ކުރިއަށްއޮތް ރަމަޟާން މަހާ ދިމާކޮށް ގޭބީސީތަކުން އުކާލާ ތަކެތީގެ ތެރެއިން، ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތި އުކާލުމުގެ ބަދަލުގައި ހަދިޔާކުރުމަށް "އެއްގެއިން އަނެއްގެއަށް" ނަމުގައި ހާއްސަ ކެމްޕެއިނެއް ކުރިއަށްގެންދިއުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

އެޗްޑީސީން މިއަދު ބުނީ ރޯދަމަހާ ދިމާކޮށް ކުރިއަށްގެންދަން ނިންމާފައިވާ "އެއްގެއިން އަނެއްގެއަށް" ކެމްޕެއިނަކީ، އެއްގެއިން ބޭނުން ނުވާ ނަމަވެސް، ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތި ނެގުމަށްފަހު، އެތަކެތި ބޭނުންވާ އެހެން ފަރާތަކަށް ހަދިޔާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.

އެގޮތުން އެ ޕްރޮގްރާމަށް ހުޅުމާލޭގެ ކޮންމެ ގެއަކުންވެސް ތަކެތި ހަދިޔާ ކުރެވިދާނެ ކަމަށާއި އެ ޕްރޮގުރާމުގެ ދަށުން ބޮޑަށް އަމާޒުކުރަނީ ބޭނުންކޮށްފައިވާ އަދި ބޭނުންކުރެވޭ ހާލަތުގައި ހުރި ފަރުނީޗަރާއި ގޭގައި ގެންގުޅޭ އިލެކްޓްރޯނިކްސް ފަދަ ތަކެއްޗަށް ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދެ ހަފުތާގެ ނިޔަލަށް ކުރިއަށްގެންދާ އެ ޕްރޮގުރާމުގެ ދަށުން ގޭގެއިން ތަކެތި ނެގުމަށްފަހު، އެތަކެތި ބޭނުންވާ ކޮންމެ ފަރާތަކަށްވެސް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސޭނެ ކަމަށާއި އެގޮތުން ގޭގެއިން ތަކެތި ނެގުން ހުއްޓާލާނީ އަންނަ މަހުގެ 16 ވަނަ ދުވަހު ކަމަށެވެ. އަދި ތަކެތި ދޫކުރުމަށް ކަނޑައެޅިފައިވާ މުއްދަތަށް ފަހުގައި ބާކީ އެއްވެސް އެއްޗެއް ހުރެއްޖެ ނަމަ، އެތަކެތި ދޫކުރާނީ ބޭނުންޖެހިފައިވާ ފަރާތްތައް ދެނެގަތުމަށްފަހު، އެ ފަރާތްތަކަށް ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ޕްރޮގްރާމުގެ ދަށުން ތަކެތި ދޫކުރުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށް މެންދުރުފަހު 3:00 އިން ފެށިގެން ހަވީރު 6:00 އަށެވެ. ހުކުރު ދުވަސްތަކުގައި ވެސް މެންދުރުފަހު 3:00 އިން ފެށިގެން ހަވީރު 6:00 އަށް ތަކެތި ދޫކުރުމަށް ހަމަޖެހިފައިވާ އިރު، ހޮނިހިރު ދުވަސްތަކުގައި ތަކެތި ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 އިން ފެށިގެން ހަވީރު 6:00 އަށެވެ.

"މި ޕްރޮގުރާމުގެ މަގުސަދަކީ، ރަމަޟާން މަހުގައި އެކަކު އަނެކަކަށް ތަކެތި ހަދިޔާކުރުމާއި، ބޭނުންޖެހިފައިވާ ފަރާތްތަކަށް ތަކެތި ފޯރުކޮށްދީ އެހީތެރިވުމަށް ބާރު އެޅުމެވެ. އަދި މިއީ، ރަމަޟާން މަހާ ދިމާކޮށް ފްލެޓުތަކުން އުކާލުމަށް ނެރެފައި ހުންނަ ކުނީގެ މައްސަލަ ހައްލު ކުރުމާއެކު ނައްތާލަންޖެހޭ ކުނި މަދުކޮށް، އަލުން ބޭނުންކުރުމަށް ބާރު އެޅުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ..،" އެޗްޑީސީން ބުންޏެވެ.

އެއްވެސް ފަރާތަކުން އެ ޕްރޮގުރާމަށް ތަކެތި ހަދިޔާކުރަން ބޭނުންނަމަ، ނުވަތަ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންނަމަ، އެޗްޑީސީގެ ހޮޓްލައިން ނަންބަރު 7412111 އަށް ގުޅައިގެން ކުރިއަށްގެންދިއުމަށް އެޗްޑީސީން އެދެއެވެ.