ރާއްޖޭގެ 57 ރަށެއްގައި 12،000 އަށްވުރެ ގިނަ ހައުސިން ޔުނިޓް ހަދައިދޭނެ ބަޔަކު ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އިން މިއަދު ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ ހައުސިން މިނިސްޓްރީގެ އެދުމުގެ މަތިން ރާއްޖޭގެ 57 ރަށެއްގައި ޕަބްލިކް ހައުސިން ޕްރޮޖެކްޓްގެ ދަށުން ބޯހިޔާވެހިކަމުގެ މަޝްރޫއުއެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ފިނޭންސުން ބުނީ އެ މަޝްރޫއުގައި ހިމެނެނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން 12،000 އަށްވުރެ ގިނަ ހައުސިން ޔުނިޓު ރާއްޖޭގެ 57 ރަށެއްގައި ގާއިމްކުރުމުގެ މަސައްކަތް ކަމަށެވެ.
ފިނޭންސުން ބުނީ އެ މަޝްރޫއުގެ ދަށުން އިއުލާނު ކުރުމަށް ހަމަޖެހިފައިވާ ކޮންޓްރެކްޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އާއި ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލު އަދި މާލިއްޔަތު ގަވާއިދުގެ ބަޔާންކޮށްފައިވާ ހަމަތަކުގެ މަތިން ކަމަށެވެ.
އެ މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކަށް އެކި ބާވަތުގެ ފައިނޭންޝަލް މޮޑެލް އޮޕްޝަންތައް މެދުވެރިކޮށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވޭނެ ކަމަށެވެ. އަދި ޕްރީ-ކޮލިފިކޭޝަން ޕްރޮސެސްއެއް މެދުވެރިކޮށް އޯޕަން ނޭޝަނަލް އަދި އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންއަށް ހުޅުވާލާ ކޮންޓްރެކްޓްތަކަށް ހާއްސަ ޕްރޮކިއުމަންޓް ނޯޓިސްތައް އަންނަ މަހުގެ ތެރޭގައި އިއުލާން ކުރާނެ ކަމަށް ފިނޭންސުން ބުންޏެވެ.
ޕްރީ-ކޮލިފިކޭޝަނަށް ދައުވަތު ދިނުމަށް މެއިލިން ލިސްޓުގައި ހިމެނުމަށް ޝައުގުވެރިވާ ބީލަންވެރިން، [email protected] މެއިލް ކުރުމަށް ފިނޭންސުން ވަނީ އެދިފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ގދ. ގެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ހޯޑެއްދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި ހުރިހާ ރަށެއްގައި ހައުސިން ޔުނިޓް އިމާރާތް ކުރުމަށްޓަކައި މިމަސް ނިމުމުގެ ކުރިން ޓެންޑާކޮށް، ބިޑަށް ހުލުވާލާނެ ކަމަށެވެ.
ރައީސް ވިދާޅުވެފައިވަނީ މިއަހަރާއި އަންނަ އަހަރުގެ ބަޖެޓު ތަރުތީބު ކޮށްފައިވަނީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ އަމަލީ މަސައްކަތްތައް ފެށުމަށް ކަމަށެވެ. ރައީސް ވިދާޅުވެފައިވަނީ އެންމެ އިސްކަމެއް ދެއްވަނީ ގެދޮރުވެރިކަމަށް ކަމަށާއި މިއަހަރުގެ ބަޖެޓަކީ ގެދޮރުވެރިކަމުގެ ބަޖެޓެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު