ޝާހިދް ކަޕޫރު ވަނީ އެކްސްގައި 'އާސްކް މީ އެނީތިން' (އޭއެމްއޭ) ސެޝަނެއް ބާއްވައިފައެވެ. މި ސެޝަންގައި ސަޕޯޓަރުން އޭނާއާ އެކި ކަހަލަ ސުވާލުތައް ކުރިއެވެ. އޭނާގެ އާ ފިލްމު 'ދޭވާ' ގެ ތަޖުރިބާއިން ފެށިގެން މަގުބޫލު އެހެން ފިލްމުތަކާ ބެހޭގޮތުން ސުވާލުކުރިއެވެ.

ކޮންމެ ސަޕޯޓަރަކު ވެސް ބޭނުންވަނީ އެމީހުންގެ އެކްޓަރުގެ ދިރިއުޅުމާ ބެހޭ އެތެރޭގެ މައުލޫމާތު ހޯދާށެވެ. ޝާހިދް އޭނާގެ 'ފޭވަރިޓް' ތަކާ ބެހޭ ބައެއް މައުލޫމާތު ސަޕޯޓަރުންނާ ހިއްސާކުރިއެވެ.

ސަޕޯޓަރުންގެ ތެރެއިން ޝާހިދަށް މިހާރު އެންމެ މަގުބޫލު އެކްޓަރުންނަކީ ކޮބައިތޯ ސުވާލުކުރިއެވެ. ޖަވާބުގައި ޝާހިދު ބުނެފައިވަނީ ރިތިކް ރޯޝަން އަދި ރަންބީރް ކަޕޫރު ކަމަށެވެ.

ޕޮލިސް ފިލްމުތަކުގައި ވަރަށް ތަފާތު ވައްތަރުތަކެއް ހުރެއެވެ. މިފަދަ ފިލްމުތައް ގިނަ އަހަރުތަކެއް ވާންދެން ކާމިޔާބުކަމާ އެކު ދެމިގެންދެއެވެ. 'ސިންގަމް' ގެ ފުރަތަމަ ބައިން ފެށިގެން އެންމެ ފަހުގެ ގިނަ ތަރިން ބައިވެރިވާ ސީކުއަލް 'ސިންގަމް އަގެއިން' އާ ހަމައަށެވެ. އެކަމަކު ޕޮލިސް ފިލްމުތައް މާކެޓަށް އައީ ވަރަށް ގިނަ ދުވަސް ކުރިން، 70 ގެ އަހަރުތަކުން ފެށިގެންނެވެ.

ޝާހިދަށް އެންމެ މަގުބޫލު ޕޮލިސް ފިލްމަކީ ކޮބައިތޯ އެހުމުން އެއީ ކްލެސިކް ފިލްމުތަކުގެ ތެރެއިން އެއް ފިލްމުކަމަށް ބުނެ އަމީތާބް ބައްޗަން ލީޑް ރޯލުގައި ތަމްސީލުކުރި 'ޒަންޖީރް' ކަމަށް އޭނާ ބުންޏެވެ.

ޝާހިދުގެ އާ ޕޮލިސް ފިލްމު އަޅުވަން ހަމަޖެހިފައިވަނީ މިއަދުއެވެ. މި އެކްޝަން-ތްރިލަރ 'ދޭވާ' ގައި ޝާހިދް ތަމްސީލުކުރަނީ ލީޑު ރޯލު ކަމުގައިވާ ދޭވާ އަމްބްރޭގެ ދައުރެވެ. ޕޫޖާ ހެގްޑޭވެސް މި ފިލްމުގައި އުޅެއެވެ. އޭއެމްއޭ ސެޝަންގައި، އޭނާ 'ދޭވާ' ސިފަކޮށްދިނީ އެގްރެސިވް، ވަލްނަރަބަލް، މީހެއްގެ ގޮތުގައެވެ.