ހުޅުމާލެ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެއެވެ.

ފުލުހުން ދެންމެ ބުނީ ރޭ 8:19 ހާއިރު ހުޅުމާލެއިން މާލެއަށް އަންނަ ލޭންގެ ސޯލާ ޕެނަލްތައް ކައިރީ މަސައްކަތް ކުރާކަން އަންގައިދޭން ބަހައްޓާފައި ހުރި ކޯނެއްގައި ސައިކަލެއް ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު ހެނދުނު 9:05 ހާއިރު މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މަރުވެފައިވަނީ ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.