ބޭންކުތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެންމެ އިސް މަގާމުތަކުގައި ތިބޭ މުވައްޒަފުންގެ ތެރެއިން 90،000 ރުފިޔާއަށްވުރެ އިތުރަށް މުސާރަ ލިބޭ މުވައްޒަފުންގެ މުސާރައިން އިތުރުވާ އަދަދު އުނިކުރުމަށް އަންގައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ، މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުރިއަށްއޮތް ދެ އަހަރު ދުވަހަށް ސަރުކާރު ކުންފުނިތަކުގައި ތިބޭ ޓެކްނިކަލް މުވައްޒަފުން ފިޔަވައި ކުންފުނީގެ އިސް މަގާމުތަކުގައި ތިބޭ މުވައްޒަފުންނަށް އެންމެ ގިނަވެގެން ދެވޭނީ 90،000 ރުފިޔާކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ކަމަށެވެ.

އެގޮތުން ބޭންކުތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުންގެ ތެރެއިން ރާއްޖެއިން ބޭރުގެ ޑިރެކްޓަރުން ފިޔަވައި ބޯޑުތަކުގެ ޗެއާމަނުން، މެނޭޖިން ޑިރެކްޓަރުން އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ހިމެނޭހެން މަހު މުސާރައާއި އިނާޔަތްތަކުން 90،000 ރުފިޔާއަށްވުރެ އިތުރަށް ލިބޭ ޑިރެކްޓަރުންގެ މުސާރައާއި އިނާޔަތްތަކުން 90،000 ރުފިޔާއަށްވުރެ އިތުރުވާ ބައި ޑިޑަކްޝަންގެ ގޮތުގައި އުނިކުރުމަށް ޕީސީބީން ވަނީ އަންގައިފައެވެ.

މީގެ އިތުރުން ޓެކްނިކަލް މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުންގެ މުސާރަވެސް 90،000 އަށްވުރެ އިތުރުވާނަަމަ އިތުރުވާ ބައި ކެނޑުމަށް ވެސް ޕީސީބީން އަންގާފައިވެއެވެ.

ޕީސީބީން ބުނީ އެ ފިޔަވަޅަކީ އިގުތިސޯދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި އެޅި ފިޔަވަޅެއް ކަމަށެވެ.

ސިޔާސީ މަގާމުތަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދި ކުންފުނިތަކުގެ ބައެއް މުވައްޒަފުންގެ މުސާރަތައް ކުޑަކުރާ ގޮތަށް ފިޔަވަޅުތަކެއް އެޅުމަށް ރައީސް މުއިއްޒު ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ނިންމަވައިފައެވެ.

ރައީސް ނިންމަވާފައިވަނީ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި ޝަރުއީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން ދިހަ ޕަސަންޓް އުނިކުރުމަށެވެ. އޭގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ވެސް ވަނީ ނިންމަވައިފައެވެ.

ރައީސް އޭރު ވިދާޅުވެފައިވަނީ އެ ފިޔަވަޅުތައް އެޅުމުގައި 12،000 ރުފިޔާއިން ދަށުން މުސާރަ ލިބޭ ފަރާތްތައް އިސްތިސްނާކުރާނެ ކަމަށެވެ. އަދި އެ މަނިކުފާނުގެ މުސާރައިގެ 50 ޕަސަންޓް ނުނަންގަވާ ގޮތަށް ހަމަޖައްސަވަން ދެންނެވުމަށް ވެސް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.