ކުންފުންޏަކުން ހިންގާ އަމަލަކަށް ފަރުދުން ޒިންމާވާން ނުޖެހޭނެ ކަމަށް ވިދާޅުވެ، ދައުލަތުން ކޮށްފައިވާ ޓެކުމުގެ 13 ދައުވާ ބޭރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ ފަރާތުން ކުރިމިނަލް ކޯޓުގައި އެދިއްޖެއެވެ.
އަލްހާނު ފަހުމީގެ އިތުރުން އޭނާގެ ދެ ކޮއްކޮ ކަމަށްވާ، ޝަހުބާން ފަހުމީ އާއި ޝަޒްބާން ފަހުމީން ކުރެ ކޮންމެ މީހެއްގެ މައްޗަށް ޓެކުމުގެ 13 ދައުވާއެއް ދައުލަތުން ވަނީ ކޮށްފައެވެ.
ކުރިމިނަލް ކޯޓުން މި މައްސަލައިގައި އެންމެފަހުން އަޑުއެހުމެއް ބާއްވައިފައިވަނީ 08 އޮކްޓޫބާ 2024 ގައެވެ. އެ އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާ އިއްވައި ދައުވާ ސާފުކޮށްދީފައެވެ. އަދި ދައުވާ ރައްދުވާ ފަރާތްތަކުން ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.
މިއަދު ކުރިމިނަލް ކޯޓުގައި ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި އަލްހާންގެ ފަރާތުން ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅައިފައެވެ. އަލްހާންގެ ވަކީލު އަލީ ސައީދު ވިދާޅުވީ، ދައުލަތުން އޭނާގެ މުވައްކިލުގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބަޔާންކޮށްފައިވާ ކަންކަމަކީ ކުންފުންޏަކުން ހިންގި އަމަލެއް ކަމަށެވެ. ކުންފުންޏާ ބެހޭ ގާނޫނުގައިވާ ގޮތުން ކުންފުނިތަކަކީ ގާނޫނީ ވަކި ޝަހުޝެއް ކަމަށާއި ކުންފުންޏާ ބެހޭ ގާނޫނުގައިވާ ގޮތުން ކުންފުންޏަކުން ހިންގާ އަމަލެއްގެ ޒިންމާ އުފުލަންވާނީ އެ ކުންފުނިން ކަމަށް އޭނާ ވިދާޅުވިއެވެ.
އަލީ ސައީދު ވިދާޅުވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ހިޔާނާތުގެ މައްސަލައާ ގުޅިގެން ދައުލަތުން ވަނީ ސަން ކުންފުނީގެ މައްޗަށް ދައުވާކޮށްފައި ކަމަށެވެ. އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިޔާނާތާ ގުޅިގެން ވެސް ދައުލަތުން ދައުވާކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަން ކުންފުންޏަށް ކަމަށެވެ. އެ އުސޫލުން ބަލާއިރު މި މައްސަލައިގައި އަލްހާނަށް ދައުވާ ކުރުމުގެ ބަދަލުގައި ދައުވާކުރަން ޖެހޭނީ ކިންގްސް ކެޕިޓަލްސްގެ މައްޗަށް ކަމަށް އަލީ ސައީދު ވިދާޅުވިއެވެ.
ކުންފުންޏާ ބެހޭ ގާނޫނުގައިވާ ގޮތުން ކުންފުނިން ހިންގާ ޖިނާއީ އަމަލަކާ ގުޅިގެން ދައުވާ ކުރަން ޖެހޭނީ އެ ކުންފުންޏަކަށް ކަމަށާއި އެ ކުންފުންޏެއްގެ ހިއްސާދާރުންނާއި ޑިރެކްޓަރުން ޒިންމާވާން ނުޖެހޭނެ ކަމަށް އަލީ ސައީދު ވިދާޅުވިއެވެ.
ޝަހުބާން ފަހުމީ އާއި ޝަޒްބާން ފަހުމީގެ ވަކީލު އާޒިމާ ޝުކޫރު ވިދާޅުވީ ރާއްޖޭގެ ގާނޫނުތަކުގައި ވަނީ ކޯޕަރޭޓް ވެއިލް ބަޔާންކޮށްފައިވާ ކަމަށެވެ. - ކޯޕަރޭޓް ވެއިލްއަކީ ކުންފުންޏަކުން ހިންގާ ކުށެއްގެ ޒިންމާ އެ ކުންފުންޏެއްގެ ހިއްސާދާރުންނާއި ޑިރެކްޓަރުން އުފުލަން ނުޖެހުމެވެ.
އާޒިމާ ވިދާޅުވީ ކުންފުނީގެ އަމަލަކަށް އެ ކުންފުނީގެ ހިއްސާދާރުންނާއި ޑިރެކްޓަރުން ޒިންމާ ކުރުވޭނީ ކޯޕަރޭޓް ވެއިލް ނަގާ ހާލަތުގައި ކަމަށާއި އެ ހާލަތަކީ ކުންފުނި ބޭނުންކޮށްގެން މަކަރާއި ހީލަތް ހަދާ ކަމަށް ސާބިތުކުރެވޭ ހާލަތްތައް ކަމަށެވެ.
