މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހިމް، އެ މަގާމުން ވަކިކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ދެންމެ ބުނީ އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުންނާއި ބޯޑު ޑިރެކްޓަރު ކަމުގެ މަގާމުން ވަޖީހު މިއަދު ވަކި ކޮށްފައިވާ ކަމަށެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވެ، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ވަޖީހު އައްޔަން ކުރީ 28 ނޮވެމްބަރު 2023 ގައެވެ.

އެމްޕީއެލްގެ އެމްޑީގެ މަގާމަށް އައްޔަން ކުރުމުގެ ކުރިން ވެސް ވަޖީހު ވަނީ އެކުންފުނީގެ ގިނަ މަގާމުތަކެއް ކުރިން ފުރުއްވައިފައެވެ. އެގޮތުން 2013 އިން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް އެމްޕީއެލްގެ އިސް މަގާމުތަކެއް އޭނާ ފުރުއްވި ބޭފުޅެކެވެ. އޭގެ ތެރޭގައި އެކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު ކަމާއި ޖެނެރަލް މެނޭޖަރު ކަމާއި އެސިސްޓެންޓް ސީއީއޯކަން ވެސް ފުރުއްވައިފައެވެ.

އޭގެ ފަހުން އޭނާ ވަނީ މިފްކޯގެ ބޯޑް މެންބަރުކަން ވެސް ކުރައްވައިފައެވެ. އަދި ރާއްޖޭގެ ގިނަ ސްކޫލުތަކެއްގެ ޕްރިންސިޕަލްކަމުގެ މަގާމު ވެސް އޭނާ ފުރުއްވިއެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފައިނޭންސް ޑިޕާޓްމެންޓްގައި ވެސް އޭނާ މަސައްކަތް ކުރެއްވިއެވެ.

ވަޖީހު ވަނީ އިނގިރޭސިިވިލާތުގެ އެންގްލިއާ ރަސްކިން ޔުނިވާސިޓީއިން އެމްބީއޭ ހާސިލުކުރައްވައިފައެވެ.