ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލް، މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ބަހުސް ފަށައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހެޅުއްވީ، މައްޗަންގޮޅި ދެކުނު ދާއިރަގެ މެންބަރު މުސްތަފާ ހުސެއިން އެވެ.

ބިލް ހުށަހަޅާ ބޭނުމެއް ކަމަށް ބިލްގައި ހިމަނާފައިވަނީ، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް އާއްމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހިންގާ ނުރައްކާތެރި އަދި ބޮޑެތި ކުށްތަކުން ރައްޔިތުންނާއި މުޖުތަމައު ރައްކާތެރި ކުރުމަށްޓަކައި ކަމާބެހޭ ތަފްސީލީ ގާނޫނީ އޮނިގަނޑެއް ގާއިމުކޮށް ހަރުދަނާ ގޮތެއްގައި ތަންފީޒު ކުރުމަށް މަގުފަހިކުރުން ކަމަށެވެ.

ގޭންގުތަކުން ހިންގާ ކުށްތައް ހިމެނޭ ގޮތުން އިންތިޒާމުވެގެން ހިިންގާ ބޮޑެތި ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހިންގުން ހުއްޓުވުމަށްޓަކައި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ހިމެނޭ ގޮތުން ކުށުގެ ގޮތުގައި ކަނޑައެޅޭ އަމަލުތައް ބަޔާންކުރުމާއި އެ ކުށްތަކުގެ އަދަބު ކަނޑައެޅުން ވެސް ހިމެނެއެވެ.

މީގެ އިތުރުން ބޮޑެތި ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްޓަކައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ހާއްސަ ބާރުތަކެއް ދިނުން ވެސް ހިމެނެއެވެ. ކުޑަކުދީންނާއި ޒުވާނުން، އެފަދަ ކުށްތައް ކުރާ ވެށިން ދުރުކޮށް، އެފަރާތްތަކަށް ރައްކާތެރިކަންދީ، ހެޔޮ ގޮތުގައި މުޖުތަމައަށް ރުޖޫއަވުމަށް ފުރުސަތު ދިނުމަށް މަގުފަހިކޮށްދިނުމަށް ހާއްސަ ފިޔަވަޅު އެޅުމުގެ އުސޫލުތައް ކަނޑައެޅުންވެސް ބިލް ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ހިމަނާފައިވެއެވެ.

މި ބިލްގައިވާގޮތުން، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް އުފައްދައި ހިންގުމާއި، އެފަދަ ގްރޫޕަކަށް މީހުން ހޯދާއިރު، އެ ހޯދީ ކުޑަކުއްޖެއްނަމަ، އެމީހާ ކުރީ ކުށެއްކަމަށް ކަނޑައަޅައި، އަދަބަކީ 25 އަހަރަށް ޖަލަށްލުމާއެކު ދެލައްކަ ރުފިޔާ އާއި ދިހަ މިލިޔަން ރުފިޔާއާދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެއެވެ.

އެފަދަކަމެއްގައި އެހީތެރިވެދީ ބައިވެރިވުމަކީ ކުށެއްކަމަށް ކަނޑައަަޅައި އަދަބަކީ، 18 އަަހަރަށް ޖަލަށްލުމާއެކު، އެއްލައްކަ ރުފިޔާ އާއި ފަސްމިލިޔަން ރުފިޔާއާދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. އެފަދަ ގްރޫޕަކަށް މީހަކު ހޯދުމަކީ ކުށެއްކަމަށް ކަނޑައަޅައި އަދަބަކީ ވިހި އަހަރަށް ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާ އާއި ހަތް މިލިޔަން ރުފިޔާއާދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. އަދި އެގޮތަށް މީހަކު ހޯދަން އުޅުމާއި، ކުށްކުރާ ގްރޫޕެއްގައި ބައިވެރިވުމަކީ ކުށެއްކަމަށް ކަނޑަައަޅައި، އެމީހެއްގެ އަދަބަކީ، 15 އަހަރަށް ޖަލަށްލުމާއެކު ހަތްދިހަފަސްހާސް ރުފިޔާ އާއި ތިން މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ކުށްކުރާ ގްރޫޕެއްގައި ބައިވެރިވާން އުޅުނު މީހެއްގެ އަދަބަކީ 10 އަހަރު ދުވަހަށް ޖަލަށްލުމާއެކު 50،000 ރުފިޔާ އާއި ފަސްލައްކަ ރުފިޔާއާދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

