ދިވެހީންގެ އުފާވެރިކަން މިންކުރުމަށް އެކުލަވާލާ "ހެޕިނަސް އިންޑެކްސް" އިފްތިތާހުކޮށްފިއެވެ.

ސަލްޓަން ޕާކުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި "ހެޕިނަސް އިންޑެކްސް" އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ފަސްޓްލޭޑީ ސާޖިދާ މުހައްމަދެވެ. އެ ރަސްމިއްޔާތުގައި ހެޕިނަސް އިންޑެކްސް ލޯގޯއާއި، ލަވަ ވެސް ވަނީ އިފްތިތާހުކޮށްފައެވެ.

"ހެޕިނަސް އިންޑެކްސް" ގެ މަސައްކަތްތައް ކުރިއަށްގެންދަނީ ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީންނެވެ. އެ މަސައްކަތުގެ ދިރާސާތައް ހެދުމަށް ހަވާލުކޮށްފައިވަނީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އާއެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ އަތްމަތި ތިޔާގިކަމާއި، ދުޅަހެޔޮކަމާއި، ނަފުސާނީ ފުދުންތެރިކަމާއި، އެފަދަ ހުރިހާ ކަމެއްގެ އިތުރަށް، ރޫހާނީ ވެށި ނުވަތަ އީމާންތެރިކަން ހަރުދަނާކުރަން އަބަދުވެސް ވިސްނަން ޖެހޭ ކަމަށާއި ހަގީގީ އުފާވެރިކަމުގެ ކިއްލާއަކީ އީމާންތެރިކަމުގެ ނޫރުން އަލިވެފައިވާ ހިތެއް ކަމަށެވެ.

ކޮންމެ އިންސާނަކާއެކުގައި ވެސް އުފާވެރިކަންވާ ކަމަށާއި އެ މީހަކަށް ހިތާމައެއް މެދުވެރިވިކަމުގައިވީ ނަމަވެސް، އަލުން އުފާވެރި ހާލަތަށް ރުޖޫއަވެވޭ ކަމަށެވެ. އަދި އެއީ ގުދުރަތުން އެކަން ލައްވާފައިވާ ގޮތްކަމުގައި މެޑަމް ސާޖިދާ ވިދާޅުވިއެވެ.

މެޑަމް ސާޖިދާ ވިދާޅުވީ ދިވެހީންނަކީ މުސްލިމުންކަމުގައިވާ ހިނދު، މާތްވެގެންވާ އިސްލާމްދީން އިރުޝާދު ދޭ ގޮތުގައި އިންސާނާގެ ހިތަށް ހަގީގީ ހަމަޖެހުމަކާއި އުފާވެރިކަމެއް ލިއްބައިދެނީ ހަމައެކަނި މާތްﷲ ހަނދުމަކުރުމުންނާއި، ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުމުން ކަމަށެވެ. އޭގެ އިތުރުން ރޫހާނީ މުއްސަނދިކަމަށް ބަލާ ނަމަ، އިންސާނާއާ އޭނާ ހެއްދެވި ފަރާތާ ދެމެދު މަތިވެރި ގުޅުމެއް، އަދި އިންސާނާގެ އަހުލާގުގައި ކިޔަމަންތެރި އުޅުމެއް ހަރުލާފައި ހުންނަން ޖެހޭ ކަމަށް ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ހެޕިނެސް އިންޑެކްސް އެކުލަވައިލެވުމުން އެކަން ތަންފީޒު ކުރެވިގެން ދާނީ ކައުންސިލްތަކާ ގުޅިގެން ކަމަށާއި އެކަމަށްޓަކައި ކައުންސިލުތައް އަހުލުވެރި ކުރުމުގެ މަސައްކަތްތައް މިނިސްޓްރީން ކުރިއަށްގެންދާނެ ކަމަށެވެ.

އޭގެ އިތުރުން ހެޕިނެސް އިންޑެކްސްގެ ދަށުން ކުރިއެރުން ހޯދާ ރަށްތަކަށް އެވޯޑުދެވޭނެ ގޮތްތަކެއް ވުމަކީ މުހިންމު ކަމެއް ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.