ކަޅުއޮށްފުންމިއާއި އުސްގެކޮޅާ ގުޅިފައިވާ ޕާކު ޒަމާނީ މިއުޒިއަމަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ހެނދުނު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން މިއަހަރު ދިވެހި ސަގާފަތާއި ތަރިކަ ވަކިކޮށް ދެނެގަނެވޭނެ ޔުނިފޯމް ފްރޭމްވޯކްތައް އުފައްދަން ފަށާނެ ކަމަށެވެ.

"ހަމަ އެހެންމެ ތަރިކައިގެ ދާއިރާ ޑިޖިޓައިޒުކުރުމުގެ ސިޔާސަތުގެ ދަށުން އުސްގެކޮޅާއި ކަޅުއޮށްފުންމިއާއި އުސްގެކޮޅާ ގުޅިފައިވާ ޕާކު އިންޓަރެކްޓިވް އިމާސިވް އެކްސްޕީރިއަންސް ފޯރުކޮށްދޭ ޒަމާނީ މިއުޒިއަމަކަށް ބަދަލުކުރުމުގެ މަސައްކަތް މި އަހަރު ފެށޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހި ގައުމިއްޔަތުގެ ދާއިރާއިން ހާއްސަ މަޝްރޫއެއްގެ ގޮތުގައި ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކުރުމުގެ ގައުމީ މަޝްރޫއެއް ހއ. އަތޮޅުގައި މިއަހަރު ފެށޭނެ ކަމަށާއި އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހއ. އުތީމު، ތަކަންދޫ، ބާރަށް ހިމެނޭނެ ކަމަށެވެ.

"މި މަޝްރޫއު ކުރިއަށް ގެންދިއުމުގައި އެ ރަށްރަށުގައި ހިމެނޭ މާއްދީ އެހެނިހެން ތަރިކަތައް ވެސް ހިމަނައި ޝާމިލުކުރެވޭނެ. ސަބަބަކީ މި މަޝްރޫއު އެކުލަވާލެވޭނީ ދިވެހީންގެ އަމިއްލަވަންތަކަން އިއާދަކުރުމުގެ ސިޔާސަތާއި އަދި ދިވެހި ތާރީހުގައި މުޅިން އަލަށް ތައާރަފުކުރެވުނު ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތުގެ ދަށުން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ވީހާވެސް ފުރިހަމަ ގޮތެއްގައި، ޖެހިޖެހިގެން ދެ އަހަރު، މި އަހަރާއި އަންނަ އަހަރު ގައުމީ ފެންވަރުގައި ގައުމީ ދުވަސް އުތީމުގައި ފާހަގަކުރަން ގަސްދުކުރައްވާ ކަމަށާއި އުތީމު މަހާރަދުންނާއި ކަޅުއޮށްފުންމީގެ ފަހުލަވާނުން މި ގައުމަށްޓަކައި އެ ވެވަޑައިގެންނެވި މަތިވެރި ގުރުބާނީގެ ޒިކުރާ ވީ އެންމެ މަތީ ދަރަޖައެއްގައި އާކުރަން ބޭނުންފުޅުވާ ކަމަށެވެ. އަދި އެ މަތިވެރި ޖިހާދުން ލިބިދޭ ފިލާވަޅުތައް ޖީލު ޖީލަށް ރައްދުވަމުން ފޯރަމުން ދާން ނިހާޔަތަށް ބޭނުންފުޅުވާ ކަމަށް ވެސް ވިދާޅުވިއެވެ.