މީގެ އިތުރުން އެމީހަކީ ކުށްކުރާ ގްރޫޕެއްގެ މެންބަރެއްކަން ދެއްކުމާއި، އެފަދަ ގްރޫޕެއްގެ ނިޝާން ގެންގުޅުމަކީ ކުށެކެވެ. އަދަބަކީ 12 އަހަރަށް ޖަލަށް ލުމާއެކު ހަތްދިހަ ފަސްހާސް ރުފިޔާ އާއި އެއްމިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

އެފަދަ ގްރޫޕަކަށް ތާއީދު ހޯދުމަކީ ކުށެއްކަމަށް ކަނޑައަޅައި، އަދަބަކީ 10 އަހަރަށް ޖަލަށްލުމާއެކު ފަންސާސްހާސް ރުފިޔާ އާއި ފަސްލައްކަ ރުފިޔާއާދެމެދުގެ އަދސދަކުން ޖޫރިމަނާ ކުރުމެވެ. އެގޮތަށް ތާއީދުހޯދަން އުޅޭމީހެއްގެ އަަދަބަކީ އަށް އަހަރަށް ޖަލަށްލުމާއެކު ފަންސާސްހާސް ރުފިޔާ އާއި ތިންލަައްކަ ރުފިޔާއާދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ބިލްގައިވާގޮތުން ތަނެއްގައި އިންތިޒާމުވެގެން ކުށެއްކުރާކަން އެނގޭއިރު، އެކަން ހިނގިޔަ ދިނުމާއި، އެކަން ހުއްދަކުރުމަކީ، އެތަނުގެ ވެރިފަރާތް، ނުވަތަ އެތަނާ ހަވާލުވެ ހުރި ފަރާތް، ނުވަތަ އެތަން ކުއްޔަށް ހިފައިގެން އުޅޭ ފަރާތް ކުށްވެރިވާނެ ކަމެކެވެ. އަދަބަކީ ފަސް އަހަރަށް ޖަލަށްލުމާއެކު ފަންސާސްހާސް ރުފިޔާ އާއި އެއްލައްކަ ރުފިޔާއާދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ކުށްކުރާ ގްރޫޕަކާބެހޭގޮތުން މީހަކު ޝަރީއަތަށް ކެހިބަސްދިނުމާއި، އެކަމާބެހޭ މައުލޫމާތު ފުލުހުންނަށް ދިނުން ހުއްޓުވުމަށް، މީހަކަށް އަނިޔާއެއް، އިންޒާރެއް، ނުވަތަ ގެއްލުމެއް ދިނުމާއި އެކަމުގައި ބައިވެރިވުމަކީ ކުށެކެވެ. އަދަބަކީ، ހަތް އަހަރަށް ޖަލަށްލުމައެކު ފަންސާސްހާސް ރުފިޔާ އާއި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމެވެ.

އިންތިޒާމުވެގެން ހިންގާ ކުށްތަކުގެ ތެރޭގައި ކަނޑަައަޅާފައިވާ ކުށެއް ކުރީ، ގާނޫނީ ޝަހުސަކުންކަމަށް ވެފައި، އެކަންކުރީ އެ ގާނޫނީ ޝަހުސުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް ނުވަތަ، އެޝަހްސު ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ މީހެއްގެ ރުހުމާއެކު ނުވަތަ އެއިން މީހަކަށް އެނގިހުރެކަމަށް ވާނަމަ، އެމީހެއްގެ އަދަބަކީ، އެއްމިލިޔަން ރުފިޔާ އާއި 100 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. އަދި އެކުށް ކުރީ ގާނޫނީ ޝަހުސެއް ނަމަ، އެ ގާނޫނީ ޝަހުސު އުވާލުމަަށް ކޯޓުން އަމުރުކުރަން ވާނެ ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.