މި އަހަރު ރާއްޖޭގެ އިގުތިސޯދު 6.4 ޕަސެންޓް ކުރިއަރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ހެނދުނު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ އެކި ދާއިރާތަކުން ގައުމު ކުރިއަރުވައި ފާގަތި މުސްތަގުބަލެއް ހޯދުމަކީ އެ މަނިކުފާނުގެ އަމާޒު ކަމަށެވެ.

"އެގޮތުން ގައުމުގެ އިގުތިސާދީ ހާލަތަށް ބަލާއިރު 2024 ވަނަ އަހަރަށްވުރެ މިއަހަރު އިގުތިސާދީ ކުރިއެރުން ހަލުއިވާނެ. އެގޮތުން 2025 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދު 6.4 އިންސައްތައިން ކުރިއަރާނެ ކަމަށް އަންދާޒާކުރަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިދިޔަ އަހަރު ރާއްޖޭގެ ރަސްމީ ރިޒާވް ވެސް ވަނީ އިތުރުވެފައި ކަމަށާއި މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވްގައި 673.2 މިލިއަން އެމެރިކާ ޑޮލަރު ހުރި ކަމަށެވެ.

"މިއީ 2023 ވަނަ އަހަރު ނިމުނުއިރު ރިޒާވްގައި ހުރި 590.5 މިލިއަން އެމެރިކާ ޑޮލަރަށްވުރެ 14 އިންސައްތަ އިތުރު އަދަދެއް. އުންމީދީ އަންދާޒާއަކީ އިރާދަކުރެއްވިއްޔާ 2025 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވް 705.1 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވުން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އިގުތިސާދީ އުފާވެރި ނަތީޖާތަކާއެކު ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަކީ ވެސް ދިވެހި ދައުލަތާއި ދިވެހި ކޮންމެ ރައްޔިތެއްގެ ހައްގުގައި ކޮންމެހެން ކުރަން ޖެހޭކަމެއް ކަމަށެވެ. އަދި އެކަމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިދިޔަ އަހަރު މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައިވާނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.