ދިފާއުގެ ވާހަކަތަކަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލު ހައްވާ ނާހީ ވިދާޅުވީ ދައުވާ ލިބޭ ތިން މީހުންނާ ދެކޮޅަށް ދައުލަތުން ދައުވާ ކޮށްފައިވަނީ ކުންފުންޏަކުން ހިންގި އަމަލަކާ ގުޅިގެން ނޫން ކަމަށެވެ. އެ ފަރާތްތަކުގެ މައްޗަށް ދައުވާކޮށްފައިވަނީ ކުންފުނި ބޭނުންކޮށްގެން ކުންފުނީގެ ނަމުގައި ހިންގި ކަމަށް ތުހުމަތުކުރެވޭ ކުށަކާ ގުޅިގެން ކަމަށެވެ.
އެފަދަ ހާލަތްތަކުގައި ކުންފުނީގެ ހިއްސާދާރުންނާއި ޑިރެކްޓަރުން ކުންފުނީގެ އަމަލުތަކަށް ޒިންމާވާން ޖެހޭނެ ކަމަށެވެ. ފަރުދީ ގޮތުން ކުށުގެ ޒިންމާ އުފުލަން ޖެހޭނެ ކަން ސާބިތުވާ މިންވަރަށް މައްސަލައިގައި ހެކި ހުށަހަޅާފައިވާނެ ކަމަށް ދައުލަތުން ވިދާޅުވިއެވެ.
އެހެންކަމުން ކޯޕަރޭޓް ވެއިލް ނެގުމަށް ކަމަށް ބުނެ، ވަކި އަޑުއެހުމެއް ބާއްވައިގެން އެ ކަންކަން ސާބިތުކޮށްދިނުމަކީ ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ދައުލަތުން ވިދާޅުވިއެވެ.
ދައުލަތުން ވިދާޅުވީ ސީލައިފް ގްލޯބަލް ކުންފުނިން އެޕާޓްމެންޓް ވިއްކާ ކަމަށް ބުނެ މީހުންގެ އަތުން ފައިސާ ނަގައިފައިވާ މައްސަލައަކާ ގުޅިގެން ވެސް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އަންމަޓީ) ގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވާ ކަމަށެވެ.
މައްސަލަ ރައްދުވާ ތިން ފަރާތުން ވެސް ކޯޕަރޭޓް ވެއިލްގެ ދަށުން މި މައްސަލަ ބޭރުކޮށްދިނުމަށް އެދުނު ނަމަވެސް ގާޒީ އެ ހުށަހެޅުމާ މެދު ގޮތެއް ނިންމަވާފައިނުވެއެވެ. ގާޒީ ވިދާޅުވީ މިއީ އާންމުންގެ ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ މައްސަލައަކަށްވާތީ ނޫސްވެރިންނަށް އޮންލައިންކޮށް އަޑުއެހުމުގައި ބައިވެރިވެވޭނެ ގޮތަކަށް ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް ފުރުސަތު ދެއްވާނެ ކަމަށެވެ.
ގާޒީ އެގޮތަށް ވިދާޅުވީ މި މައްސަލަ ކުރިއަށް ގެންދަނީ ދައުވާ ލިބޭ މީހުން ކޯޓަށް ހާޒިރުކޮށްގެން ކަމަށްވާތީއެވެ.
މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ.
މި މައްސަލައިގައި އެންމެފަހުން ބޭއްވި އަޑުއެހުމުގައ ދައުލަތުން ވިދާޅުވެފައިވަނީ އަލްހާން ވަނީ ސޯޝަލް މީޑިއާގައި އެ ޕޮންޒީ ސްކީމް ޕްރޮމޯޓު ކޮށްފައި ކަމަށެވެ. އަދި ސްކީމަށް އެކި ފަރާތްތަކުން އިންވެސްޓު ކުރި ފައިސާ ޖަމާވެފައިވަނީ އަލްހާންގެ ބޭންކު އެކައުންޓަށް ކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ.
އަލްހާންއާ އެކު އެ މުއާމަލާތްތަކުގައި ޝަހުބާން ވަނީ ބައިވެރިވެފައި ކަމަށާއި ސްކީމް ހިންގި ކުންފުނީގެ ބޭންކު އެކައުންޓުން ޝަހުބާން އެކައުންޓަށް ފައިސާ ޖަމާވެފައިވާ ކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ.
ޝަޒުބާންގެ ހިއްސާ އޮންނަނީ ކިންގްސްގެ އެހެން ކުންފުންޏަކަށްކަން ފާހަގަކުރައްވައި ދައުލަތުން ވިދާޅުވެފައިވަނީ އެ ކުންފުނީގެ ހިއްސާގެ ބޮޑު ބައެއް އޮންނަނީ ސްކީމް ހިންގި ކިންގްސް ކެޕިޓަލަށް ކަމަށެެވެ.
ކިންގްސް ކެޕިޓަލްގެ ނަމުގައި ހަދާފައިވާ ޓެލެގްރާމް އެކައުންޓު ނިސްބަތްވާ ފޯނު ނަންބަރުގެ ވެރިފަރާތަކީ ޝަޒުބާން ކަމަށް ވެސް ދައުލަތުން ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު