އިސްލާމީ ލީޑަޝިޕް ކޮލިޓީ އުނގަންނައި ދިނުމަށް އިސްލާމީ ލީޑަޝިޕް މެނޭޖްމަންޓް ޕްރޮގްރާމެއް ފަށަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ހެނދުނު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ޝައްކެއްވެސް ނެތްގޮތުގައި ދުނިޔެ ދުށް އެންމެ މަތިވެރި ލީޑަރަކީ ލޮބުވެތި ނަބިއްޔާ މުހައްމަދު ސައްލަﷲ އަލައިހިވަސައްލަމް ކަމަށާއި އެއީ އިލާހީ އެންގެވުމުގެ އިތުރަށް، މުސްލިމުންނާއި ޣައިރު މުސްލިމުން ވެސް އެ މައްޗަށް އެތައް އިއުތިރާފެއްވެ، އެތައް ފޮތެއް ލިޔެ އެ މައުޟޫއުގައި ޝާއިއުކުރެވިފައިވާ ސާފު ހަގީގަތެއް ކަމަށެވެ.

"އެހެންކަމުން ލީޑާޝިޕް ކޮލިޓީ އެންމެ ރަނގަޅަށް ހުންނަންވާނީ މުސްލިމުންގެ ކިބައިގައި. ވީމާ، އިސްލާމީ ލީޑާޝިޕް ކޮލިޓީ އުނގަންނައިދީ ހޭލުންތެރިކުރުވުމަށްޓަކައި "އިސްލާމީ ލީޑާޝިޕް މެނޭޖްމަންޓް" ޕްރޮގްރާމެއް އެކަމާ ގުޅުންހުރި ދާއިރާތަކާއި ޖަމިއްޔާތަކަށް އަމާޒުކޮށްގެން، މިއަހަރު ކުރިއަށްގެންދާ ގޮތަށް ވާނީ ހަމަޖައްސާފައި،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހީންގެ އިސްލާމީ އަގީދާ ވަރުގަދަކުރުމަށާއި، އިސްލާމްދީނާ މެދު ދިވެހީންގެ ހިތްތަކުގައި ލޯބި އިތުރުކުރުމަށާއި އިސްލާމީ އަޚްވަންތަކަމުން މުޖުތަމައުގެ ގުޅުންތައް ބަދަހިކޮށް، އިސްލާމީ އަހުލާގުން މުޖުތަމައުގެ ސުލޫކު ޒީނަތްތެރިކުރުމަށްޓަކައި މިދިޔަ އަހަރު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

"އެގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ރިސާލަތު ޕްރޮގްރާމްގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ފަރުމާކޮށް، މިދިޔަ އަހަރު ވާނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެ ޕްރޮގްރާމު ހިންގިފައި. އަދި މިއަހަރު ވެސް، ރިސާލަތު ޕްރޮގުރާމް މެދުކެނޑުމެއް ނެތި، ކުރިއަށްދާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ދިވެހި މުޖުތަމައު ފަރުޟު ފަސް ނަމާދަށް އަހުލުވެރިކުރުވުމުގެ މާތް މަގުސަދުގައި "ނަމާދު މަތިވެރިކުރުން" މި ނަމުގައި ވެސް މުހިންމު މަޝްރޫއެއް ފަށާފައިވާނެ ކަމަށެވެ.