ގުޅިފަޅުން އިތުރު 85 ހެކްޓަރު އަދި އުތުރު ތިލަފަޅުން 150 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގުޅިފަޅުން މިހާރު ހިއްކާފައިވަނީ 192 ހެކްޓަރުގެ ބިމެވެ. އުތުރު ތިލަފަޅުން ބިން ހިއްކުމަށް މިހާރު ވަނީ ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މިއަދު ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލަ އެންމެ ބޮޑީ މާލޭގައި ކަމަށާއި މާލެއަކީ މުޅި ދުނިޔޭގައިވެސް އެންމެ ބައިބޯ، ވެރިކަންކުރާ އެއް ސިޓީ ކަމަށެވެ.

ރައީސް ވިދާޅުވީ، މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ އެކަށީގެންވާވަރާ ގާތަށްވެސް ހައްލުކުރުމަށް ސަމާލުކަންދީފައި ނުވާކަމީ ފެންނަން އޮތް ހަގީގަތަކެއް ކަމަށާއި އެހެންކަމުން އެ މައްސަލައަށް ފުރިހަމަ ދާއިމީ ހައްލެއް ގެނައުމަކީ، އިޖުތިމާއީ ރޮނގުން އެ މަނިކުފާނުގެ އެންމެ މުހިންމު ޒިންމާ އަދި ވާޖިބު ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރުން ނިންމާފައިވަނީ މާލެ، ވިލިމާލެ، ހުޅުމާލެ، ގުޅިފަޅު، ގިރާވަރުފަޅު، އުތުރުތިލަފަޅު އަދި ފުށިދިއްގަރުފަޅުގައި މާލެ ރައްޔިތުންނަށާއި މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ކަމަށާއި އެ މަސައްކަތްތައް ފުރިހަމަވެގެންދާއިރު މާލެ ސަރަހައްދުގައި ދިރުއުޅޭ ބޯހިޔާވަހިކަމެއް ނެތް ރައްޔިތުންނަށް ދާއިމީ ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށެވެ.

"ގުޅިފަޅަކީ މާލޭގެ އެތައް ރައްޔިތުންނެއްގެ އުއްމީދާ ގުޅިފައިވާ ތަނެއް. އެތަނުގައި އިތުރު 85 ހެކްޓަރު ހިއްކުމަށް ފައިސާއާއި ކޮންޓްރެކްޓަރަކު ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ގުޅިފަޅުގައި އަސާސީ ހިދުމަތްތައް ގާއިމްކުރުމާއި މަގު ހެދުމަށް މިހާރު ވާނީ ކޮންޓްރެކްޓަރަކާ ހަވާލުކޮށްފައި ކަމަށާއި އެ ކަމުގެ އަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމަށް އިތުރު ޖާގަ ފަހިކުރުމަށްޓަކައި އުތުރު ތިލަފަޅުން 150 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މި އަހަރު ފެށިގެން ދާނެ ކަމަށެވެ. އަދި ހަމަ އެއާއެކު އުތުރުތިލަފަޅާއި ގިރާވަރު އަދި ތިލަފުށި ގުޅުވައިދޭ ބްރިޖުގެ އަމަލީ މަސައްކަތް މި އަންނަ އަހަރު ފެށުމަށް ފައިނޭންސް ހަމަޖެއްސުމަށާއި، އެހެނިހެން ފަންނީ، އިދާރީ މަސައްކަތް މިހާރު އަންނަނީ ކުރަމުން ކަމަށެވެ.

ރައީސް ވިދާޅުވީ، ގިރާވަރު ބިން ހިއްކުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ. އަދި ހުޅުމާލެ ފަޅުތެރެއިން ހިއްކަން ފަށާފައިވާ ބިން މި އަހަރު ޖުލައި މަހުގެ ކުރިން ހިއްކާ ނިންމިގެންދާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ގުޅީފަޅާ، ގިރާވަރުފަޅާ، ހުޅުމާލެ ފަޅުތެރެއިން ހިއްކާބިމުން ގޯތިލިބިފައިވާ ފަރާތްތަކަށް އެ ގޯތީގެ ރަޖިސްޓްރީ ބިން ހިއްކާ ނިމެމުންދާހާ އަވަހަކަށް ހަވާލުކޮށް ނިންމާނެ ކަމުގައި ދަންނަވަން. އަދި ހަމައެއާއެކު އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސްގެ އެހީހައި ގުޅީފަޅުގައި 4000 ސޯޝަލް ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއެއް މި އަހަރު ފެށުމަށް ދަނީ މަސައްކަތްތައް ކުރެވެމުން." ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލު ކުރުމަށް ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަމުން އަންނައިރު އަމާޒަކީ، މި އަހަރު ބިން ހިއްކުންނިންމައި އަންނަ އަހަރު އަސާސީ ހިދުމަތްތައް ގާއިމްކުރުމާއި މަގު ހެދުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް ފެށުން ކަމަށެވެ.