އިންތިހާއީ ފަގީރުކަން ނެތް ދުވަހެއް ވަރަށް އަވަހަށް ދިވެހީން ދެކޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ހެނދުނު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި ޒަކާތު ހައުސް އުފެއްދިކަން މިދިޔަ އަހަރު ދަންނަވާފައިވާނެ ކަމަށާއި ޒަކާތު ހައުސްގެ ސަބަބުން ރައްޔިތުންނާއި ގައުމަށް ލިބުނު މަންފާއަށް ބަލާ އިރު، ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އާމްދަނީ ހޯދޭނެ ވަސީލަތްތައް މިހާރު ގާއިމުކޮށްދޭން ފަށާފައިވާ ކަމަށެވެ. އަދި ޒަކާތުގެ ނިޒާމު ލާބަހުރި ޒަމާނީ ގޮތެއްގައި ތަރުތީބުކުރުމަށްޓަކައި ހަދަންޖެހޭ އުސޫލުތަކާއި، ގަވާއިދުތައް އެކުލަވާލައި ވާނީ ފާސްކުރެވިފައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަދި ޒަކާތުގެ މަސައްކަތްތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުރިއަށްގެންދިއުމަށްޓަކައި ބޭނުންވާ ފަންނީ ގާބިލުކަން ލިބިގަތުމަށްޓަކައި، "އިންޒެކް" އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް ވަނީ ބޭއްވިފައި. މިގޮތަށް ޒަކާތުގެ ނިޒާމު ޒަމާނީކުރެވި އުސޫލުތައް ހިނގާން ފެށުމުން ގައުމުގެ މާލީ އިޖުތިމާއީ އަދާލަތަށް، ނުވަތަ މުޖުތަމައުގެ އާންމު ފޯރުންތެރިކަމުގެ ނިސްބަތަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އައިސް، އިރާދަކުރެއްވިއްޔާ އިންތިހާއީ ފަގީރުކަން ނެތް ދުވަހެއް ވަރަށް އަވަހަށް ދިވެހީން ދެކޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިސްކިތްތަކާ ބެހޭ ގައުމީ މަޖިލީސް އަލުން އުފައްދާފައިވާނެ ކަމަށާއި މަޖިލީހުގެ ބައްދަލުވުންތައް ބާއްވައި، މިސްކިތްތަކުގެ ހަލަތު ދަނީ ދުވަހުން ދުވަހަށް ބެލެމުން ބެލެހެއްޓެމުން ކަމަށެވެ.

"ދައުލަތުގެ ބަޖެޓުން 2024 ވަނަ އަހަރު 7،868،953 (7.8 މިލިއަން) ރުފިޔާ މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތުކުރުމަށް ވާނީ ހަރަދުކުރެވިފައި. ހަމައެއާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ބިނާކުރުމުގެ 35 މަޝްރޫއު މިއަހަރު ކުރިއަށްގެންދެވޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ލީޑާޝިޕް ކޮލިޓީ އެންމެ ރަނގަޅަށް ހުންނަން ވާނީ މުސްލިމުންގެ ކިބައިގައި ކަމަށާއި އެހެންކަމުން އިސްލާމީ ލީޑާޝިޕް ކޮލިޓީ އުގަންނައިދީ ހޭލުންތެރިކުރުވުމަށްޓަކައި "އިސްލާމީ ލީޑާޝިޕް މެނޭޖްމަންޓް" ޕްރޮގްރާމެއް އެކަމާ ގުޅުންހުރި ދާއިރާތަކާއި ޖަމިއްޔާތަކަށް އަމާޒުކޮށްގެން، މިއަހަރު ކުރިއަށްގެންދާ ގޮތަށް ހަމަޖައްސަވާފައިވާނެ ކަމަށެވެ.