އަރްޖުން ކަޕޫރް، ބޫމީ ޕެޑްނެކަރް، އަދި ރަކުލް ޕްރީތް ސިންގް ފެނިގެންދާ ލޯބީގެ މަޖާ ފިލްމު "މެރޭ ހަސްބަންޑް ކީ ބީވީ" ގެ ޓްރެއިލާ ރިލީސްކޮށްފިއެވެ.

މި ޓްރެއިލާއިން އަރްޖުން 'ލޯބީގެ ވަށްބުރުގެ' ތެރެއިން ކަންތައްތައް ކުރިއަށް ގެންދާ ގޮތުގެ ކުޑަ ތަސައްވުރެއް ފެނިގެންދެއެވެ.

ޓްރެއިލާގައި ފެންނަގޮތުން އަރްޖުންގެ ކުރީގެ އަނބިމީހާ، ބޫމީ، އަށް ވަނީ ރެޓްރޯގްރޭޑް އެމްނީޝިއާ (ހަނދާންނެތޭ ބަލި) ޖެހިފައެވެ. އޭނާގެ ދިރިއުޅުމުގެ 5-6 އަހަރުގެ ހަނދާނުން ގެއްލިފައިވެއެވެ.

ބޫމީ ރަނގަޅުވަމުން އަންނަ ވަގުތު، އަރްޖުންއަށް ރަކުލް ދެކެ ލޯބިވެވި، އޭނާގެ ކުރީގެ ލޯބި އަދި މިހާރުގެ ލޯތްބާ ދެމެދަށް ވެއްޓެއެވެ. ފަހުން ރަކުލް އާއި ބޫމީ އަރްޖުންގެ ލޯބި ހޯދުމަށްޓަކައި ހަނގުރާމަކުރާތަން ފެނެއެވެ. އަދި އޭނާ ހޯދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާތަން ފެނެއެވެ. މީގެ އިތުރުން، މި ޓްރެއިލާގައި ހަރްޝް ގުޖްރާލް ވެސް ތައާރަފުކޮށްދީފައިވެއެވެ. އޭނާއަކީ އަރްޖުންގެ ރައްޓެއްސެކެވެ. އަދި އޭނާ އަރްޖުންއަށް މި 'ލޯބީގެ ވައްބުރުގެ' ތެރެއިން ކަންތައްތައް ކުރިއަށް ގެންދިއުމަށް އެހީތެރިވެދެއެވެ.

މި ވީޑިއޯ ހިއްސާކުރަމުން، ފިލްމުގެ ފަރާތުން ލިޔެފައިވަނީ، "މި މޫސުމުގެ އެންމެ ބޮޑު މަޖާގަނޑަށް ތައްޔާރުވާށެވެ، މިއީ ތިންކަން ލޯބީގެ ވާހަކައެއް ނޫނެވެ، މިއީ ފުރިހަމަ ވައްބުރެކެވެ!"

“ޕަތީ ޕަތްނީ އައުރް ވޯ" އަދި "ކޭލް ކޭލް މޭ" ފަދަ ކޮމެޑީ ފިލްމުތަކަށް މަޝްހޫރު މުދައްސަރް އަޒީޒް ޑައިރެކްޓްކޮށްފައިވާ "މޭރޭ ހަސްބަންޑް ކީ ބީވީ" އަކީ ވަޝޫ ބަގްނާނީ އާއި ޕޫޖާ ފިލްމްސްއިން ހުށަހަޅާ ފިލްމެކެވެ. މި ފިލްމް ޕްރޮޑިއުސްކޮށްފައިވަނީ ވަޝޫ ބަގްނާނީ، ޖެކީ ބަގްނާނީ، އަދި ދީޕްޝިކާ ދޭޝްމުކްއެވެ.

އަރްޖުން ކަޕޫރް، ބޫމީ ޕެޑްނެކަރް، އަދި ރަކުލް ޕްރީތްގެ އިތުރުން، މި ފިލްމުގައި ދީނޯ މޮރެއާ، ހަރްޝް ގުޖްރާލް، ޝަކްތީ ކަޕޫރް، އަދި އެހެނިހެން ތަރިން ވެސް ބައިވެރިވެއެވެ. މި ފިލްމް ތިއޭޓަރުތަކުގައި ދައްކަން ހަމަޖެހިފައިވަނީ މިމަހު 21ގައެވެ.