮށްފައިވާ ވޭޕްތައް އަތުލުމުގެ ބާރު އެ ގާނޫނުން ދީފައެއް ނޯވެއެވެ.

ހެލްތް މިނިސްޓްރީން މިއަދު ގެޒެޓްކުރި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ އާންމު ގަވައިދުގައިވާ ގޮތުން، ރާއްޖެއަށް އެތެރެކުރުން މަނާ އިލެކްޓްރޯނިކް ސިނިރޭޓާއި ވޭޕްކުރުމަަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާ އެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުމެއް ބޭނުން ކުރުން މަނާތަނެއްގައި ބޭނުންކުރަނިކޮށް ފެނިއްޖެ ނަމަ ނުވަތަ އަތުގައި އޮތް ނަމަ ނުވަތަ ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ގާނޫނަކުން ލިބިދޭ ބާރެއްގެ ދަށުން ނުވަތަ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިކަމުގެ ތެރޭގައި އެފަދަ އެއްޗެއް ފެނިއްޖެ ނަމަ، އެ އެއްޗެއް ކަމާ ގުޅޭ ތަންފީޒީ އިދާރާގެ ބާރުގެ ދަށަށް ނެގިދާނެ ކަމަށާއި ނުވަތަ އަތުލެވިދާނެ ކަމަށެވެ.

އެ ގަވައިދުގައި ބުނީ އެ ގޮތަށް އަތުލާ ތަކެތި ތަންފީޒީ އިދާރާތަކުން ނައްތާލަން ޖެހޭނެ ކަމަށެވެ.

ގަވައިދުގައި ބުނީ ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި ކޯޓު އަމުރެއްގެ ދަށުން ތަންތަން ބަލައި ފާސްކުރާ އިރު، ފެންނަ ތަކެތި ވެސް އަތުލެވޭނެ ކަމަށެވެ.

ގަވައިދުގައި ބުނީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ވޭޕްގެ އާލާތެއް ގެންގުޅޭނަމަ، 2،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. އަދި އެ އެއްޗެހި ފުލުހުންނަށް ދޭން ދެކޮޅު ހަދައިފިނަމަ، 50،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި 21 އަހަރު ނުވާ މީހަކަށް ވޭޕް ވިއްކައިފިނަމަ، 50،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.